އެކުވެރިކަމުގެ މެޗުގައި ރޭ 0-3 އިން ހޮންޑިއުރަސް ބަލިކޮށް އާޖެންޓީނާ އިން ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ފޯމު ދަމަހައްޓައިފި އެވެ.
އާޖެންޓީނާ މެޗަކުން އެންމެ ފަހުން ބަލިވީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ބްރެޒިލް އަތުންނެވެ. އޭގެފަހުން ކުޅުނު 34 މެޗުން ވެސް އެޓީމު ބަލިވެފައެއްނުވެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ 37 މެޗު ހަމަކުރި އިޓަލީ އެވެ. އޭގެކުރިން ސްޕެއިން އާއި ބްރެޒިލް ވެސް ވަނީ ބަލިނުވުމުގެ ރެކޯޑް ހަދައިފަ އެވެ.
އާޖެންޓީނާ ކުރިއަށް އޮތް ހަތަރު މެޗުގައި ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެޓީމަށް މި ރެކޯޑް ލިބޭނެ އެވެ. އާޖެންޓީނާ ދެން ކުޅޭ ހަތަރު މެޗުގައި ބައްދަލުކުރާނީ ޖެމައިކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައުދީ އަރަބިއާ އަދި މެކްސިކޯއާ އެވެ. ސައުދީ މެޗާއި މެކްސިކޯ މެޗަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗެވެ. ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ދެން ވާދަކުރާނީ ޕޮލެންޑާ އެވެ.
ރޭގެ މެޗުގައި އާޖެންޓީނާގެ ތަރިއަކަށްވީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައި އަނެއް ގޯލު ޖެހުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
ފުރަތަމަ ގޯލު 16 ވަނަ މިނެޓުގައި ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. އާޖެންޓީނާގެ ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން މެސީ ޖެހި ލަނޑެވެ. ފަހު ލަނޑު މެސީ ޖެހީ 69 ވަނަ މިނެޓުގަ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ މެސީ ގޯލަށް ފޮނުވާލީ ކީޕަރު ބޯމަތިންނެވެ.
އާޖެންޓީނާ އިން މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް މިއަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ އުއްމީދާ އެކު އެވެ. މިދިޔަ އަހަރުތަކުގައި އެޓީމުން ނަތީޖާތައް ނެރޭއިރު ވޯލްޑް ކަޕުގައި ވާދަކުރަން އެގައުމުގައި އޮތީ ވަރުގަދަ ސްކޮޑެވެ.
ރޭ ބްރެޒިލުން ވަނީ 3-0 އިން ގާނާ ބަލިކޮށްފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނެޓުގައި ޖެހީ މާކީނިއޯސް އެވެ. ބްރެޒިލްގެ ފަހު ދެ ލަނޑު ޖެހީ ރިޗާލިސަން އެވެ. ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ހާފުގައި ބްރެޒިލަށް އެ ފެންވަރުގައި ނުކުޅެވުނެވެ.
މެޗަށް ފަހު ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ހުރިހާ ވަގުތެއްގައި އެއް ފެންވަރަށް ނުކުޅެވިދާނެ ކަމަށާއި، އެކަން އެގޮތަށް ވާންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެކަމަކު ޓީމުން މޮޅަށް ކުޅެ މޮޅުވުމުން ހިތްހަމަޖެހޭ ކަމަށް ކޯޗު ބުންޏެވެ.
ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލް އަންނަ އަންގާރަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗުގައި ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.