ލޯންޗުގައި އިށީނުމާއެކު އަހަރެންގެ ގޮވައިގެން މާލެ ބަނދަރުން ނުކުމެ ދުއްވައިގެންފި އެވެ. މިސްރާބަކީ މީގެ ދެ އަހަރު ކުރިއާ ހަމައަށް އެމެއްވެސް މަހެއް ވެސް ގަލެއް ވެސް ނެތް ހުސް ދޮން ފަޅެކެވެ. ވިއްސަކަށް މިނެޓް ދުއްވުމަށްފަހު ދުވެލި މަޑު ޖެހިލުމުން ލޯންޗުގެ ކުޑަ ދޮރުން ބޭރު ބަލައިލިއިރު ފެނުނީ އަޖަބެއް ކުރުވި މަންޒަރެކެވެ. އެހެން މީހަކަށް ފެނުނަސް ބުނާނީ "ތިމަންނާ ހައިރާންވެ އަންތަރީސްވި" އޭ އެވެ. ދެ އަހަރު ކުރިން ހުސްފަޅެއްގެ ގޮތުގައި އޮތް މިތަން މިއޮތީ ވަރަށް ހިތްގައިމު އަދި ވަރަށް ބޮޑު ރިސޯޓަކަށް ބަދަލުކޮށްލާފަ އެވެ. "އިތާފުށީ" ގެ ނަމުގައި ތަރައްގީކޮށް އަންނަ ޖުލައި މަހު ހުޅުވަން ތައްޔާރު ވަމުން މިދަނީ "ވާލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓެވެ. މިއީ ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟
މި ރިސޯޓަށް ފޭބުމުގެ ކުރިން ހޮޓެލް އެންޑް ރިސޯޓް (އެޗްއާރްސީ) ގެ ޗެއާމަން އަދި މެދުއިރުމަތީގެ ޕާޓްނަރަކާއެކު އިތާފުށި ތަރައްގީ ކުރަމުން ގެންދާ، މި ރިސޯޓްގެ ވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ލޯންޗުގައި އިންނަވައިގެން ވިދާޅުވި ގޮތުގައި އިތާފުށި އޮތް ފަޅު ހިއްކާފައި ވަނީ ނުވަ ދުވަހުންނެވެ. އަދި އެ މަސައްކަތް ކުރީ ދުނިޔޭގައި މިހާރު ދެވަނައަށް އޮތް އެންމެ ބޮޑު ކޮންނަ ބޯޓެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް އަދި ރިސޯޓު ޗެއިން ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާ ބްރޭންޑުގައި ހުޅުވާ މި ރިސޯޓްގައި މިހާރު ވެސް 500 އަށް ވުރެ ގިނަ މީހުން އަތް ހުއްޓާ ނުލައި ދަނީ މަސައްކަތް ކުރަމުންވެ. ރިސޯޓް ހުޅުވަން ތައްޔާރުވާއިރު މި ރަށުގެ މިހާރުގެ މަސައްކަތް "އަވަސް" ގެ ނޫސްވެރިންނަށް ވަނީ ދައްކާލާފަ އެވެ.
މިހާރު ވެސް މި ރަށުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތުގައި އެބަތިއްބެވެ. މިހުރިހާ މީހުންނަށް ކާން ދިނުމާއި ރޯދައިގެ ކަންކަމާއި އެހެނިގެން ހިދުމަތްތައް ފުރިހަމައަށް އެބަހުއްޓެވެ. މި އެންމެނަށް ކާން ދިނުމުގެ ބޮޑު އޮޕަރޭޝަންގައި ގިނަ ގައުމުތަކެއްގެ މީހުން ބައިވެރިވެ އެވެ. މީގެތެރޭގައި ދިވެހި އަންހެނުން ވެސް ހިމެނެ އެވެ.
މުވައްޒަފުން ނަށް އެންމެ ފުރިހަމަ ހިދުމަތް!
ހިލްޓަންގެ ވާލްޑޮފް އެސްޓޯރިއާގެ ސިގްނޭޗާގައި އެންމެ ބޮޑު އިސްކަމަަކީ އަބަދުވެސް މުވައްޒަފުންނެވެ؛ އެމެރިކާގެ މި ބްރޭންޑުގެ އެންމެ މަތީ މަސްލަހަތު ފެށެނީ ވެސް އެ ހިސާބުންނެވެ. މުވައްޒަފުންނަށް ދޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ހުރުމަކީ އެންމެ އިސްކަން ދޭ ކަމެވެ. އެހެންވެ އިތާފުށީގެ ބިމުގައި މުވައްޒަފުންނަށް ހާއްސަ ވަކި ރަށެއް ވަނީ އުފައްދައި ތަރައްގީ ކޮށްފަ އެވެ.
މި ރިސޯޓްގައި ޓޫރިސްޓުން އުޅޭ ސަރަހައްދަކީ ވަކި ރަށެކެވެ. ޓޫރިސްޓުންގެ މި ހާއްސަ ރަށުގެ މަގު ތަކަށް ކިޔާފައިވަނީ އެމެރިކާގެ މަގުތަކަށް ކިޔާ ނަމެވެ. ސަބަބަކީ ހިލްޓަން އަކީ އެމެރިކާ ކުންފުންޏަކަށްވުމެވެ.
"ދެކި ވަޑައިގަތީންތޯ މި ގޮތަށް ކުރިއަށް ދާ އޮޕަރޭޝަން. މިހާރު ވެސް މި [ރެސްޓޯރެންޓް] ގައި 500 މީހުންގެ ކޮއްތު ތައްޔާރު ކުރަމުން އެދަނީ. މި ތަނުގައި އެބަހުރި ކެއުންތަކުގައި ބޭނުންކުރާ ފިނިކުރި ސާމާނު ރައްކާ ކުރަން 18 ކޯލްޑް ސްޓޯރޭޖް،" މުވައްޒަފުންގެ ކެއުންތައް ތައްޔާރުކުރާ ބޮޑު އިމާރާތުގެ އެތެރެ ދައްކާލަމުން އެ ރިސޯޓުގެ ސީނިއަ އޮފިޝަލަކު ވިދާޅުވި އެވެ
ކެއުންތައް ތައްޔާރު ކުރާ ބޮޑު ބިޔަ އިމާރާތުގައި ބޮޑު ބޭކަރީއެއް އެބަހުއްޓެވެ. އެ ބޭކަރީގައި ދިވެހި އަންހެން ކުއްޖަކު މަސައްކަތް ކުރެ އެވެ. މީގެ އިތުރުން ވެސް ތަފާތު ކެއުންތަކަށް ހާއްސަ ބައިތައް އެބަހުއްޓެވެ. މިތާނގައި މިހުރީ ބޮޑެތި ރެސްޓޯރެންޓުތަކެވެ.
މި ރިސޯޓްގައި ކޮންމެ މުވައްޒަފަކަށް ވެސް އެންމެ މަތީ ފެންވަރުގައި ތަރައްގީކޮށްފައިވާ ވަކި ކޮޓަރިއެއް ހާއްސަކޮށްފައި ވެއެވެ. ބޭނުމަކީ މުވައްޒަފުންގެ މަސައްކަތުގެ މާހައުލު ފުރިހަމަ ކޮށްދިނުމެވެ.
"މިތަނުގައި ހުންނާނެ މުވައްޒަފުން ބޭނުންވާނެ ހުރިހާ ހިދުމަތެއް. މަސައްކަތް ނިންމާފަ ކުޅެލަން ހާއްސަ ތަންތަން ވެސް ހުންނާނެ. މުވައްޒަފުން މަޑުކޮށްލައިގެން ތިބޭނެ ތަންތަން ވެސް ހުންނާނެ،" މުވައްޒަފުން މަޑުކޮށްލައިގެން ތިބި ސަރަހައްދެއް ދައްކާލަމުން ޖަނާ ވިދާޅުވި އެވެ.
ރިސޯޓްގައި ހުސް ސަޕްރައިޒް!
ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަގު ބޮޑު އިތާފުށީން ލިބެނީ ސަޕްރައިޒެވެ. ރަށަށް އަރާ ޓޫރިސްޓުން ފައިބަން ހާއްސަ ބޮޑު ޕްލޯޓިން ޖެޓީއެއް އެބައޮތެވެ. އެތަނުގައި އެއްފަހަރާ ގިނަ އަދަދެއްގެ އުޅަނދުތައް ކައިރިކުރެވެ އެވެ. ރަށުގެ މެއިން ޖެޓީއާ ގުޅާލާފައިވާ މި ފްލޯޓިން ފާލަމުގެ ދެ ފަރާތުގައި ދަތިކަމެއް ނެތި ދެ ސީޕްލޭން ބާއްވާލެވޭނެ ޖާގަ ހަދާފައި ވެއެވެ.
މި ރީތި ފާލަމުން ރަށު ތެރެއަށް އަރާއިރު، ފެންނަ އެންމެ ހިތްގައިމު މަންޒަރަކަށްވާނީ ރިސޯޓްގެ ރިސެޕްޝަން އޭރިއާ އެވެ. އަދި މި ސަރަހައްދުގެ ފާރުތަމާއި އެތެރޭގައިވާ ހައިރާން ކުރުވަނިވި ފަރުމާ އެވެ. އެތަންތަނަށް ދިވެހިވަންތަ ސިފަ ގެންނަން ކޮށްފައިވާ މަސައްކަތެވެ. މިއިން އެއްވެސް ތަނެއްގެ މަންޒަރާއި ފޮޓޯ އާއި ހިދުމަތްތަކާއި ކޮންސެޕްޓް ފީޗާތައް މިއަށްވުރެ ތަފްސީލުކޮށް ދެވޭނީ މި ރިސޯޓް ހުޅުވުމުންނެވެ. އޭގެ ކުރިއަށް މިއީ ހަމަށް ލޮލަށް ދައްކާލާ ޒިޔާރާތެކެވެ. -- ވަރަށް މާފު
" ކިތަންމެ ވަރަކަށް ތަޖުރިބާ ކުރައްވާ ބެއްލެވިއަސް އަދި ފޮޓޯ ނެންގެވިއަސް އެންމެ ރަނގަޅު... އެކަމަކު އެއްވެސް ފޮޓޯ ނޫހުގައި ޝާއިއުކޮށްގެން ނުވާނެ. ރިސޯޓު ހުޅުވާއިރު ހުންނަން ޖެހޭނެތާ ސަޕްރައިޒް ކަންތައް ތަކެއް. މިހާރު ފޮޓޯ އާއްމުކުރުމުން އެ ސަޕްރައިޒް ގެއްލިދާނެ،" ރަށަށް އަރާ މެއިން ރިސެޕްޝަންގައި ހުރި ފުރިހަމަ ކުރެހުން ދައްކާލަމުން ރިސޯޓުގެ އިސްވެރިޔަކު އެދި ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްގެ މަސައްކަތް ހިނގަމުންދާ ގޮތުގައި މަދު ފޮޓޯތަކެއް އަވަސްގެ ލިޔުމެއްގައި ބޭނުންކޮށްލިއަސް އެންމެ ރަނގަޅެވެ.
މި ރަށަށް އަންނަ ގެސްޓް މީހާއަށް ހުރި ކޮޓަރި އާއި އާރަމުގެ ވާހަކަ އެބައޮތެވެ. މި ރަށަށް އަންނަ ޓޫރިސްޓަކަށް ވިއްސަކަށް ވައްތަރުގެ ވިލާ ހިޔާރު ކުރެވިދާނެ އެވެ. ހަމަ ހިތުލާފައި ބުންނަވީ އެވެ. މި ކޮޓަރިތަކާއި ވިލާތަކުގެ ތެރޭގައި މޫދުގައި ހުންނަ ވިލާތަކާއި ހިތްގައިމު ބީޗުގައި ހަދާފައިވާ ބޮޑެތި އަދި ކުދި ވިލާތައް ވެސް ހިމެނެ އެވެ.
"ވިލާތަކާބެހޭ ގޮތުން ކުޑަކުޑަކޮށް ސުރުހީ އަޅައިލިއަސް އެންމެ ރަނގަޅު،" އެ އޮފިޝަލު ވިދާޅުވި އެވެ.
ގިނަ ގައުމުތަކުގެ ރެސްޓޯރެންޓުތައް
މި ރަށުގައި ކެއިން ބުއިމުގެ ހިދުމަތް ދިނުމަށް ނުވަ ވައްތަރެއްގެ ރެސްޓޯރެންޓް ހުރެ އެވެ. މި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ ތެރެއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަންނަނީ މުޅި ރަށުގެ މާހައުލު ރަށް މަތިން ފެންނަ ގޮތަށް ހަދާފައިވާ ޓެރަސް ރެސްޓޯރެންޓު ތަކެވެ. ޕްރައިވެޓް ޑައިނިންއަށް ހާއްސަކޮށް "ބެންބޫ" ނުވަތަ އޮނު ބޭނުން ކޮށްގެން ހަދާފައިވާ މިތަނުގައި ތިބޭއިރު ދުވަހަކުވެސް އިހުސާސް ކުރެވިފައި ނުވާ ތަފާތު އިހުސާސްތަކެއް ކުރެވޭނެ އެވެ.
އަނެއް ހާއްސަ ރެސްޓޯރެންޓަކީ ރަށުގެ އެއް ހިއްސާދާރު ނިސްބަތްވާ މެދުއިރުމަތީގެ ކެއުންތަކަށް ހާއްސަ "ޔަސްމީން" ރެސްޓޯރެންޓެވެ. މިތަން ހަދާފައިވަނީ އެކަމަށް ހާއްސަ މެޓީރިއަލް ބޭރުން ގެނެސްގެންނެވެ.
އަދި ހާއްސަ ޗައިނީޒް ރެސްޓޯރެންޓަކީ މި ސަރައްދުގައި ވެސް ހުރި އެންމެ ފުރިހަމަ އެއް ރެސްޓޯރެންޓަށްވާނެ އެވެ. ބޭރުން ސަންގުމަރުމަރު ހިލަ ގެނެސްގެން ވެސް މިތަނުގައި ހާއްސަ ރެސްޓޯރެންޓެއް ހަދާފައި ވެއެވެ. ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ ފާރުތަކުގައި ކުރަހާ ކަނޑާނަގާފައިވާ ފަރުމާ ތަކުން ފެންނަނީ ރަށުގެ ވެރިންގެ ކްރިއޭޓިވިޓީ އެވެ.
"މި ހުރިހާ ކަމަކީވެސް އެޗްއާރްސީގެ ދިވެހި މުވައްޒަފުންނާއި ޕާޓްނާ މުވައްޒަފުންގެ މަސައްކަތް. ދިވެހިންގެ ބައިވެރިވުން،" ޖަނާ ވިދާޅުވި އެވެ.
މި ރަށުގެ ސްޕާ ނުވަތަ "ވެލްނަސް ސެންޓަރު" ހުންނަ ސަރަހައްދުން ފެންނާނީ މުޅިން ތަފާތު މަންޒަރެވެ. ފެހިކަމާއި އިރު އޮއްސޭ މަންޒަރުގެ ރީތި ކަމެވެ. މި ރިސޯޓުގެ ކިޑްސް ކްލަބުގައި ކުޑަކުދިންގެ ކުޅެވޭނެ ތަފާތު ކުޅިވަރުތައް ހުރެ އެވެ. އަދި މިރަށުގެ އަނެއް ހާއްސަ ކަމަކީ ރަށާއި އިންވެގެން ހަދާ ބޮޑު ޕްރައިވެޓް އައިލެންޑެވެ. މިހުރިހާ ހައްތަހާ ވެސް މި ރިސޯޓަށް އަންނަ މީހަކަށް ހުރި ހިދުމަތް ތަކެވެ. މި ރިސޯޓަކީ އެއް ގަޑި އިރަކުން ބަލައި ނިމޭނެ ވަރުގެ ތަކެއް ނޫނެވެ. މިއަދުވެސް މުޅި ރިސޯޓު އެއްކޮށް ބަލައި ނުނިމެނީސް ޖެހުނީ ރިސޯޓުން ފައިބާށެވެ.