މެސީ

އާޖެންޓީނާގެ މެސީ އާއި ބާސާގެ މެސީ، ހާސްބައި ތަފާތު

މިދިޔަ ހުކުރު ދުވަހުގެ ރޭ އާޖެންޓީނާ އާއި ވެނެޒުއެލާ ކުޅުނު މެޗަކީ، މިދިޔަ އަހަރުގެ ވޯލްޑްކަޕަށް ފަހު އާޖެންޓީނާގެ ގައުމީ ޓީމަށް، ކެޕްޓަން ލިއޮނަލް މެސީ އެނބުރި އައި މެޗެވެ. އެ މެޗަށް މެސީ އެނބުރި އައީ، ސްޕެނިޝް ލީގްގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އޭނާއަށް ތައުރީފް ބަނޑުން ކޮށްލާފައިވާ ވަގުތެއްގަ އެވެ.

މިދިޔަ ހަފުތާގައި، ރެއާލް ބެޓިސްއާ ދެކޮޅަށް މެސީ ހެދި ހެޓްރިކާއި، އޭނާ ޖެހި މޮޅު ލަނޑަށް، އިދިކޮޅު ބެޓިސްގެ ސަޕޯޓަރުންގެ ތަރުހީބުގެ އަތްތިލަބަޑިން މުޅި ސްޓޭޑިއަމް ގުގުމާލި އެވެ. މެސީގެ ކިބައިގައި ހުރި އާދަޔާ ހިލާފު އެ ރޫހު ގައުމީ ޓީމުގައި ފެނިގެނެއް ނުދެ އެވެ. ބާސާ އާއި އާޖެންޓީނާގެ ގައުމީ ޓީމުގައި މެސީ ހާސްބައި ތަފާތެވެ.

ބެޓިސްގެ މެޗުގައި، މެސީ ޖެހި މޮޅު ގޯލް ޖަހަން، ލުއިސް ސުއަރޭޒް ފުރުސަތު ތަނަވަސް ކޮށްދިން ގޮތަށް، އާޖެންޓީނާގެ ޑިފެންޑަރު ޑަރިއޯ ބެނެޑޭޓޯ ވެސް ހަމަ އެ އޭންގަލުން ވެނެޒުއެލާ މެޗުގައި މެސީއަށް ފުރުސަތު ތަނަވަސް ކޮށްދިނެވެ. ބެޓިސްގެ މެޗުގައި ފަރިތަ ކަމާއެކު އެ ބޯޅަ ވައްދާލެވުނު ނަމަވެސް ގައުމީ ޓީމުގައި މެސީގެ ފަރާތުން ފެނުނީ ބީރައްޓެހި ކަމެވެ.

އާޖެންޓީނާގެ ގައުމީ ޓީމުގައި، މެސީގެ ފަރާތުން ފެނުނު ތަފާތާއި ބާސާގައި ފެންނަ ތަފާތު އަޅައި ކިޔައި ވާހަކަ ދެއްކީ މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު އާޖެންޓީނާއަށް ހޯދައިިދިނުމުގައި އެހީތެރިވި ޑިފެންޑަރު ޑެނިއަލް އެވެ. އޭނާ ބުނީ، މެސީއަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށާއި ކޮންމެ ޓީމަކަށްވެސް އޭނާ ބޭނުން ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ބާސާގައި މެސީގެ ތޫނުފިލިކަން މާ ފުރިހަމަ ކަމަށް ބުންޏެވެ.

"ބައެއް ފަހަރު އެހެން ދިމާވެސް ވާނެ، ލޯބިވާ ޓީމަކަށް ވަރަށް މޮޅަށް ކުޅެވޭނެ،" މެސީ އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޕަރަސޭލާ ބުންޏެވެ. "އެހެންނަމަވެސް އެ އިހްސާސް އެ ޓީމެއްގައި ނުކުރެވެންޏާ ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ކުރިމަތި ވާނެ، އަހަންނަކަށް ނޭންގެ ކޯއްޗެއް ކަމެއް، ނަމަވެސް އެ އިހްސާސް ވާން ޖެހޭނީ އެތެރެއިން ހިނގާ އިހްސާސަކަށް."

ވެނެޒުއެލާ މެޗުގައި، މެސީއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ކުރިމަތިވެ އޭނާ ވަނީ އާޖެންޓީނާގެ ޓީމާ ވަކި ވެފަ އެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ މޮރޮކޯގައި ކުޅެން ހަމަޖެހިފައިވާ މެޗަށް އޭނާ ދަތުރު ނުކުރާނެ އެވެ. ފަރުވާ ހޯދުމަށް އޭނާ ވަނީ ބާސެލޯނާއަށް އެނބުރި ގޮސްފަ އެވެ.