ބްރެޒިލް

އާޖެންޓީނާ ބަލިކޮށް ބްރެޒިލް ފައިނަލަށް

ސެމީ ފައިނަލު ގައި ވާދަވެރި އާޖެންޓީނާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކޮޕާ އެމެރިކާގެ ފައިނަލަށް ބްރެޒިލް ދަތުރު ކޮށްފި އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުން ބްރެޒިލް ޖާގަ ހޯދީ 12 އަހަރު ފަހުންނެވެ. އެންމެ ފަހުން އެ ޓީމު ފައިނަލުގައި ކުޅުނީ، ވެނެޒުއޭލާގައި 2007 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ އާޖެންޓީނާ ބަލި ކުރުމަށް ފަހު އެވެ.

އާޖެންޓީނާ ވަނީ ކޮޕާ އެމެރިކާގެ ފައިނަލުގައި، ވޭތުވެދިޔަ ދެ މުބާރާތުގައި ވެސް ކުޅެފަ އެވެ. ދެ ފައިނަލުގައި ވެސް އެ ޓީމު ބަލިވީ ޗިލީ އަތުންނެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ހިތްދަތިކަމެއް ކުރިމަތި ވާނީ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށެވެ. މުބާރާތުގައި އޭނާއަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. އެއީ ގުރޫޕް ސްޓޭޖުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ރޭ ގެ މެޗުގައި ބްރެޒިލް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް ޖެސޫސް އެވެ. އޭނާ ލަނޑު ޖެހީ، މެޗުގެ 19 ވަނަ މިނެޓްގަ އެވެ. ބްރެޒިލްގެ ދެ ވަނަ ލަނޑު 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބާޓޯ ފިރިމީނޯ އެވެ.

ސެމީ ފައިނަލުން، އާޖެންޓީނާއަށް ނާކާމިޔާބުވި ނަމަވެސް އެ ޓީމަށް ބްރޯންޒް މެޑަލްއާއެކު މުބާރާތް ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.

ފައިނަލުގައި ބްރެޒިލް އާ ދެކޮޅަށް ވާދަ ކުރަން ޖެހޭނެ ޓީމެއް ކަށަވަރު ވެގެންދާނީ، މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޗިލީ އާއި ޕެރޫ ކުޅޭ މެޗުންނެވެ. ފައިނަލު މެޗު އޮންނާނީ، އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އޭގެ ކުރިން ތިން ވަނަ ހޮވާ މެޗު ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ އެވެ.