ވޯލްޑް ކަޕް 2018

އުރުގުއޭގެ މައްޗަށް ސަލާހްގެ ޖާދޫއަށް ގަދަ ވެވޭނެތަ؟

ޔޫރަޕްގެ ފުޓްބޯޅައިގައި މި އަހަރު އެންމެ އަޑުގަދައީ އެފްރިކާ ބައްރުގެ މިސްރަށް ނިސްބަތްވާ މުހައްމަދު ސަލާހްގެ ވާހަކަ އެވެ. އަލުން އިނގިރޭސި ލީގަށް އައިސް މިދިޔަ ސީޒަންގައި ލިވަޕޫލުގައި އޭނާ ދެއްކި ކުޅުން ގިނަ ބަޔަކު ފާހަގަ ކުރަނީ އޭނާއަށް ތައުރީފު އޮއްސަމުންނެވެ.

ސީޒަންގެ އެންމެ ފަހު މެޗުގައި، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގް ފައިނަލުގައި ސަލާހްގެ ކޮނޑަށް އަނިޔާވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. ވޯލްޑްކަޕުގެ ފުރަތަމަ ކޮޅު އޭނާ ފެނިދާނެ ކަމަށް އެތައް ބަޔަކު ޝައްކު އުފެއްދި އެވެ. ނަމަވެސް މުބާރާތުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މިސްރުގެ ކޯޗް ހެކްޓާ ކޫޕާ ބުނީ ސަލާހްގެ އިންޖަރީން އޭނާ މުޅިން ރިކަވާ ވެފައިވާ ކަމަށެވެ.

"އަހަރެމެން އަދިވެސް ބަލާނަން، އޭނާގެ ޓްރެއިނިންތައް ދަނީ ކިހިނެއްތޯ؟ އެކަމަކު އަހަރެން 100 ޕަސަންޓް ގެރެންޓީ ދިފާނަން އޭނާ މެޗުގައި ކުޅޭނެ ކަން،" އާޖެންޓީނާއަށް އުފަން ކޯޗް ބުންޏެވެ. "އަހަރެމެންވެސް މިތިބީ ވަރަށް ބޮޑަށް އިތުބާރާއެކު އޭނާ މެޗުން އޭނާ ފެންނާނެތީ."

މިސްރުގެ ޓީމް ޕްރޮފައިލް.

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި، މި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އާއެކު މި އަހަރު ވާދަ ކުރާނީ ސަލާހް އެވެ.

ވޯލްޑްކަޕުގައި އުރުގުއޭއަށް ބޮޑު ރެކޯޑްތަކަކާއި ގިނަ ތަޖުރިބާތަކެއް އެބަހުއްޓެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދި އުރުގުއޭ ވަނީ 2010 ވަނަ އަހަރު ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ.

އަހަރެމެން އަދިވެސް ބަލާނަން، އޭނާގެ ޓްރެއިނިންތައް ދަނީ ކިހިނެއްތޯ؟ އެކަމަކު އަހަރެން 100 ޕަސަންޓް ގެރެންޓީ ދިފާނަން އޭނާ މެޗުގައި ކުޅޭނެ ކަން.
މިސްރުގެ ކޯޗް - ހެކްޓާ ކޫޕާ

އޭއާ ހިލާފަށް މިސްރު ވޯލްޑްކަޕަށް މި އައީ ގާތްގަނޑަކަށް 30 އަހަރު ފަހުންނެވެ. އުރުގުއޭގެ ތަޖުރިބާގެ މައްޗަށް ގަދަވެ ގަތުމަށް މިސްރަށް އޮތީ ސާލާހް އާއި މުހައްމަދު ޓްރެޒެގޭޓް އާއި ރަމަދާން ސޮބީހީ ހިމެނޭ އެޓޭކިން ފޯސް އެވެ. ހާއްސަކޮށް ސާލާހް އެވެ. ލިވަޕޫލުގައި އޭނާ ދެއްކި ޖާދޫ ވޯލްޑްކަޕުގައި ދެއްކޭނެ ހެއްޔެވެ.

އުރުގުއޭގެ އެންމެ ބޮޑު ހަތިޔާރަކީ، ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި، އިޓާލީގެ ޑިފެންޑަރު ކިއަލީނީގެ ކޮނޑުގައި ސުއަރޭޒް ދަތް އެޅުމުން ފުޓްބޯޅައިގެ ހުރިހާ ހަރާކަތްތަކުން ހަތަރު މަހަށް ސުއަރޭޒް ސަސްޕެންޑް ކުރި އެވެ.

އުރުގުއޭގެ ކޯޗް އޮސްކާ ޓަބަރޭޒް ބުނީ ސުއަރޭޒް މިހާރު މެޗުއާ ވެއްޖެ ކަމަށެވެ. އަދި ވޯލްޑްކަޕަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށް ވަނަމެއްގެ ގޮތުގައި ޓީޗަރުގެ ނަމުން މުހާތަބު ކުރެވޭ ޓަބަރޭޒް ބުންޏެވެ.

ވޯލްޑްކަޕުގެ ތާރީހްގައި 1970 ގެ ފަހުން، ވޯލްޑްކަޕުގައި އުރުގުއޭ ކުޅޭ ފުރަތަމަ މެޗުން އެ ޓީމު މޮޅުވެފަ އެއް ނުވެ އެވެ.

"އެއީ ސްޓެޓިސްޓިކެއް، ހާއްސަ އެއް ޗެއް ނޫން،" ޓަބަރޭޒް ބުންޏެވެ. "އަހަރެމެންނާއެކު އެ ރެކޯޑް އޮންނާނެ، ނަމަވެސް އަހަރެންގެ އުންމީދަކީ އެކަން މާޒީއަށް ދޫކޮށްލާފައި މެޗުން މޮޅު ވެގެން ފޭބުން."

މިސްރާއި އުރުގުއޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 5:00 ގަ އެވެ.

އުރުގުއޭގެ ޓީމް ޕްރޮފައިލް.