އާޖެންޓީނާ

ޑި މާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ޑި މާރިއާ ނިންމައިފި އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ޖޫން މަހުގެ 20 އިން ޖުލައި 24 އަށް ކުރިއަށް ދާނީ އެމެރިކާ ގައެވެ.

އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑި މާރިއާ ބުނީ ކޮޕާ އެމެރިކާ މުބާރާތަކީ އޭނާ ގައުމީ ޓީމަށް ކުޅޭނެ ފަހު މުބާރާތް ކަމަށެވެ.

"މިއީ އަހަރެން ވަރަށް ވިސްނާފައި ނިންމި އެންމެ ފަހުގެ ނިންމުން. މިވިސްނުން ދެން ބަދަލުކުރާކަށް ބޭނުމެއް ނޫން،" ޑި މާރިއާ ބުނެފައިވެ އެވެ.

ޑި މާރިއާގެ އިންޓަވިއުގައި އެންމެ ބޮޑަށް ފާހަގަކުރީ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ނަމެވެ. އެގޮތުން އޭނާ ބުނީ މެސީއާ އެކު ގައުމީ ޓީމަށް އަދި ޕީއެސްޖީގައި އެކުގައި ކުޅެން ފުރުސަތު ލިބުމަކީ އަބަދުވެސް ދެކެން ބޭނުންވި ކަމެއް ކަމަށެވެ. އެކަން ހާސިލްވުމުން އުފާވާ ކަމަށްވެސް ބުންޏެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް 2008 ވަނަ އަހަރު ކުޅެން ފެށި ފަހުން ޑި މާރިއާ ވަނީ 134 މެޗުގައި 29 ލަނޑު ޖަހާފަ އެވެ.

ޑި މާރިއާގެ ބޮޑު ހިއްސާއަކާ އެކު އާޖެންޓީނާ އިން ވަނީ ކޮޕާ އެމެރިކާ 2021 އަދި ވޯލްޑް ކަޕް 2022 ކާމިޔާބުކޮށްފަ އެވެ.