ކޯޕާ އެމެރިކާ

ފުރަތަމަ ފަހަރަށް މެސީއަށް ކޮޕަ އެމެރިކާ

ކޮޕާ އެމެރިކާ 2021 ފައިނަލުގައި ބްރެޒިލް ބަލިކޮށް އާޖެންޓީނާއިން މެސީގެ ފުރަތަމަ ބޮޑު އިންޓަނޭޝަނަލް ޓްރޮފީ ހޯދުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދީފި އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި ރޭ ފަތިހު ބްރެޒިލާ ބައްދަލު ކުރި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި އާޖެންޓީނާ އަށް ލީޑު ނަގައި ދިނީ ޕީއެސްޖީގެ ތަރި އެންހެލް ޑިމާރިއާ އެވެ. މި ގޯލަކީ ޑިޕައުލް ދިން ތުރޫ ޕާހެއް ކީޕަރުގެ ބޯމަތިން ޗިޕް ކޮށްލައިގެން ޑިމާރިއާ ކާމިޔާބު ކުރި ގޯލެކެވެ. މެޗުގައި ޑިމާރިއާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް ބަލަން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ސްޓޭޑިއަމަށް ވަޑާއިގެންނެވި އެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ކުޅުނީ އާޖެންޓީނާ އިންނެވެ. އެގޮތުން އެމީހުން ވަނީ ބްރެޒިލްގެ ގޯލަށާއި ޑިފެންސް ލައިނަށް ބާރު ބޮޑުކޮށްފަ އެެވެ. މިއަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލްގެ އާދައިގެ މަތިން އެމީހުންނަށް ފުރަތަަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ނަމަވެސް ދެވަނަ ހާފުގައި ބްރެޒިލުން ވަނީ މޮޅު ކުޅުމެއް ދައްކައި އާޖެންޓިނާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން ރިޗާލްސަން ޖެހި ގޯލު އޮފްސައިޑު ވީއިރު، ބްރެޒިލްއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުފުނެވެ. އަދި ނޭމާ ވަނީ ރޭވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފަ އެވެ. އާޖެންޓީނާއިން ކުޅުނީީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ގޯލެއް ވަނަ ނުދިނުމަށެވެ.

އަނެއްކޮޅުން ލީޑު ފުޅާ ކުރަން މެސީއަށް ލިބުނު ފުރުސަތު އޭނާ ވަނީ ބޭކާރު ކޮށްލާފަ އެވެ. ރޭގެ ފައިނަލްގައި ވެސް ރަނގަޅު ކުޅުމެއް ކުޅުނު މެސީގެ ކުޅުން މި މުބާރާތުގެ އެހެން މެޗުތަކާއި އަޅާ ބަލާއިރު ރޭ ތަންކޮޅެއް ދަށެވެ.

މިއާއެކު އާޖެންޓީނާއިން ވަނީ 28 އަހަރުގެ އިންތިޒާރަށް ނިމުން ގެނެސް ކޮޕަ އެމެރިކާ ކާމިޔާބު ކޮށްފަ އެވެ. މިއީ އާޖެންޓީނާ ކޮޕަ އެމެރިކާ ކާމިޔާބު ކުރި 15 ވަނަ ފަހަރެވެ. މިއާއި އެކު އެމީހުން ވަނީ އެންމެ ގިނައިން ކޮޕަ އެމެރިކާ ކާމިޔާޞު ކޮށްފައިވާ އުރުގުއޭ އާއި ހަމަކޮށްފަ އެވެ.