މިހާރު ހުރިހާ ދިމާއެއްގައި ދޮން އައްޔަ!

ދިވެހި ފިލްމު އިންޑަސްޓްރީން ޒުވާން އާ މޫނުތަކަށް ފުރުސަތު ނޯންނާތީ އެ ޝަކުވާ ކުރިން އޮވެ އެވެ. މިހާރު އެ ޝަކުވާތަކަށް ވަނީ ނިމުން އައިސްފަ އެވެ. ފިލްމީ ދާއިރާއަށް އެތައް އާ މޫނެއް އެބަ ތައާރަފުވެ، އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ. ދާއިރާއިން ޒުވާން މޫނުތައް މިހާރު ގިނައިރު އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރަކީ އަލީ އާޒިމް ނުވަތަ އެންމެންގެ ދޮން އައްޔަ އެވެ.

ފަަހަކަށް އައިސް ދޮން އައްޔަ ނޫޅޭ ފިލްމެއްވެސް ޑްރާމާއެއް މަދުވާނެ އެވެ. ކޮމެޑީ ރޯލްތަކުން ފެށިގެން ގޮސް ސީރިއަސް ރޯލުތަކުގައި ވެސް މިހާރު އެންމެ ކުރީގައި އުޅެނީ ދޮން އައްޔަ އެވެ. އައްޔައަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. އޭނާއަކީ މަޝްހޫރު ނެށުން ތެރިއެއް އަދި ޑީޖޭ އެކެވެ.

ކުޑަ އިރުން ފެށިގެން ނަށަން ޝައުގުވެރިވި ދޮން އައްޔަ ނެށުމުގެ ތެރެއަށް ވަނީ ޓީވީއިން ފެންނަ ނެށުންތައް ބަލައިގެނެވެ. އޭގެ ފަހުން އޭނާ ވަނީ ރާއްޖޭގެ ބައެއް މަޝްހޫރު ނަށާ ގުރޫޕްތަކާއެކު ސްޓޭޖް ޝޯތައް ވެސް ދީފަ އެވެ.

އައްޔަ ބުނި ގޮތުގައި އެކްޓް ކުރުމަކީ މިހާރު އޭނާގެ އެންމެ ހާއްސަ ދާއިރާ އެވެ. ފިލްމީ ދާއިރާއިން އޭނާއަށް މަގުފަހިވީ، ނެށުމުގެ ތެރެއިންނެވެ.

ފިލްމީ ދާއިރާގައި އައްޔަ ވިދާލުމުގެ ކުރިން ވަނީ ބައެއް ލަވަތަކުގެ ބެކްގްރައުންޑުގައި ނެށުންތަކުން ވެސް އައްޔަ ފެނުނެވެ. "ހިތް ޒަހަމް ކުރަނީތާ" އާއި "ހިތުގެ ޔާރާވީ ލޯބި ކޮބާހޭ" ގެ އިތުރުން ޔާރާ ޕްރޮޑަކްޝަންސްގެ ގިނަ ކަވަތަކެއްގައި ވެސް އައްޔަގެ ހުނަރު ފެނެ އެވެ.

ސުނީތާގެ "ހިތްދީވާނާ 5" އަލްބަމްގެ ލަވައެއްގެ ލީޑުން ފިލްމު އިންޑަސްޓްރީގެ ތެރެއަށް އައި ދޮން އައްޔަ އެންމެ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 2014 ވަނަ އަހަރު ޑައިރެކްޓަރު ފައްތާހު ނެރުނު ފިލްމު "އާދޭސް" އިންނެވެ. އޭގެ ފަހުން މިހާތަނަށް އައި އިރު އައްޔަ ވަނީ ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކި މިޒާޖުގެ ގިނަ ކެރެކްޓާތަކެއް މިހާތަނަށް އައްޔައަށް ކުޅެވިފައިވާއިރު، އޭނާ ދެކޭ ގޮތުގައި ބެލުންތެރިންނަށް ބޮޑަށް ކަމުދަނީ އޭނާގެ ކޮމެޑީ ބައެވެ.

"މިފަހުން އައިސް އެންމެ މަޖާ އެއްޗަކަށް އައްޔައަށް ފާހަގަވެފައި އިނީ ނޯޓީ ފޯޓީ. މިހާރު ވަރަށް ބޭނުން ބިރުވެރި، ރޯލެއް ޓްރައި ކޮށްލަން، ދެން ވަރަށް މަގުމަތީގައި އުޅޭ ސްޓައިލް [ގޭންގްސްޓާ] ރޯލެއް ވެސް ބޭނުން ޓްރައިކޮށްލަން. މިދެ ރޯލުންވެސް ކުރިޔަށް އޮތްތަނުގައި ފެނުމަކީ އެކަށީގެންވާ ކަމެއް" އައްޔަ ކުޅެން ބޭނުންވާ ރޯލްތައް ހިއްސާ ކުރި އެވެ.

މިހާރު ފިލްމު އިންޑަސްޓްރީގައި އައްޔަ ކުރަމުންދާ މަސައްކަތްތަކަކީ ވީޓީވީގެ ޑްރާމާއެއްގެ މަސައްކަތާއި، ރޯދަމަސް ނިންމާފައި އަޅުވަން ހަމަޖެހިފައިވާ ބިރުވެރި ފިލްމް "ދައުވަތު" ގެ މަސައްކަތެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވެބް ސީރީސް ބައިސްކޯފުގެ "ހުވާ" ގައިވެސް އައްޔަ ހިމެނެ އެވެ.

"އަސްލު ފަސޭހަވެފައި ލައިކްވަނީ ބޮޑަށް ފިލްމު ކުޅެން. އެއީ ވާގޮތަކީ ނަގާ މަޖާ ގަނޑާއި، އެންމެންގެ އޮންނަ ޓީމް ވޯކާއި ދިމާވެ، ލިބޭ އެކްސްޕީރިއެންސް، ކޮންމެ ފަހަރަކީ ވެސް ތަފާތު އެއްޗެއް ދަސްވާ ފަހަރެއް އަބަދުވެސް، އެހެންވެ ހުރިހާ ގޮތަކަށް ބެލިޔަސް އައްޔައަށް ހަމަ ރަނގަޅީ ފިލްމު ކުޅެން،"

އައްޔަގެ އުންމީދަކީ ބެލުންތެރިންނަށް މި އަހަރު ހަ ފިލްމުން ފެނިގެން ދިއުމެވެ. އެކި ކެރެކްޓާތައް އައްޔަ އެ ފިލްމު ތަކުގައި ކުޅެން ހަމަޖެހިފައިވާއިރު، އައްޔަގެ އެކްޓިން އާއި މެދު ބެލުންތެރިން ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ "ގޮސިޕްސް" އަބަދުވެސް އުޅެއެވެ. އެގޮތުން އައްޔަ އާއި ފިލްމީ ތަރި އައްޒަގެ ގުޅުމާއި މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ގޮސިޕް ކޮށް ހަދައެވެ.

"އަސްލުވާ ގޮތަކީ އައްޔަ އާއި އައްޒަ ވަރަށް ކުޑަ އިރުއްސުރެ ވެސް ފްރެންޑްސް. އައްޒަވެސް އައްޔަވެސް ވިލިމާލޭގައި އުޅެނީ ... ދެން އެހެން ވީމާ ސްކޫލް ދައުރުން ފަށައިގެން ވެސް އައްޔަ ހަމަ އެގޭތެރޭގައި އުޅޭނީ އެއްކޮށް، އައިސް ސަކަރާތްޖަހާ، ނަށާ، އެއްކޮށް، ކައްކާ ކައި، މިހެން އުޅެނީ ހަމަ ފެމިލީ ގޮތަށް، ދެން އެހެންވީމަ އެއްކަލަ ވަރަށް ކްލޯސް. ދެން މީހުން އެކީގައި މިހެން ޝޫޓިންތަކަށް ގޮސް އުޅޭއިރު، ކުޑަ އިރުގައި ޖަހާފައިހުރި ސަކަރާތްތަކާއި އެއްޗެހި ހާދާންވޭ. އެހެންވީމާ އޭތިކަންނޭގެ މިއިންނަނީ ދެމީހުންގެ ދޭތެރޭ ކަނެކްޝަނަކަށް" އައްޔަ ކިޔައިދިނެވެ.