ޔުއެއާފާ ޔޫރޯ 2020

ބެލްޖިއަމް ބަލިކޮށް އިޓަލީ ސެމީ ފައިނަލަށް

ބެލްޖިއަމް ބަލިކޮށް އިޓަލީން ޔޫރޯ 2020 އިގެ ސެމީފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފި އެވެ.

ޖަރުމަނުގެ އެލިއެންޒް އެރީނާގައި މިރޭ އިޓަލީ އާއި ބެލްޖިއަމް ބައްދަލު ކުރި މެޗު އިޓަލީން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މެޗުގެ ހުރިހާ ލަނޑެއްވެސް ފެނުނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފެށިގެން ފުރަތަމަ ރަނގަޅު ކުޅުމެއް ކުޅުނީ ބެލްޖިއަމުންނެވެ. އެގޮތުން ފުރަތަމަ ކޮޅު ލުކާކޫގެ ހަމަލާ އަކާއި ޑިބްރައިނާގެ ބާރު ހަމަލާ ފާހަގަ ކުރެވެ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ ވަކި ހިސާބަކުން މެޗުގެ ކޮންޓްރޯލް ހޯދައި އިޓަލީން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ.

ކުޅުން ރަނގަޅުކޮށް އިންސީނިއާގެ ހިލޭ ޖެހުމަކުން އިޓަލީ ކެޕްޓަން ކިއެލީނީ ގޯލެއް ޖެހި އެވެ. ނަމަވެސް އެ ބޯޅަ ފޮނުވާލިއިރު އޭނާ އޮފްސައިޑް ކަމަށް ރެފްރީ ވަނީ ވީއޭއާރުގެ އެހީގައި ނިންމާފަ އެވެ.

އިޓަލީން ވަނީ ހިތްވަރު އެލުވާނުލާ ކުޅުން އަވަސްކޮށް ގޯލް ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އިޓަލީއަށް ލީޑު ނަގައިދިނީ ވެރާޓީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައިި ހުރެފައި ފޮނުވާލި ބާރު ހަމަލާއަކުން ބަރެއްލާ އެވެ. ލަނޑަށް ފަހުވެސް އިޓަލީން ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ 44 ވަނަ މިނެޓުގައި ލީޑު ފުޅާ ކުރި އެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގޯލުގެ ކަނަކަށް ބޯޅަ ވައްދާލައިގެން މިގޯލު އިޓަލީއަށް ކާމިޔާބު ކޮށްދިނީ އިންސީނިއާ އެވެ.

ނަމަވެސް މެޗުގެ 45 ވަނަ މިނެޓުގައި އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑޮކޫއަށް ޑި ލޮރެންޒޯ ކުރި ފައުލަކާ ގުޅިގެން ބެލްޖިއަމަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ބެލްޖިއަމަށް ފަރަގު ކުޑަ ކޮށްދިނީ ލުކާކޫ އެވެ.

ފުރަތަމަ ހާދު 2-1 އިން ނިމުނު އިރު ދެވަނަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ. ބެލްޖިއަމުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާ ތަކެއް ފޮނުވާލި ނަމަވެސް އިޓަލީގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ. އިޓަލީން ކުޅުނީ އެމީހުންގެ އާންމު ގޭމެވެ. މެޗުން މޮޅުވެފައި އޮތުމުން ފަހަތުގައި ގިނަ ވަގުތު ޕާސް ކޮށްގެން އެމީހުން ބެލީ މެޗު ލަސްކޮށް ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފެހެއްޓުމަށެވެ.

އިޓަލީގެ މި މޮޅާއި އެކު އެމީހުން ސެމީ ފައިނަލަށް ދަތުރު ކުރީ އެންމެ ފަހުން ކުޅުނު 32 މެޗުން ބަލިނުވެ، ޖެހިޖެހިގެން އެންމެ ގިނަ މެޗު ބަލިނުވެ ކުޅުނު ޓީމުގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ގާއިމު ކުރަމުންނެވެ.