ރޯދައިގެ ނިޔަތް ދުލުން ކިޔުން ލާޒިމުތަ؟

ފަރުޟު ރޯދައިގެ ނިޔަތް ދުލުން ކިޔުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟

ނިޔަތުގެ މަޙައްލަކީ ހިތެވެ. ނިޔަތް ގަންނަންވާނީ ހިތުންނެވެ. ފަރުޟު ރޯދައަށް ހުންނަ އިރު ދުލުން ނިޔަތް ކިޔުން ލާޒިމުވެގެން ނުވެއެވެ. ދުލުން ނިޔަތް ނުކިޔަސް ރޯދަ ޞައްޙަ ވާނެ އެވެ. ދުލުން ނިޔަތް ކިޔާ މީހާގެ ރޯދަ ވެސް ޞައްޙަ ވާނެ އެވެ.

ދުލުން ނިޔަތް ކިޔުމަކީ މުސްތަޙައްބުވެގެންވާ ކަމެއްކަމަށް ޝާފިޢީ މަޒުހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ރޯދައަށް ހުންނައިރު ހިތުން ނިޔަތްގަނެ ރޯދައަށް ޢަޒުމް ކަނޑައެޅުމުން ނިޔަތް ގަނެވުނީ އެވެ. ފަރުޟު ރޯދައަށް ނިޔަތް ގަތުންވަނީ ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުވުމުގެ ކުރިން ރޭގަނޑުގަ އެވެ.