ކުޅިވަރު

މެސީގެ ޕީއެސްޖީ އިން ރޮނާލްޑޯގެ ސައުދީ ޓީމު ބަލިކޮށްފި

ލިއޮނެލް މެސީ ހިމެނޭ ޕީއެސްޖީ އިން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ނުކުތް ސައުދީ އޯލްސްޓާ ޓީމު 5-4 އިން މިރޭ ބަލިކޮށްފި އެވެ.

އެކުވެރިކަމުގެ މެޗުގައި ޕީއެސްޖީއާ ދެކޮޅަށް ނުކުތް ސައުދީގެ އޯލްސްޓާ ޓީމުގައި ހިމެނުނީ ސައުދީ ޕްރޯ ލީގުގައި ކުޅޭ އަލް ނަސްރު އާއި އަލް ހިލާލްގެ ކުޅުންތެރިންނެވެ. މެޗުގައި ސައުދީގެ އޯލްސްޓާ ޓީމުގެ ކެޕްޓަންކަން ކުރީ ރޮނާލްޑޯ އެވެ.
މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހަށް ފަހު ރޮނާލްޑޯ އާއި މެސީ އެއް މެޗަކުން ފެނުނު ފުރަތަމަ ފަހަރެވެ. މި މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އެހެންވެ އެވެ. އެތައް މިލިއަން ބަޔަކު ބެލި މި މެޗުގައި ފުޓްބޯޅައިން ފެންނަން ބޭނުންވާ ހުރިހާ މަންޒަރެއް ފެނުނެވެ.

ރިޔާދުގެ ކިންގް ފަހަދު ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރޮނާލްޑޯގެ އިތުރުން ޕީއެސްޖީގެ މަޝްހޫރު ތަރިން ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. މިގޮތުން މެސީއާ އެކު ޕީއެސްޖީގެ ކުރި ބެލެހެއްޓީ ނޭމާ އާއި ކިލިއަން އެމްބާޕޭ އެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މެސީގެ ގޯލުން ޕީއެސްޖީ ވަނީ ލީޑު ނަގައިފަ އެވެ. ނޭމާ ދިން ބޯޅަ އަށް ހުސްކޮށް އަރައި މެސީ ވަނީ ގޯލްކީޕަރު ބޯޅަ އަށް އެރި ވަގުތު ހަމަޖެހިލާފައި ގޯލަށް ވައްދާލާފަ އެވެ. ސައުދީ ޓީމުން ނަތީޖާ ހަމަހަމަކުރީ 34 ވަނަ މިނެޓުގައި ރޮނާލްޑޯ ޕެނަލްޓީ އަކުން ޖެހި ގޯލުންނެވެ. މިއީ ޕީއެސްޖީގެ ކޭލާ ނަވާސް ރޮނާލްޑޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ރޮނާލްޑޯ ގޯލު ޖެހިތާ ފަސް މިނެޓު ފަހުން ޕީއެސްޖީގެ ޑިފެންޑަރު ހުއާން ބާނެޓް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. މިއީ ސައުދީ ޓީމުގެ ކުޅުންތެރިއަކަށް ހުސްކޮށް ލިބުނު ފުރުސަތަކަށް ބާނެޓް ހުރަސް އެޅުމުން ދެއްކި ރަތް ކާޑެކެވެ.

ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ޕީއެސްޖީ އަށް އަލުން ލީޑު ނަގައިދިނީ މާކީނިއޯސް އެވެ. އެމްބާޕޭ ހުސްކޮށްލާފައި މާކީނިއޯސް އަށް ޖައްސާލި ބޯޅަ އެއް ފަހަރުން ޖަހައި ވަނީ ގޯލަށް ވައްދާލާފަ އެވެ. މި ގޯލު ޖެހިތާ ދެ މިނެޓު ފަހުން ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީއެއް ނޭމާ އަށް ވައްދައެއް ނުލެވުނެވެ. ސައުދީ ޓީމުގެ ޑިފެންޑަރު އަލީ އަލް-ބޮލޭހީ ނޭމާ އަށް ކުރި ފައުލަށް ޕެނަލްޓީ ރެފްރީ ދިނީ ވީއޭއާރުގެ އެހީ ހޯދުމަށް ފަހު އެވެ. އެކަމަކު ނޭމާ މަޑުމަޑުން ތިރީ ކަނަށް ފޮނުވާލި ޕެނަލްޓީ ގޯލްކީޕަރު މުހައްމަދު ޚަލީލް އަލް އުވައިސް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ ސައުދީ ޓީމަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅަ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތްވަގުތު އަލުން އެ ބޯޅަ ލިބުމުން އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ކުރީކޮޅު ޕީއެސްޖީ އިން ވަނީ އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. އެމްބާޕޭ ނަގައިދިން ހުރަހަކުން 54 ވަނަ މިނެޓުގައި މި ގޯލު ޖެހީ ސާޖިއޯ ރާމޯސް އެވެ. އޭގެފަހުން ސައުދީ ޓީމުން ނެގި ކޯނަރެއްގައި 57 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ތިންވަނަ ފަހަރަށް ހަމަހަމަކުރި އެވެ. މި ގޯލު ބޮލުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެއުން-ސޫ ޔަން އެވެ.
ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން 60 ވަނަ މިނެޓުގައި ޖެހީ އެމްބާޕޭ އެވެ. މިއީ އަލް-ބޮލޭހީގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ދެޓީމުގެ ވެސް މުހިއްމު ކުޅުންތެރިން ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން ރޮނާލްޑޯ އާއި މެސީގެ އިތުރުން ނޭމާ އަދި އެމްބާޕޭގެ ބަދަލުގައި ދެޓީމުން ވެސް ވަނީ ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ޕީއެސްޖީގެ ފަސްވަނަ ގޯލު 78 ވަނަ މިނެޓުގައި ޖެހީ ހޫގޯ އިކިޓިކޭ އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އެކިޓިކޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ގޯލުގެ ފަހަތުގައި އޮތުމުން ސައުދީގެ ޓީމުން ފަހުކޮޅު ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސައުދީ ޓީމުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ވައްދާލީ އެޑްޑަސަން ޓަލިސްކާ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހީ ރޮނާލްޑޯ އެވެ. މެޗަށް ފަހު ދެޓީމުގެ ކުޅުންތެރިންނަށް މެޑަލް ވަނީ ހަވާލުކޮށްފަ އެވެ. އަދި މެޗުން މޮޅުވި ޕީއެސްޖީ ޓީމަށް ޝީލްޑް ދީފައިވެ އެވެ.

ދުނިޔޭގެ ސަމާލުކަން ލިބުނު މި މެޗު ބެލުމަށް ސަޕޯޓަރަކު ވަނީ 2.6 މިލިއަން ޑޮލަރަށް ޓިކެޓެއް ގަނެފަ އެވެ. ބޮޑު އަގުގައި ޓިކެޓް ގަތް ސަޕޯޓަރަށް މެޗުގައި ހާއްސަ ފުރުސަތުތަކެއް ވަނީ ދީފަ އެވެ.