މައްޗަންގޮޅީ ހިއްތަލަވިލާއަކީ ލަވަކިޔުންތެރިންގެ ގެއެކެވެ. އަދި އެއީ ތަރިންގެ ގެއެކެވެ. މުޅީން މިއުޒިކާއި ގުޅިފައިވާ އާއިލާ އެކެވެ. މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަންގައި ވެސް އެގޭ ތެރެއިން ނުކުތް ތިން ޒުވާނުކު ވިދާލި އެވެ. އިންޓަނޭޝަނަލް އެ ޕްލެޓްފޯމްގައި ފެނުނީ އަމާނާއި ޒަކިއްޓެ އަދި ކޮކީ އެވެ. އެއީ ހުސް ހުނަރުވެރިންނެވެ. މިފަހަރު މިއޮތީ އެ ގޭގެ އެންމެ ހަގު އަޑުގެ ވެރިޔާ އެވެ. އޭނާގެ ވާހަކަ އެވެ. މިއީ ބޭބެމެންގެ ފަހަތުން މިއުޒިކީ ދާއިރާއަށް ފުންމާލި އާދަމް ޒިދާނެވެ. އެންމެނެވެސް ލޯބިން މި ކިޔަނީ ނާނަ އެވެ.
ނާނަ ލަވަ ކިޔަން ފެށި ގޮތް މާ ބޮޑަށް ކިޔައިދޭކަށް ނުޖެހޭނެ އެބވެ. ލަވަކިޔަން އޭނާގެ ބޭބެމެން ފަހަތުން ދުވުނީ އެވެ. އެމީހުން އުޅުނުހާ ގޮތަކަށް އުޅެނީ އެވެ. އެންމެ ފަހުން ބޭބެމެންގެ މިއުޒިކީ ދުނިޔެއަށް ރަނގަޅަށް ވަދެވި ނާނަވެސް ލަވަ ކިޔަންފެށީ އެވެ.
"ބޭބެމެން ލަވަ ކިޔާތަން ފެނުމުން ފުރަތަމަ ޝައުގުވެރިކަން އުފެދުނީ، ބޭބެމެން ފުރަތަމަ ބޮޑުބެރު ގުރޫޕެއް ހަދައިގެން އުޅުންއިރު، އޭރުން ފެށިގެން އަބަދުވެސް ލަވަކިޔަން އިންޓަރެސްޓް ހުރޭ. އޭރުވެސް ވަރަށް ޓްރައި ކުރަން ލަވަ ކިޔަން، އޭރު އަދި ވަރަށް ކުޑަ ވާނެ، އޭރުވެސް ޕްރެކްޓިކްސް ތަކުގައި ވެސް ބޭބެމެން ދޭނެ ލަވަކިޔަން،" ނާނަ ބުންޏެވެ.
އުމުރުން 17 އަހަރުގެ ނާނަ، އެންމެ ފުރަތަމަ ޝޯއެއްގައި ލަވައެއް ކިޔާފައިވަނީ މާހެފުމެއްގައި ޖެހި ބޮޑުބެރު ޝޯއެއްގައި އެވެ. އޭރު އޭނާއަށް 10 އަހަރެވެ. ބޮޑުބެރުން އެންމެ ފުރަތަމަ ފަޅައިގެންދިޔަ އަޑު އަދިވެސް މިއުޒިކީ ދާއިރާގައި ގުގުމަނީ އެވެ.
"އެންމެ ފުރަތަމަ ޝޯއެއްގައި ލަވަކީ، ގޭ ކުރިމަތީގައި އޮތް މާހެފުމެއްގައި، އޭރު އުމުރުން 10 އަހަރު، އުމުރުން 12 އަހަރުގައި ދަންމާނާއެކު އެންމެ ފުރަތަމަ ރަސްމީކޮށް ލަވަ ކިޔަން ފެށީ، އޭރު އެކަމު ލިބޭނީ ވަރަށް މަދު ލަވައެއް ކިޔަން،" ނާނަ ބުންޏެވެ.
ގުރަހަލި ބޮޑުބެރު ގުރޫޕްގެ މެއިން އެއް ވޯކަލިސްޓަކަށް ހުރި ނާނަ އެންމެ ކިޔާ ހިތް ވަނީ ބޮޑުބެރަށްވުރެ މިއުޒިކު ލަވަތަކެވެ. އެންމެ ކިޔާ ހިތްވަނީ ލޯބީގެ ލަވަތަކެވެ. ނާނަ ބުނާ ގޮތުން އޭނާއަކީ ވަރަށްވެސް "ރޮމޭންޓިކް" މީހެކެވެ.
ދާއިރާގައި ނާނަގެ އައިޑޮލްއަކީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީއެވެ. ނާނައަަށް އެންމެ ރީތިކޮށް ލަވަކިޔާ އަދި އެންމެ ހިތްހަމަޖެހޭ ރާގުތަކަށް ލަވަކިޔާ އާޓިސްޓަކީ އެއީ އެވެ. އަންހެން އާޓިސްޓުން ތެރެއިން ނާނައަށް މީރާ ވަރަށް ކަމުދެއެވެ. ނާނަގެ ނަޒަރުގައި މިރާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އަންހެން ފަންނާނެވެ.
"ނާނަ ވާން ބޭނުންވަނީ ޝަލަބީ ކަހަލަ އާޓިސްޓަކަށް،" އޭނާ ބުންޏެވެ.
ނާނަގެ ލަވައެއް މިހާތަނަށް އަޑު އިވިފައިނެތް ނަމަވެސް ވަރަށް އަވަހަށް ކަވަ ސޯންގް ތަކެއް ނެރޭނެ އެވެ. އެކަމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ. އޭގެ ފަހަށް އަމިއްލަ ރާގެއް ނެރެން ވެސް އަންނަނީ ރެޑީވަމުންނެވެ.
"އަދި ކަވާ ސޯންގެއް ނުނެރެން އެކަމަކު ވަރަށް އަވަހަށް ނެރޭނަން، ސައުންޑް ކްލައުޑް ވެސް މިހާރު ހަދާފަ އިންނާނީ، ދެތިން ކަވާއެއް ނެރެފަ އަމިއްލަ ރާގަކަށް މަސައްކަތް ކުރާނީ،"
މިއުޒިކްގައި އަމިއްލަ ބޭންޑަކާއެކު ޝޯތައް ކުޅެލަން ނާނަ ހުރީ ކެތްމަދުވެފަ އެވެ. މިހާރު ވެސް އޭނާއަކީ ބަރިސްތާގައި ކޮންމެ ބުރާސްފަތި ދުވަހަކު ހައުސް އޮފް މިއުޒިކުން ބާއްވާ އޯޕެން މައިކް ނައިޓްގެ ސްޓާރެކެވެ. މިދިޔަ އަހަރުން ފެށިގެން ކޮންމެ ޝޯއެއްގައި ވެސް ނާނަގެ ލަވައެއް އަޑު އިވެ އެވެ.
"ބަރިސްތާ އޯޕަން މައިކް ނައިޓުން ޗާންސް ލިބުނީ ގުރަހެލި ފަރާތުން... ބަރިސްތާގައި މިދިޔަ އަހަރުން ފެށިގެން ކޮންމެ ޝޯއެއްގައި ހުންނާނެ ލަވަ ކިޔާފަ، އެންމެ ފުރަތަމަ ދުވަސް ކޮޅު ބުނާނެ ބައެއް ކަންކަން ރަނގަޅު ކުރަން، މިހާރު ވަރަށް ސަޅި، ވަރަށް ތާއީދު އޮވޭ،" ނާނަ ބުންޏެވެ.
ނާނަގެ ލަވައެއް މިހާތަނަށް ނެރެފައިނުވި ނަމަވެސް އޭނާ ވަނީ މިދިޔަ އަހަރު ރޯދަ މަހު "ހަބޭސް" ބޮޑުބެރު ގުރޫޕުން ނެރުނު "މިސްކް" އަލްބަކަށް މަދަހައެއް ކިޔާދީފަ އެވެ. ނާނަގެ އުންމީދަކީ އަންނަ އަހަރު ރޯދަ މަހަށް އަމިއްލަ މަދަހައެއް ނެރުމެވެ.
މިއުޒިކީ ދާއިރާގައި ނާނަގެ އާއިލާއިން އޭނާއަށް ވަރަށް ސަޕޯޓް ދެ އެވެ. ހާއްސަކޮށް މަންމަގެ ސަޕޯޓް އެކަމުގައި ވަރަށް ބޮޑަށް ލިބެ އެވެ. އަދި ރައްްޓެހިންނާއި ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެ އެވެ.
"އާއިލާގެ ސަޕޯޓް އަބަދުވެސް ވަރަށް ރަނގަޅުވާނެ، އެންމެންވެސް ކިޔާނެ ވަރަށް ސަޅިއޭ، މިވަނަ ކަމެއް ރަނގަޅު ކުރާށޭ. ގޭތެރޭގައި ވަރަށް ފަން ވާނެ... އެންމެން އެއްކޮށް ބޭރަށް ގޮސްވެސް ލަވަކިޔާ ސަކަރާތް ޖަހާނެ، އެހެން އުޅޭ އިރުވެސް ނުބައިކޮށް ކިޔުނަސް ބޭބެމެން ބުނާނެ ރަނގަޅު ކޮށްލާށޭ،" ނާނަ ބުންޏެވެ.