މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް 2022 ގެ ފޭވަރިޓުންނަށް އިޓަލީ އާއި ސްޕެއިން ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މި ދެ ޓީމުގެ އެތުރުން ފަހަރުގައި އިތުރު އެހެން ޓީމެއް ވެސް ފޭވަރިޓުންގެ ލިސްޓުގައި ހިމެނި ދާނެ ކަމަށް މަންޗިނީ ބުންޏެވެ.
މަންޗިނީގެ އިރުޝާދުގެ ދަށުން ޔޫރޯ 2020 ގެ ތަށި އިޓަލީން އުފުލާލީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅު ވެގެނެވެ. އަދި ޖެހިޖެހިގެން 34 މެޗުން ބަލި ނުވެ އިޓަލީން ވަނީ ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލި ނުވެ ދުނިޔޭގެ ރިކޯޑް ވެސް ހަދާފަ އެވެ.
ފުރިހަމަ ޗެމްޕިއަން ކަމެއް ޔޫރޯގައި އިޓަލީން ހޯދި އިރު އެޓީމަށް އެންމެ އުނދަގޫވި މެޗެއްގެ ގޮތުގައި އިޓަލީގެ ކޯޗުގެ އިތުރުން ކުޅުންތެރިން ވެސް ފާހަގަ ކުރީ ސްޕެއިނާއެކު ކުޅުނު ސެމީ ފައިނަލެވެ. އެ މެޗުން އިޓަލީ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
ސްޕެއިނާއި ދެކޮޅަށް ނުކުތް މެޗާއި ގުޅޭ ގޮތުން މަންޗިނީ ބުނީ އިދިކޮޅު ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި، މެޗު ކޮންޓްރޯލް ކޮށްގެން ކުޅެން އިޓަލީން ނުވިސްނާ ކަމަށެވެ.
ޒުވާން ކުޅުންތެރިން ތަކަކާއެކު ނުކުމެ ސްޕެއިނުން ވަނީ މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މިފަހަރު ސްޕެއިނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ގޯލު ޖެހުމުގެ މައްސަލަ އެވެ. ނަމަވެސް މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ވާއިރަށް އެ މައްސަލަ ހައްލުވެ ޓިމު އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެ އެވެ.
ސްޕެއިނާއި އިޓަލީގެ އިތުރުން މަންޗިނީ އެ ފާހަގަ ކުރާ އަނެއް ޓީމަކީ އިންގްލެންޑް ކަމަށް ވެދާނެ އެވެ. އިންގްލެންޑުން ޔޫރޯ 2020 ގައި ވަނީ މިހާތަނަށް ޔޫރޯގައި އެމީހުން ނުހޯދާ ފަދަ ބޮޑު ކާމިޔާބީ އެއް ހޯދާފަ އެވެ. މީގެ ކުރިން ޔޫރޯގެ ފައިނަލަށް އިންގްލެންޑު ދަތުރު ކޮށްފައި ނުވާއިރު، މިފަހަރު އެމީހުން ވަނީ ތާރީހުގެ ތެރެއަށް ވަދެ ފުރަތަމަ ފަހަރަށް ޔޫރޯގެ ރަނައަޕް ކަން ނަގާފަ އެވެ.
އަނެއް ކޮޅުން ސްޕެއިން އެކޭ އެއްފަދައިން އިންގްލެންޑުގެ ވެސް މިފަހަރު އޮތީ ވަރަށް ޒުވާން ޓީމެކެވެ. ޔޫރޯ 2020 ގައި ލިބުނު ކާމިޔާބީގެ ބޭނުން ހިފައި މިއަންނަ އަހަރަށް އިންގްލެންޑުން މި އަށްވުރެ ބޮޑަށް ތައްޔާރު ވާނެކަން ގައިމެވެ.
ހަމަ އެހެންމެ ކޮޕަ އެމެރިކާގެ ފައިނަލުގައި ކުޅުނު އާޖެންޓީނާ އާއި ބްރެޒިލުންވެސް ވަނި މިއިން ޒަމާނަކު އެޓިމު ތަކުން ނުފެންނަހާ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެހެން ކަމުން ވޯލްޑް ކަޕް ފޭވަރިޓުންގެ ލިސްޓުގައި މި ދެޓީމު ހިމެނުން ވެސް ވަރަށް ގާތެވެ.