ރިޕޯޓް

އިންކަމް ޓެކުސް ނަގަން ގިނަ ވިޔަފާރިވެރިންގެ ތާއީދު!

އިންކަން ޓެކުސް ނެގުމަކީ މި ސަރުކާރުގެ ބޮޑު ސިޔާސަތެއްގެ ގޮތުގައި ހިމަނައި އެކަމަާށް މަސައްކަތް ކުރަމުންދާއިރު، އެ ޓެކްސް ތައާރަފް ކުރަން ގިނަ ވިޔަފާރިވެރިން ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

މުއްސަނދިންގެ އަތުން އިންކަމް ޓެކުސް ނަގަން ފަށާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. އިންކަން ޓެކްސް ނެގުމާމެދު "އަވަސް" އަށް ވަނީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިވެރިން އިންޓަވިއު ދެއްވާފަ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) "އަވަސް" އަށް ވިދާޅުވީ އިންކަމް ޓެކްސް ނަގާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށާއި މީގެ ބަދަލުގައި ޓެކުސް ނިޒާމަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިހާރުގެ ސަރުކާރުގެ ވައުދެއް ޓެކުސް ނިޒާމު ރަނގަޅު ކުރުން. އެހެންވެ އަޅުގަނޑު އުންމީދު ކުރަން އެކަން ކޮށްދެވާނެ ކަމަށް. މިހާރު ޓެކްސް ނިޒާމު އޮތް ގޮތުން ކުދިން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ. މީރާ އިން ގޮސް ހިސާބުތައް ބަލައިލާއިރު ކުދި ގިނަ ވިޔަފާރި ތަކެއް ޖޫރިމަނާ ވޭ. އެހެންވެ މިކަންކަން ފުރަތަމަ އެބަޖެހޭ ރަނގަޅު ކުރަން،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެކުހެއް ނަގާއިރު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ މިކަމުގެ ސަބަބުން ވިޔަފާރިތަކާއި ރައްޔިތުންނަށް ބޮޑެތި ދަތި ތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ހާއްސަކޮށް އިންވެސްޓަރުން ގެންނަން މަސައްކަތް ކުރާއިރު މިކަމުގެ ގެއްލުމެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުބާއީ އަށް ވެސް ގިނަ މީހުން ގޮސް އިންވެސްޓް ކުރާ އެއް ސަބަބެއް އެތަނުގައި ޓެކްސް ތަކެއް ނެތުން. އެހެންވެ އަނެއްކާ ރާއްޖޭގައި އިންކަމް ޓެކްސް ނެގުމަކީ އިންވެސްޓަރުންނަށް އެހާ ރަނގަޅު ކަމެއް ނޫން،" ނާބެ ވިދާޅުވި އެވެ.

އެހެން ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ މިހާރު ރާއްޖޭގައި ހަތަރު ޓެކުހެއް ނަގަމުންދާއިރު ޑިއުޓީ ވެސް ނަގާ ކަމަށެވެ. އަދި އިތުރު ޓެކުހެއް ނެގުމަކީ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"މިހާރު މި އޮތް ގޮތުން ޓެކުސްތައް އެބަ އަރާ 25 ޕަސެންޓާއި 50 ޕަސެންޓަށް. މިއީ މައްސަލައަކަށްވާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ފުރަތަމަ ޑިއުޓީ ކުޑަކުރަން ޖެހޭ!

ބައެއް ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި އިންކަމް ޓެކްސް ނަގަން ފެށުމުގެ ކުރިން މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި އެންމެ ގިނަ ބޮޑެތި ފިހާރަތައް ހިންގާ ރެޑްވޭވް ކުންފުނީގެ ވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިންކަމް ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް ޓެކްސް ނެގުމުގެ ކުރިން ބައެއް މުދަލުގެ ޑިއުޓީ ކުޑަ ކުރަން ޖެހޭ ކަމަށެވެ.

"ކުރިން ޖީއެސްޓީ ނެގިއިރު ޑިއުޓީ ކަނޑާލި ބާވަތްތަކުން ނިމިދިޔަ ސަރުކާރުން ވަނީ ޑިއުޓީ ނަގަން ފަށާފަ. އެހެންވެ މިއީ މައްސަލައަކީ. ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ ދޮންނަ މެޝިނާއި ޓީވީ ފަދަ ތަކެތިން އެބަ ނަގާ 25 ޕަސެންޑް ޑިއުޓީ. އެހެންވެ މިފަދަ ތަކެތިން އެބަޖެހޭ ޑިއުޓީ ކަނޑާލަން،" ސަލީމް ވިދާޅުވި އެވެ.

މިއީ ކުރަން ޖެހޭ ކަމެއް

ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ ޔުނިވާސަލްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު ވަނީ އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ކަމަށް މިއަދު "އަވަސް"އަށް ވިދާޅުވި އެވެ.

"މީހުންނަށް ހީވެގެން އުޅެނީ އަޅުގަނޑުމެން އިންކަމް ޓެކްސް ނެގުމަށް އިދިކޮޅުވާނެއޭ. އަޅުގަނޑު ގައިމު އިދިކޮޅެއް ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެއާ އިދިކޮޅު ހެނެއް،" އެމްޔޫ މަނިކު ވިދާޅުވި އެވެ.

ޔޮޓް ޓުއާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ.

"ޓެކްސް ނަގައިގެން އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރާނަމަ މިއީ ހަމަ އެންމެ ރަނގަޅު ކަމެއް. ގަބޫލުކުރާ ގޮތުގައި އިންކަމް ޓެކްސް ނަގަން ގާނޫނީ އޮނިގަނޑަށް ގެންނަ ބަދަލުތައް ރައްޔިތުންގެ މަންދޫބުން ގެނެސް ދެއްވާނެ. އެހެންވެ މިއީ ހަމަ ވަރަށް ރަނގަޅު ކަމެއް،" ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސްޕެޝިއަލް އެންވޯއީގެ މަގާމުގައި ވެސް ހުންނެވި ޖާބިރު ވިދާޅުވި އެވެ.

ކ. މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރިކުރާ ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ނަޝީދު ވިދާޅުވީ އިންކަމް ޓެކްސް އަަށް ތާއީދު ކުރާ ކަމަށާ، ނަމަވެސް ކަރަންޓު ބިލާއި ޑިއުޓީ ކުޑަ ކުރުން ފަދަ ކަންކަމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"މިހާރު މި އޮންނަ ގޮތުން އެއްވެސް އިންސާފެއް ނެތް. މާލޭގެ ބޮޑެތި ހޮޓާތަކުގައި ކަރަންޓު ޔުނިޓަކަށް މި ނަގަނީ 4.50ރ. އެކަމަކު މާފުށީގެ އިންވެސްޓަރުންނަށް އެބަޖެހޭ 7.50ރ. ދައްކަން. އަޅުގަނޑުމެން ކަރަންޓު ބިލަށް އެކަނި އެބަ ދައްކަން މަހަކު 400،000ރ. އަށްވުރެ ބޮޑު އެއްޗެއް ދައްކަން މިހުރީ ހައްތާވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް،" އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ޓްރެވަލް ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ މުހައްމަދު ފިރާގު ( އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ އާ ޓެކްސްއެއް ނަގަން ވާނީ ވަރަށް ރަނގަޅަށް ތައްޔާރުވެ، އެކަމަށް ދިރާސާ ކޮށްގެން ކަމަށެވެ. އަދި މި ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ރަނގަޅު ނިޒާމެއްގެ ދަށުން މި ޓެކްސް ނަގަން ވާނީ. މިއީ ވަކި ފެންވަރެއްގެ ބައެއްގެ އިންކަމް އިން ދައްކަން ޖެހޭ ޓެކުހެއް. އެހެންވެ މި ޓެކުހަށް ތާއީދު ކުރަން،" ފިރާގު ވިދާޅުވި އެވެ.

ރަނގަޅު ނިޒާމެއް އޮންނަން ވާނެ

މި ޓެކުހަށް ތައްޔާރު ވާއިރު ގިނަ ވިޔަފާރިވެރިން ބުނެފައިވަނީ މިޓެކްސް ނަގަން ވާނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން އެކަމަށް ވަގުތުވެސް ދެވިގެން ކަމަށެވެ.

ރާއްޖެ އަށް ގިނަ އިންވެސްޓަރުން ގެނެސް މަސައްކަތް ކުރައްވާ ހޮޓެލް އެންޑް ރިސޯޓުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިންކަމް ޓެކްސް ނަގަން އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ޓެކުހެއް ނެގުމުގެ ކުރިން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭކަން ތަޖުރިބާގެ އަލީގައި ޖަނާހު ވިދާޅުވި އެވެ.

"ކުރިން ޓެކްސް ނެގިއިރު ވެސް ވަގުތު ދިން ތައްޔާރު ވާން. އިންކަމް ޓެކުހަށް ވެސް ޖެހޭނެ ހޭލުންތެރި ކުރުވަން. ތައްޔާރު ވާން ވަގުތު ވެސް ބޭނުން ވާނެ. މި ޓެކްސް ނަގާއިރު ޖެހޭނެ ބޭންޑްތަކެއް އޮންނަން. އެހެން ގައުމުތަކުގައި ވެސް އޮވޭ އެގޮތަށް. އެންމެ މަތީ ލެވަލް އާއި މެދު އަދި އެއަށްވުރެ ދަށުގެ. އެއީ އެކި ވިޔަފާރިވެރިންގެ އިންކަމް އުޅެނީ އެކިވަރުގަ. އެގޮތަށް ބަލާއިރު މިއީ ރާއްޖެއަށް ކޮންމެހެން މުހިންމު ޓެކުހެއް،" ޖަނާހު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސަކަން ވެސް ކުރައްވާ ޖަނާހު ވިދާޅުވީ މީގެ އިތުރުން މި ޓެކްސް ނެގުމުގެ ކުރިން ވިޔަފާރިއަށް މިހާރަށްވުރެ ފަސޭހަ ގައުމަކަށް ރާއްޖެ ހަދަން ޖެހޭ ކަމަށެވެ. އަދި މި ދާއިރާގެ ފަރާތްތަކުގެ މަޝްވަރާ ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޓެކްސް ނަގާއިރު ޖެހޭނެ ބޭންޑްތަކެއް އޮންނަން. އެހެން ގައުމުތަކުގައި ވެސް އޮވޭ އެގޮތަށް. އެންމެ މަތީ ލެވަލް އާއި މެދު އަދި އެއަށްވުރެ ދަށުގެ. އެއީ އެކި ވިޔަފާރިވެރިންގެ އިންކަމް އުޅެނީ އެކިވަރުގަ. އެގޮތަށް ބަލާއިރު މިއީ ރާއްޖެއަށް ކޮންމެހެން މުހިންމު ޓެކުހެއް
މުހައްމަދު އަލީ ޖަނާހު | ހޮޓެލް އެންޑް ރިސޯޓުގެ ޗެއާމަން

"އެއްވެސް ސުވާލެއް އުފެދޭ ގޮތަށް ކަންކަން ކުރެވިގެން ނުވާނެ. ނިއުޒަލޭންޑް ފަދަ ގައުމުތަކުގައި ވެސް މިފަދަ ކަންކަން އޮންނަ ގޮތަށް ޓްރާސްޕޭރެންޓްކޮށް އޮންނަން ވާނީ. މުޅި އިސްޓަމް ޖެހޭ އެފިޝެންޓްވާން. ހިދުމަތްތައް އެބަޖެހޭ ފަސޭހަ ވާން،" ޖަނާހު ވިދާޅުވި އެވެ.