ބައްޕަ ފިހެދިން މަހާއި މަންމަ ގިރި ފަނި ކޮބާ؟

ނާށި އަނގުރުގައި ބައްޕަ ފިހެލައިދޭ ކުޅި ރަހަ މީރު ފަރު މަހެވެ. މަންމަ ގިރާލައިދޭ މީރު ފަންޏާއި ސިދާ ގަޑިއަށް ދައްތަ ތައްޔާރުކޮށްލާ މީރު ހެދިކާތަކެވެ. ކޮއްކޮމެނާ އެކުގައި ޖަހާލައި އުޅުނު ފިނި ބުރުތަކެވެ. މިއީ ހަމަ ކޮންމެ މީހެއްގެ ވެސް ރޯދަ މަހުގެ ހަނދާންތަކެވެ. އަމިއްލަ ރަށުގައި އުފަން ފަސްގަނޑުގައި ރޯދަ މަހަކީ އާއިލީ ބޮޑު އީދެކެވެ. އެއްބައިވަންތަކަމުގެ މަހެވެ. އެކަމަކު، މިހާރު އެއީ މުޅީން ވެސް ހަނދާންތަކެވެ. މިހާރު ރޯދަ އައިސްފައި ދާއިރު ވެސް ހުންނަން މަޖުބޫރު ވަނީ ރަށާއި ދުރުގަ އެވެ.

ދިވެހިންގެ ވަޒީފާ އާއި ކަންކަން މިހާރު އޮތް ގޮތުން ގިނަ ޒުވާނުންނަކީ މިހާރު މަންމަ އާއި ބައްޕައާ ވަކިން އަނބިދަރީންނާ ވެސް ވަކިން އުޅޭ މީހުންނެވެ. މާލެއަށް ގިނަ ބަޔަކު ޖަމާވެފައިވާއިރު އަނެއް ބައެއްގެ ހަޔާތް އޮތީ ރިސޯޓްތަކުގަ އެވެ. ރިސޯޓްތަކުގައި އެކުގައި މަސައްކަތް ކުރާ އެކުވެރިންކޮޅެއް ނޫނީ ނެތެވެ. މާލޭގައި ވެސް އެކުވެރިންނެވެ. ގިނަ ފަހަރަށް އެކަންޏެވެ. ރޯދަ ވިއްލައި ހާރުކާ ގަޑީގައި އެ އޮތް އާއިލީ އެކުވެރިކަމުން އެމީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

މެންދަމުން އަލިވުމުން މަންމަ، ފަހަރަކު ކޮޓަރިއަކަށް ވަދެ، އެންމެން ކޮޅަށް ޖަހަ އެވެ. "ހާރުކާން ތެދުވޭ!" ގޮވާ ގޮވާ މަންމަ ހުންނަނީ ވަރުބަލިވެފަ އެވެ. އެއީ ކުރަން ޖެހޭ ކަމެއްކަން އެނގޭއިރު ވެސް މަންމަ ގޮވުމުން ނޫނީ ތެދުވެވޭ ކަމަކަށް ނުވެ އެވެ. މިހާރު އެ ގޮވައި ދެނީ ފޯނެވެ. ނޫނީ ނިދުމުގެ ކުރިން ކާލަނީ އެވެ. ނޫނީ ނުކަނީ އެވެ. އަސްލުގައި މިހާރު ހާރު ކެއުމެއް ނޯވެ އެވެ. ތަރާވީސް ދަމެއް ނޯވެ އެވެ. ކުޅި މަހާއި ބަތްޕެނެއް ނެތެވެ. ބަތާއި ދޮންކެޔޮ މޮޑެލާފައި ކާކަށް މަންމައެއް ނުގޮވަ އެވެ.

ރޯދަ މަހުގެ ދުވަސްތަކުގެ ހަވީރު އަތަށް އަޅާލުމުން ބޭއިހުތިޔާރުގައި މިސްރާބު ޖެހެނީ ބަދިގެއަށެވެ. މަންމަ އަވަދި ނެތި އުޅޭނީ މީރު ކާ އެއްޗެއް ހެދޭތޯ އެވެ. އަންހެން ކޮއްކޮމެންނާއި ދައްތަމެން ވަށާލައިގެން އުޅޭނެ އެވެ. ކޮންމެ ދުވަހަކު ހާއްސަ އެއްޗެއް ހެދުމަކީ އެމީހުންގެ އަމާޒެވެ.

ބަދިގެއަށް ވަދެ، އެ މީހުނަށް އެހީވުމަކީ ރޯދަ ކުރުކޮށްލެވޭ ކަމެކެވެ. ފަނި ގިރާލައިދީ ފުށްގަނޑު މޮޑެދިނުމަކީ ކުރެވޭ، ކުރިން ކޮށް އުޅުނު ކަންކަމެވެ. އެކަމަކު، މިހާރު އޮފީސް ނިންމާލެވޭއިރު ހުންނަނީ ރޯދަ ވީއްލަންވެފަ އެވެ. މިހާރު އެ ދުވަސްތަކަކީ މާޒީއެވެ. ހިތުގައި އޮން ހަނދާނެކެވެ.

ރޯދައަށް ނެރެފައި ހުންނަ ރީތި މާޖެހި ތަށި ސެޓްތަކުގެ އަތުރާލައި ފަނި އަޅައި، ކާ އެއްޗެހިތައް މޭޒުމަތީ އަތުރާލުމުން އެހެރީ ވެފަ އެވެ. ހަވީރު ފިންޏަށް ބުރެއް ޖަހާފައި އަންނައިރު ސުފުރާ އޮންނާނީ ދަމާލާފަ އެވެ. ކޮންމެ މީހަކު ވެސް ދެން ބަލާނީ އެންމެ ރަނގަޅު ދިމާލެއްގައި އަވަހަށް އިށީންދެވޭތޯ އެވެ. ބައެއް ފަހަރު ދޮރުމަތީ ބަންގި ގޮވާތޯ ސަމާލުވެގެން ތިބެވެ އެވެ. ބަންގީގެ އަޑާއެކު، ގޭގޭގެ ދޮރާށި ލެއްޕޭނެ އެވެ. މަގުމަތި ފަޅުވާނެ އެވެ. އެންމެން ސުފުރާ ވަށާލާނެ އެވެ. މަޖާ ވާހަކަތަކާއެކު ރޯދަ ވިއްލަނީ އެވެ. ކޮއްކޮ، އެ ދުވަހުގެ ރޯދަ ހިފަން ކުރި މަސައްކަތުގެ ވާހަކަތަކާއެކު ހީނ ސަމާސަ ކުރަމުންނެވެ. މިހާާރު ކިހިނެއް ހެއްޔެވެ؟

ރޯދަ ވިއްލަން އެއްޗެއް އަރު ތެރެއަށްލުމުން ނިނުނީ އެވެ. އެ އާއިލާއެއް ނެތެވެ. ބަލަހައްޓައިގެން އިނދެވެނީ ފޯނަށެވެ. މަންމަ ނޫނީ އާއިލާ އެހެން މީހުން، އާއިލާ ވައިބާ ގުރޫޕަށް އަޅާ ފޮޓޯގަނޑެއް ފެނިދާނެ އެވެ. އެއީ އެ ދުވަހު ރޯދަ ވީއްލުމަށް މަންމަ ހެދި ތަކެތީގެ ފޮޓޯތަކެވެ. ކޮއްކޮ ރޯދަ ވީއްލާ ތަނެވެ. މަންމަގެ އުފާވެރި މަންޒަރުތަކެވެ. ފޮޓޯތަކުންނެވެ. އަސްލަށް އެ މަންޒަރުގެ ހިއްސާއަކަށްވުމުގެ ނަސީބެއް މިއަދު ނެތެވެ.

މިއަދު އެ ފޮޓޯތަކަށް ބަލާލައިގެން ހިތް ފުރާލާއި، މާލޭގެ ތޮއްޖެހިފައިވާ މާހައުލާމެދު ވިސްނާލެވެ އެވެ. އަދި ހިތަށް އަރަނީ ހަމަ ސުވާލުތަކެވެ. މި ނޫން ގޮތެއް ހަމަ ނެތީބާވާ އެވެ؟ އަހަރެންމެންނަށް އާއިލާއާއެކު ނޫޅެވޭނެ ހެއްޔެވެ؟