ހަވީރުގެ ވަގުތު މީގެ ވިއްސަކަށް އަހަރު ކުރިން ވައި އަޅުވައި މާލެމައްޗަށް އެތަކެއްހާސް މަޑި ދޫކޮށް އުދުއްސާލަ އެވެ. އެކި މީހުން އަރުވާ މަޑީގެ ގިނަ ކަމުން މަަޑިއާ ހެދި އުޑެއް ނުފެނެއޭ ވެސް މީހަކު ބުނެފާނެ އެވެ. އަސްރު ނަމާދަށްފަހު ގޭގެއިން ކުދިންނާއި ޒުވާނުންނާއި ހަރު މީހުން ވެސް ނުކުމެ ހުސްބިންތަކާއި މައިދާނާއި ފުރާޅުތަކަށް އަރާ މަޑި / ގުޑި އާއި ތެލަނގަ އަރުވާނެ އެވެ. ތަފާތު ކުލަތާކާއި ބޮޑު އަދި ކުދި ސައިޒުތަކުގެ މަޑިތައް އަރުވާ މަންޒަރުން ރޯދަ ކުރުކޮށްދެ އެވެ. ދުވަހުގެ ފޫހިކަން ފިލުވައިދެ އެވެ.
އެ މަޑިތައް އަރުވާ ކުދިންގެ މެދުގައި ވާދަވެރިކަން ވެސް އެހާ ބޮޑުވާނެ އެވެ. ރޮދީގައި ފުޅިތޮށި ޖަހާ ދޫކޮށްލާ އިރު ދެ މަޑި ތޯޅުވައި މަޑި ކަނޑައިލަ އެވެ. ވެއްޓޭ މަޑިއާއެކު ދުވާތަނާއި ވެއްޓޭ މަޑި ހިފަން އޭރު ދުވެ އެވެ. މިހާރު އެހެން ދުއްވައިގެން ފިއްޔާޖެހޭނީ ބޮލުރޮދި ކެނޑޭ މަޑިއަށް ޖެހޭ ހާލެވެ. އެނބުރެމުން އެނބުރަމުން ގޮސް ލެޑޭނީ އެވެ.
މަޑި / ގުޑީގެ ވާހަކަ މިހާރު ކިޔައިދޭން އެނގޭނީ ކާކަށް ހެއްޔެވެ؟ ފަހަރެއްގައި ރެޑީމޭޑް ގުޑިއެއްގެ ވާހަކަ ސޭޓުންނަށް ކިޔައި ދެވިދާނެ އެވެ. އެކަމަކު ދިވެހި މަޑި އާއި އެ އަރުވާ އުޅުނު ގޮތާއި މަޑި ހަދާ އުޅުނު ގޮތް ކިޔައިދޭން މިހާރު އެނގޭނީ އަލީ ވަހީދު ކަހަލަ މަދު މީހަކަށެވެ.
އަލީ ވަހީފު ދިރިއުޅޭ ގ. ކައްސަންފަރަށް ވަދެލުމުން މަޑު އެރުވި ހަނދާންތައް މަޑިފަހައި ދުވުނު ދުވަސްތަކުގެ ހަނދާންތައް ތާޒާ ކަމާއެކު ކުލަ ޖެހެން ފަށަ އެވެ. އެ ގޭގެ ފާރުތަކުގައި ދެ ފަރާތަށް ދަމާފައި ހުންނަ ކަންވާރުތަކުގައި އެލުވާފައި ހުންނަނީ އިހަށް ކުޑަ އިރު ވެސް އަރުވައި އުޅުން ވައްތަރުގެ މަޑިތަކެވެ. ރީތި ކުލަތަކާއި ޑިޒައިންތައް ބޭނުންކޮށްގެން އެންމެ ކުރީގެ ސްޓައިލަށް ވަރުގަދަކޮށް ވަހީދު ހަދާފައިވާ މަޑިތަކެވެ. އެ ގޮތް ގެއްލުވާ ނުލައި، މެދުކެނޑުމެއް ނެތި އޭނާ މަޑި ހަދާތާ 40 އަށްވުރެ ގިނަ އަހަރު ވެއްޖެ އެވެ.
"މަޑި ހެދުމަަކީ ވަރަށް ޝައުގުވެރިވާ ކަމެއް އެންމެ ކުޑައިރުން ފެށިގެން ވެސް. އޭރު މަޑިހަދާ މީހުންގެ ފަހަތުން އުޅޭނީ އަބަދު. އެ މީހުނާއެކު ގަސްތައް ދޮށުގައި މަޑި ހަދާއިރު ކައިރީގައި ހުރެ އަތްގާތްކޮށްލަދީ ހެދީ، އެހެންވެ އޭރުއްސުރެ އަމިއްލައަށް މަޑި ހަދަން ދަސްކޮށްފިން. އަދި އަވަށްޓަރިންނާއި ރައްޓެހިންނަށް ވެސް މަޑި ހަދައިދޭން ފެށިން،" މިހާރު އުމުރުން 67 އަހަރުގެ ވަހީދު ބުންޏެވެ.
ކުރިން މަަޑި ހަަދަން އުޅުނު ގޮތް ވެސް ވަހީދުބެ ކިޔައި ދެ އެވެ. ގިނަ ސާމާނުތައް ހޯދަން އޭރު ފަސޭހައެއް ނޫނެވެ. އެހެންވެ ވަހީދު ފުރަތަމަ މަޑި ހަދަން ފެށީ ނޫސް ކަރުދާސް ބޭނުންކޮށްގެނެވެ. އަދި އެ ކަރުދާސް ކެފީ ބިއްލޫރި ފުޅިއެއް ތަޅައިލުމަށް ފަހު ފުޅިތޮށި ބޭނުން ކޮށްގެނެވެ. އޮނާއި އިލޮށީގައި ކަރުދާސް ތަތް ކުރަމުން އައީ ފުށް ތެރަށް ލައިގެނެވެ.
"ހަމަ ހަތަރެސްކަނަށް ހުންނަ މަޑިތައް އޭރު މުޅިން ވެސް އަރުވާނީ. ވަރަށް ވަރުގަދަ ވާނެ. އަދި އެއް މަޑި ގަނެގެން ވެސް ހަލާކު ނުވެ އެތަށް ދުވަހަކު ވެސް ގެންގުޅެވި ދާނެ، އެންމެ ކުރީއްސުރެ ބޭނުން ކުރާ މަޑި މި ހުރީ،" ފާރުގައި ހުރި މަޑިތައް ދައްކާލަމުން ވަހީދު ބުންޏެވެ.
މިހާރު މަޑީގެ މޫސުން އަންނަނީ ރޯދަ މަހު އެކަންޏެވެ. މަޑިއެއް ގަނެގެން އުސްފަސްގަނޑަށް ރޯދަ ކުރުކުރަން ދެއެވެ. މަޑި ހުންނަ ގޮތް ވެސް އޭރު ވަރަށް ބޮޑަށް ތަފާތެެވެ. މިހާރުގެ ރެޑީމޭޑް މަޑިތައް ހުންނަނީ ޕްލާސްޓިކު ދަނޑިތަކާއި ރަބަރު ބޭނުންކޮށްފަ އެވެ. ހުންނަނީ ދޫންޏާއި އެކި އެއްޗެހީގެ ބައްޓަމަށެވެ.
ޒަމާނުއްސުރެ ދިވެހިން އަރުވާ އުޅުނު މަޑިތަކަށް އޮންނަ ޑިމާންޑު އަދިވެސް ވަރަށް ބޮޑެެވެ. ވަހީދު ބުނި ގޮތުގައި ރޯދައާ ދިމާކޮށް ސްރީލަންކާއަށް ގޮސް އޮނާއި ކަރުދާސް ގަނެގެން މާލެ އައިސް މަޑި ހެދުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް އޭނާ ފަށަ އެވެ. ރޯދައިގެ ތެރޭ ކޮންމެ ދުވަހަކު 60 މަޑި ހެދިޔަސް އެ އަދަދު އޮންނަނީ މަދުވެފަ އެވެ. ކަސްޓަމަރުން ބޭނުންވާ ކުލައެއްގައި ބޭނުން ސައިޒަކަށް މަޑި ހަދައިގެން ވިއްކެ އެވެ.
"މާލޭގައި އުޅޭ އެންމެނަށްހެން އެނގޭނެ އަޅުގަނޑު މަޑި ހަދާކަން. މިހާ ގިނަ ދުވަސްވީމަ، މިއީ ކުޑަ އިރުއްސުރެއް ކުރާ ހިތްވާ ކަމެއް. މިހާރު ވެސް ނަމާދު ވަގުތަށް އެކަނި ހުއްޓާލަނީ. އެ ނޫނީ އަބަދު މިކަމުގައި. ގާތްގަނޑަކަށް ދުވާލަކަށް 60 މަޑި ހަދަން، އަދި ރޯދަ މަހު ގިނަ ދުވަހު ހަދާ ހުރިހާ އެއްޗެއް ވިކޭ،"
ވަހީދު ފޫހިކަމެއް ނެތި މަޑި ހަދާތާ 40 ހަކަށް އަހަރުވީ އިރު މަޑިއެއް ރެޑީކޮށްލަން 10 މިނެޓު ވެސް ނުނަގަ އެވެ. އޭނާގެ އަތުގައި ގޭގައި 15 ރުފިޔާ އާއި 200 ރުފިޔާ އާ ދެމެދުގެ އަގުތަކުގައިވެސް މަޑި ވިއްކަން ހުރެ އެވެ. އަދި ކުރީޒަމާނުގައި ބޭނުންކުރި ފިރޯށި ވެސް އަމިއްލަ އަތުން ވަހީދު ހަދާފައި ހުރެ އެވެ.
ވަހީދަކީ ހަމައެކަނި މަޑި ހަދާ މީހެއް ނޫނެވެ. ބުނި ގޮތަކަށް، ބުނި ފެންވަރަކަށް ވަޑާން ކުރުމުގެ ހުނަރާއި ކަރަންޓު ސާމާނު ހެދުމުގެ މަސައްކަތް ވެސް ގިނަ ދުވަސްތަކެއް އޭނާ ކުރަމުން އައެވެ. އަދި އެކަހަލަ މަސައްކަތްތަކުން ބޮޑު އާމްދަނީ އެއްވެސް ހޯދައި މުޅި އާއިލާ ބަލަހައްޓަމުން ވެސް ދިޔަ އެވެ. ނަމަވެސް މަޑި ހެދުމަށް ހުންނަ ޝައުގަކަށް ބަދަލެއް ނާދެ އެވެ. ވަރަށް އުފަލާއި ހިނިތުންވުމާއެކު އެންމެނަށް މަޑި ހަދައިދެ އެވެ.
ގައިމު ވެސް މާލޭގައި މިވަގުތު މަޑި ހަދާ އެންމެ ގިނަ ދުވަސްވީ މީހަކީ ވަހީދަށް ވާނެ އެވެ. ސާޅީހަކަށް އަހަރަށް ފަހު ވަހީދު މިހާރު ނިންމާފައި ވަނީ މި އަހަރަށް ފަހު އޭނާ މަޑި ހެދުމުގެ މަސައްކަތަށް އަލްވަދާއު ކިޔާށެވެ.