ފަޖުރުނުލާ ކަމަށް ހީކޮށް ޖިމާއުވުމުން ރޯދަ ސައްހަވާނެތަ؟

ރޯދައަށް ނިޔަތްގަތުމަށް ފަހު ފަޖުރު ނުލާ ކަމަށް ހީކޮށް އަޅުގަނޑު ޖިމާޢު ވެއްޖައީ މެވެ. އަޅުގަނޑު ޔަޤީންކުރީ ފަޖުރު ނުލާ ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަޅުގަނޑު ޖިމާޢުވި ވަގުތު ބަންގި ގޮވައިފި އެވެ. ނަމަވެސް އަޅުގަނޑު ހިނައިގަނެގެން ޖަމާޢަތުގައި ފަތިސް ނަމާދު ކުރީމެވެ. މިކަމުގައި މައްސަލައެއް އެބަ އޮތް ހެއްޔެވެ؟

ޖިމާޢުވި ވަގުތު ފަޖުރުގެ ވަގުތު ވަނުމާމެދު ތިބާ ޝައްކުވީ އެވެ. ޔަޢުނީ ފަޖުރުލައިފިތޯ ނުވަތަ ނޫންތޯ އާމެދު ތިބާ ޝައްކުވީ އެވެ. އެހެން ކަމަށް ވަނީ ނަމަ ތިބާގެ ރޯދަ ޞައްޙަވާނެ އެވެ. އެއީ ޝަރުޢީ ޤަވާޢިދުގައިވަނީ "ޔަޤީންކަމެއް ޝައްކަކުން އުވާ ނުލެވޭނެ އެވެ"

މި މައްސަލައިގައި ޔަޤީންކަމަކީ ޖިމާޢުވި ވަގުތު ރޭގަނޑު ދެމިއޮތްކަމަށް ތިބާ ޔަޤީން ކުރުމެވެ. ފަޖުރުލުމާމެދު ތިބާ ޝައްކުވީ އެވެ. މި ޙާލަތުގައި ރޯދަ ޞައްޙަ ވާނެ އެވެ.

ނަމަވެސް ޖިމާޢުވި ވަގުތު ތިބާގެ ވިސްނުމުގައި ފަޖުރުލައިފި ކަމަށް ބޮޑަށް ބުރެވެ ހުރެ ޝަހުވަތު އޭގެ މައްޗައް ގަދަވެ ޖިމާޢުވި ނަމަ ތިބާގެ މައްޗައްވަނީ ތައުބާވުމާއި، ޤަޟާ ކުރުމާއި ކައްފާރާ ދިނުމެވެ. ތިބާ އެވަގުތު ހުރި ޙާލެއް މޮޅަށް އެނގޭނީ ތިބާ އަށެވެ.