ނާށި ބިސްގަނޑު: ޅަފުރާގެ މީރު ހަނދާނެއް!

މިހާރަކަށް އައިސް ރެސްޓޯރެންޓްތަކުގެ މެނޫތަކުގައި ނާށި ބިސްގަނޑު ހިމަނާފައިވާ ތަން ވަރަށް ގިނައިން އެބަފެނެ އެވެ. އެހެންވާން މެދުވެރިވީ ބާބަކިއުތަކުގައި ނާށި ބިސްގަނޑު ކޮންމެހެން މަޖުބޫރު ކަމަކަށްވެ ނިމުނު ފަހުންނެވެ. ހަނދާން ނެތެމުން ގެއްލެމުންދިޔަ ނާށި ބިސްގަނޑު އަނެއްކާވެސް އެންމެނާ ހަމައިން އައިސް ރަހަމީ ރުކޮށްލީ އެވެ.

އަހަރެމެން ރަށުގެ ބަހުން ވިއްޔާ އެއީ "ނާށި ބިހިގަނޑަ" އެވެ. ނާށި ބިސްގަނޑަކީ ހަޔާތާ ގުޅިފައިވާ ރީތި އަދި މީރު ހަނދާނެކެވެ.

"ނާށި ބިސްގަނޑަކީ ކޮންމެ މީހެއްގެވެސް ކުޑައިރުގެ ހަނދާންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް. ރަހަވެސް މީރު ބިސްގަނޑެއް އެއީ. މިހާރު ރެސްޓޯރެންޓްތަކުން ނާށި ބިސްގަނޑު ލިބުނަސް އޭރު އެ ހުރި އަސްލު ރަހަ ހޯދަން ހަމަ އުނދަގޫ، މިހާރު ވެސް ބޭނުވަނީ ނާށި އުނދުނަށްލައިގެން ފިހެލެން، އަހަރެމެން ރަށުގައި ކިޔައި އުޅެނީ ނާށި ބިހިގަނޑަ" ނާށި ބިސްގަނޑު ހިމަނާފައިވާ މެނޫއަކާއެކު ރައްޓެއްސަކު އޭނާގެ ހަނދާންތައް އާކުރި އެވެ.

އެހެން ރައްޓެއްސަކު ބުނި ގޮތުގައި އެ އާއިލާ ކުރިން ރަށުގައި ދިރިއުޅުނު ގެއަކީ ވަރަށް ގިނަ އަދަދަކަށް ކުކުޅު ގެންގުޅުނު ގެއެކެވެ. ކުކުޅު ބައިގަނޑުގެ ތެރޭގައި އޭނާގެ ދޮން ކުކުޅެއް ވެސް އުޅުނެވެ.

"އަބަދުވެސް ހުރެވެނީ އެ ކުކުޅު ބިސް އަޅާތޯ ބަލަބަލާ! ބިސް އަޅައިފިއްޔާ އެ ބިހެއް އަހަންނަށް ހައްގުވާތީ ދެ ބިސް އެޅުމުން އެއް ބިސް ނެގުމަކީ އާދައެއް. އަނެއް ބިސް ފިޔޮކަށްވާން ބާއްވަނީ، ނެގި ބިހުން ނާށި ބިސްގަނޑު އަޅަނީ،" އެކުވެރިޔާ ބުންޏެވެ. "ބައެއް ފަހަރު ނާށި ބިސްގަނޑު އަޅާއިރު އޭގެ ތެރެއަށް ހަކުރު އަޅާއިގެން ފޮނި ބިސްގަޑުވެސް ފިހެލަން،"

ކުޑަ އިރުގެ ހަނދާން ހުރި މީހުނަށް އެނގޭނެ އެެވެ. އޭރު ހާލި ބިސް ނަގަނީ ދެތިން ބޭނުމެއްގަ އެވެ. ރޮލާ ބޯލާށާއި ނާށި ބިސްގަނޑު އަޅާށާއި ރައްޓެހި އެހެން ކުއްޖެއްގެ ބޮލަށް ތަޅާލާށެވެ.

"އެކަމަކު ގިނައިން ހާލިން ބިސް ނަގަނީ ނާށި ބިސްގަނޑު އަޅަން. ވަރަށް ކުރާ ހިތުން ކުރާ ކަމެއް. ވަރަށް ކާހިތްވާ ބިސްގަނޑެއް،"

ކުޑަ ނާށި ބިސް ގަނޑު އަޅަނީ ދަރު ބަދިގެ ތެރޭގައި މަންމަ ބަތް ކައްކާ ނިމުމުންނެވެ. ދަރު އުނދުނުގައި ކައްކަނީ ގަނޑު އަލިފާން ބޭނުންކޮށްގެންނެވެ. އެހެންވެ ބަތް ކައްކާ ނިމޭއިރު ބިސް ގަނޑު ފިހެލޭ ވަރަށް ގަނޑު އަލިފާންތައް އުދުން ތެރޭގައި ހުރެ އެވެ.

ބިހެއް އޮވެއްޖެނަމަ، ބަތް ކައްކާ ނިމުމުން އަންގާލަން ވަރަށް ގިނައިން މަންމަ ކައިރީގައި ބުނާނެ އެވެ. މަންމަ ކައްކާ ނިމެންވާ އިރަށް ރީތި ނާއްޓެއް، ނާށި ބަސްތާ ތެރެއިން ހޯދައި، ސާފުކޮށްލާނީ އެވެ. ބައެއް ފަހަރަށް މަންމަ ބުނަން ވެސް ހަނދާނެއް ނުހުންނާނެ އެވެ. ބައެއް ފަހަރަށް އަލިފާންގަނޑު އަޅިއަށްވެ ނިވިފައި ހުރެ އެވެ. އެކަން އެ ދުވަހު ނުވީ އެވެ.

"އަނެއްކާވެސް އަނެއް ދުވަހަށް ބިސް ފޮރުވަނީ... އެހެން ބިސް ވެއްޓި ތެޅޭ ފަހަރުވެސް އާދޭ، މިއީ ވަރަށް ގިނަ މީހުންގެ ހަނދާނުގައި ހުންނާނެ ކަމެއް،" މީހާރު 30 އަހަރު ވެފައިވާ ޒުވާނަކު ބުންޏެވެ.

އާންމުކޮށް ނާށި ބިސްގަނޑުގެ ދުވަަހަކީ ހުކުރު ނޫނީ ހޮނިހިރު ދުވަހު އެވެ. އެހެން ނޫނީ އެ ގަޑި އާންމުކޮށް ދިމާވަނީ ސްކޫލް ގަޑިއާ އެވެ.

ބަތް ކައްކާ ނިމުމުން އުނދުން ތެރެއަށް ނާށިގަނޑު ލައިގެން ކައިރީގައި ބަލަން ތިބެވެ އެވެ. ގިނަ ފަހަރަށް އެކަންޏެވެ. ބިސް ރޯފިލާ ވަގުތު ބަދިގެ ތެރޭގައި ދުވަން ފަށާ ވަހަކީ ބަނޑު ފުރާލަދޭ ވަހެކެވެ. މާގިނަ އިރުތަކެއް ނުވެ ބިސް ގަނޑު ފިހެވެ އެވެ. ފިހެވޭއިރު ނާށިގަނޑުގެ ދަށް އޮންނަނީ ކޮންމެ ވެސް ވަރަކަށް އަނދާފަ އެވެ. ދެ ދަނޑިކޮޅު ބޭނުންކޮށްގެން އުނދުން ތެރެއިން ނާށިގަނޑު ނެރެ، ހޫނުކަން ކެނޑެން ދެން ބަހައްޓާ ކުދިން ވެސް އުޅެ އެވެ. އަނެއް ބައި ކުދީން އަނގަ ފިހިލެގައިން ކާލަނީ އެވެ.

ކުޑަކޮށް ފިނިވެލުމުން އެތިކޮޅުކޮޅުން ވީހާވެސް ލަހަކުން ނާށިގަނޑު ކެވޭތޯ ބަލަނީ އެވެ. އެހާ މީރުކަމުން އަވަހަށް ހުސްކޮށްލަން ވެސް ބޭނުން ނުވެ އެވެ. މި ހަނދާނަކީ މިހާރު ވެސް ގިނަ ބައެއްގެ ހިތްތަކުގައި ރައްކާކޮށްފައިވާނެ ހަނދާންތަކެއްކަން ޔަގީނެވެ.