އާޖެންޓީނާ

ކޯޕަ އެމެރިކާގެ ފޭވަރިޓަކީ އާޖެންޓީނާ

މިމަހުގެ 20 ގައި ފަށާ ކޯޕާ އެމެރިކާގެ ފޭވަރިޓުންނަކީ ލިއޮނަލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ކުޅޭ އާޖެންޓީނާ އެވެ. މިފަހަރު މި މުބާރާތް ކުޅުމަށް ހަމަޖެފައި އޮތީ އެމެރިކާ ގައެވެ.

ނިމިދިޔަ ވޯލްޑު ކަޕްގެ ތަށި ކާމިޔާބުކުރި ޓީމަކީވެސް އާޖެންޓީނާ އެވެ. ކޯޕާ އެމެރިކާ މުބާރާތުގައިވެސް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ މިއަހަރުގެ މުބާރާތުގައި ލައްވާލީ ޗިލިީ، ޕެރޫގެ އިތުރުން ކެނެޑާ ހިމެނޭ ގްރޫޕު އޭ ގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އާޖެންޓީނާ އާއި ކެނެޑާ އެވެ. މިއީ ކޯޕާ އެމެރިކާގައި ކެނެޑާ ކުޅޭ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ގުރުއަތުލުމުގައި ދިމާވިގޮތުން އާޖެންޓީނާއަށް ފައިނަލާ ހަމައިން ނޫނީ ވާދަވެރި ބްރެޒިލް އާއި އުރުގުއޭއާ އެއްކޮށް ގަދަހިފުމަކަށް ދާކަށް ނުޖެހޭނެ އެވެ. އެއީ ތަށި ދިފާއު ކުރުމުގެ ވަރުގަދަ އަޒުމުގައި ނުކުންނަ އާޖެންޓީނާގެ ޓީމަށް ލިބޭނެ އިތުރު ހިތްވަރެކެވެ.

މިފަހަރުގެ ކޯޕާ އެމެރިކާގައިވެސް މެސީގެ ފަރި ކުޅުމާ ޖާދޫވީ ހަރަކާތްތަކަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ދިވެހިންގެ ތެރޭގައިވެސް އާޖެންޓީނާ އަށާއި މެސީ އަށް ސަޕޯޓް ކުރާ ގިނަ ބަޔަކު އުޅެ އެވެ. ދިވެހިންނަށް މިފަހަރުގެ ކޯޕާ އެމެރިކާގެ މެޗުތައްވެސް ރާއްޖެއަށް ފެންނާނީ ރޭ ގަނޑުގެ ލަސް ވަގުތެއްގައެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި އޮތް އާޖެންޓީނާ މިފަހަރުގެ ކޯޕާ އެމެރިކާގެ ފައިނަލަށް ދަތުރުކުރާނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ހުނަރުގެ ގޮތުން ބަލާއިރު އާޖެންޓީނާގެ ޓީމާ ގާތްކޮށްލާ ވަރުގެ ޓީމެއް ވެސް މިފަހަރުގެ މުބާރާތުގައި ނެތެވެ. އެންމެ ވާދަވެރި ބްރެޒިލްގެ ސްކޮޑުގައި އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ.

އާޖެންޓީނާ ފައިނަލާ ހަމައަށް ދަތުރުނުކޮށްފިނަމަ އެއީ އެޓީމު ފެއިލްވުން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ.