ވިޔަފާރި

އެންމެ ފޯރިގަދަ އުރީދޫ މަސްރޭސް މި އަހަރު ވެސް ބާއްވަނީ

Apr 11, 2019
1

"ކޮބާ ނަނަށް ވާން ކޮށްފިތާ" މި ލަވަ މީހުންގެ ތެރެއަށް އާއްމުވީ އުރީދޫ މަސް ރޭހުންނެވެ. ރޯދަ މަހާ ދިމާކޮށް އެ ކުންފުނިން ފެށި ރިކްރިއޭޝަން ފިޝިން ކޮމްޕެޓިޝަން އިންނެވެ. މި އަހަރުވެސް އުރީދޫ މަސް ރޭސް ބާއްވާނެ ކަމަށް އެ ކުންފުނިން މިވަނީ ބުނެފަ އެވެ.

" ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ޖާގައެއް ހޯދާފައި. މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ހާއްސަ އުފަލެއް،" އުރީދޫގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ މަސް ރޭސް މި އަހަރު ބާއްވާ މިއީ 10 ވަނަ ފަހަރެވެ. މި އަހަރު މި ބާއްވަނީ މި ޝޯގެ 10 ވަނަ ސީޒަން އެވެ. އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ހާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދާނެ އެވެ. އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.

މަސްރޭހުގައި ބައިވެރިވުމަށް، 11 އޭޕްރީލް 2019 ވާ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެ އެވެ. ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހު އެވެ.

ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:

  • އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ
  • އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ
  • އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހަށް ފަހު ބޭއްވިގެންދާއިރު، އެ ދުވަހުގެ މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އޮންނަ ބާބަކިއު އާއި ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ. މި ފަހަރުގެ އުރީދޫ މަސްރޭސް އެޕިސޯޑްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 10:30 ގައި ރާއްޖެ ޓީވީއިން ދައްކާނެ އެވެ.