ކްރިސްޓިއާނޯ ރޮނާލްޑޯގެ އެންމެ ފަހު ޔޫރޯ ކާމިޔާބު ކުރުމުގެ ހުވަފެން ފެނަށް ދުއްވާލުމަށްފަހު ބެލްޖިއަމުން ޕޯޗުގަލް ކަޓުވާލައިފި އެވެ.
ސްޕެއިންގެ ލަކާޓުޖާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބެލްޖިއަމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. ފުރަތަމަ ހާފުގައި ދެޓީމުން ފެނުނީ ދާދި އެއްވަރެއްގެ ކުޅުމެކެވެ. ދެ ޓީމުންވެސް މަސައްކަތް ކުރީ ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިގެން އިދިކޮޅުގެ ގޯލަށް ނުރައްކާ ކުރުމަށެވެ.
ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅަ ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ ހުށިޔާރު ކަމާއި އެކު މަތަކޮށްފަ އެވެ. މެޗުގައި ލީޑު ފުޅާ ކުރުމުގެ އިތުރުން، ޕޯޗުގަލް ޓީމަށް 110 ލަނޑު ޖަހައިދީ ރެކޯޑު ހަދަން ލިބުނު ފުރުސަތުގެ ބޭނުން ރޮނާލްޑޯއަށް ހިފޭގޮތެއް ނުވި އެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ބެލްޖިއަމަށް ލީޑު ނަގައިދިނީ އެޑެން ހަޒާޑުގެ ކޮއްކޮ ތޯގަން ހަޒާޑް އެވެ. މި ގޯލަކީ މުނިއޭ ދިން ބޯޅަ އަކުން އޭރިއާގެ ބޭރުގައި ހުރެފައި ހަޒާޑު ކާމިޔާބު ކުރި ލަނޑެކެވެ. ބާރު ރޮކެޓެއްހެން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޕޯޗުގަލް ކީޕަރުގެ އިނގިލި ކުރީގައި ހޭކިލާފަ އެވެ. މިއާއި އެކު ޕޯޗުގަލުން ގޯލެއް ޖަހަން އަވަސްވެގަތް ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1-0 އިން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޓީމު ކުރިއަށް ޖައްސައި ޕޯޗުގަލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ބެލްޖިއަމުން ވަނީ ބޯޅަ ގޯލަށް ވަނަނުދީ ދިފާއު ކޮށްފަ އެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާއަށް ބެލްޖިއަމްގެ ޑިފެންޑަރު ވާލަމް ހުރަސް އެޅި އިރު، ސަންޗޭޒް ނަގައިދިން ހުރަހެއް ފީލިކްސް ބޮލުން ޖަހާ ގޯލަށް ފޮނުވާލި ނަމަވެސް ބެލްޖިއަމްގެ ކީޕަރު ކޯޓުވާ ވަނީ ދިފާއު ކޮށްފަ އެވެ. އަދި އޭރިއާ ބޭރުން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ އެވެ.
ބެލްޖިއަމް ޓީމުން ވަނީ މެޗުގެ އޮއެވަރު ވަރަށް ބޮޑަށް ނަގައިގަނެ ކުޅުން ލަސް ކޮށްފަ އެވެ. އަދި ޕޯޗުގަލް ޓީމު ޕްރެޝަރަށް ވައްޓާލުމަށް ބެލްޖިއަމުން ކުރި މަސައްކަތުގެ ނަތީޖާ މެޗުގެ ފަހު ފަހު ވަގުތު ވަރަށް ރަނގަޅަށް ފެނުނެވެ. އަނެއް ކޮޅުން ޕޯޗުގަލް އިން އުފައްދަމުން ދިޔަ ހަމަލާތަކަށް ވަރަށް ބޮޑަށް ސަމާލުވެ ބެލްޖިއަމްގެ ޑިފެންސް ލައިނާއި ކީޕަރު ވަނީ އެބޯޅަތަށް ދިފާއު ކޮށްފަ އެވެ.
މި ނަތީޖާ އާއި އެކު އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މުބާރާތް ނިންމާލަން ޖެހުނީ މުބާރާތުގެ ދެވަނަ ބުރުންނެވެ. ކުއާޓާ ފައިނަލުގައި ބެލްޖިއަމް ބައްދަލު ކުރާނީ އިޓަލީއާ އެވެ.