ކޯޕާ އެމެރިކާ

ފުރަތަމަ މެޗުން އާޖެންޓީނާ މޮޅުވިއިރު މެސީއަށް ގޯލެއް ނުޖެހުނު

ރާއްޖެ ގަޑިން ރޭ ފަތިހު 5:00 ޖެހި އިރު އެމެރިކާގައި ފެށި ކޯޕާ އެމެރިކާ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ 2-0ގެ ތަފާތަކުން ކެނެޑާގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މެޗުގައި އާޖެންޓީނާ އިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ކެނެޑާގެ ގޯލަށް ގިނަ ހަމާލާތަކެއް ފޮނުވާލާފައިވެ އެވެ. މިމެޗު ވެގެން ދިޔައީ ފޯރިގަދަ ކުޅުމެއް ފެނުނު މެޗަކަށެވެ. ވަރަށް އަވަސް ގޭމެއް ފެނުނު މެޗަކަށް މިމެޗު ވެގެން ދިޔަ އެވެ. ދެޓީމަށްވެސް ލަނޑުޖަހާނެ ރަނުގެ ފުރުސަތުތައް ލިބިފައިވެ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ގޯލްޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފަ އެވެ. މުޅިން ހުސް އެތައް ފުރުސަތުތަކެއް މެޗުގެ ދެ ހާފުގައި ވެސް އޭނާއަށް ލިބިފައިވެ އެވެ. އެހެންނަމަވެސް މެސީއަށް މިމެޗުގައި ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

މެސީއަށް ލިބުނު އެއް ފުރުސަތުގައި އޭރިއާގެ ތެރެއިން ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު ޖެހި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މެސީގެ އިތުރުން ޑިމާރިއާއަށް ވެސް ހުސް ފުރުސަތުތަކެއް ލިބުނެވެ. އަދި އާޖެންޓީނާގެ އޮޓަމެންޑީއަށްވެސް ބޮލުން ޖަހާނެ ދެތިން ފުރުސަތު ލިބިފައިވެ އެވެ.

ކެނެޑާ ފެނުނީ ފިޒިކަލީ އާޖެންޓީނާ އަށް ވުރެ މާވަރުގަދަކޮށް ހަލުވިކޮށެވެ. އެކަމުގެ ސަބަބުން އާޖެންޓީނާގެ އަސްލު ކުޅުން ދެއްކުމަށް އެޓީމަށް ގޮންޖެހުންތައް ކުރިމަތިވި އެވެ.

ކެނެޑާއަށް މެޗުގައި މާގިނަ ފުރުސަތުތަކެއް ނުލިބު ނަމަވެސް އެޓީމުން ފުރަތަަމަ ހާފުގައި ވަރުގަދަކޮށް ކުޅެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހިފަހައްޓާފައި ވެއެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާއަށް އުޅެއުޅެ ވެސް ގޯލެއް ޖެހޭގޮތެއް ނުވި އެވެ.

ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ކެނެޑާގެ ޑިފެންސް ފޫދުއްވާލައްވާފަ އެވެ. ފުލުފުލުގައި އެޓޭކްތައް ދެމުން ގޮސް ގޯލު ހުޅުވާލީ ދެވަނަ ހާފުގެ 49 ވަނަ މިނެޓްގައި މެކް އަލިސްޓާ ދިން ބޯޅައަކުން އަލްވަރޭޒް އެވެ.

އޭގެފަހުންވެސް ކެނެޑާގެ ޑިފެންސަށް ބާރު ބޮޑުކުރި އެވެ. ދެވަނަ ގޯލު އާޖެންޓީނާ އަށް ޖަހައިދިނީ ކެޕްޓަން މެސީ ދިން ބޯޅައަކުން، ދެވަނަ ހާފުގައި ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އެ ގޯލު ޖެހީ 88 ވަނަ މިނެޓް ގައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދާފައިވާ ލިއޮނެލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ކޯޕަ އެމެރިކާއަށް އާޖެންޓީނާ އިން މިފަހަރު މިނިކުތީ މުބާރާތުގެ ތަށި ދިފާއު ކުރުމަށެވެ. 2021 ވަނަ އަހަރުގެ ކޯޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާ އަކީ 2022 ވަނަ އަހަރުގެ ވޯލްޑްކަޕްވެސް ކާމިޔާބުކޮށްފައިވާ ޓީމެވެ.

މި މުބާރާތުގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓޭނެ އެއް ކަމަކީ މެސީގެ ޖާދޫވީ ކުޅުން ބަލާލުމަށެވެ. މި މުބާރަތް ވެގެންދާނީ މެސީގެ ކުޅުން ފެންނާނެ އެންމެ ފަހު ކޯޕާ އެމެރިކާ އަށެވެ. ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މެސީއަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ އަށް "ގޯޓް"ގެ ލަގަބުން މުހާތަބުކުރެވެނީ އެހެންވެ އެވެ.

އާޖެންޓީނާ އަކީ މި މުބާރާތުގެ ފެވަރިޓުންކަންވެސް ފާހަގަކުރަން ޖެހެ އެވެ. ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާ މިމުބާރާތުގައި ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް އާޖެންޓީނާ އަކީ މި މުބާރާތުގެ ތަށި އެންމެ ގިނަފަހަރަށް އުފުލާފައިވާ ޓީމެވެ. އެޓީމުން ވަނީ 15 ފަހަރަށް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ކެނެޑާއިން މީގެ ކުރިން ކޯޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައިނުވާއިރު މިއީ އެ ޓީމުން ކޯޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ކެނެޑާގެ ޓީމުގައި ގިނައީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. ދެކުޅުންތެރިން ފިޔަވާ ދެން ތިބީ 25 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ކެނެޑާ އޮތީ ފީފާ ރޭންކިންގެ 49 ވަނައިގަ އެވެ.