ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސް ވިޔަފާރީގެ މުސްތަގު ބަލަކީ ކޮބާ؟

ރާއްޖޭގެ ޓޫރިޒަމަށް އަންނަ އަހަރު ބައި ގަރުނު ފުރޭއިރު އަލަށް އުފަންވި އެއް ޕްރޮޑަކްޓަކީ "ގެސްޓްހައުސް ޓޫރިޒަމް" ނުވަތަ ރަށްރަށުގެ ގޭގޭގައި ކުދި ކޮޓަރި ހަދައިގެން އެ ތަންތަން ވިއްކުމެވެ. މި ޓޫރިޒަމް ރާއްޖޭގައި ރަސްމީކޮށް ފެށުނުތާ 10 އަހަރުވެފައިވާއިރު، މި ޓޫރިޒަމް މިވަނީ ބޮޑު ބަދަލަކާ ދިމާލަށް ދާން ފަށާފަ އެވެ.

ގޭގައި ކުދި ކޮޓަރި ހަދައިގެން ފެށި މި ވިޔަފާރި ފުޅާވެ، ބޮޑެތި އިމާރާތްްތައް ހަދައި "ސިޓީ ހޮޓާ" ނުވަތަ "ބުޓީކް ހޮޓާ" ފެންވަރަށް މިތަން ވަނީ ބަދަލުވެފަ އެވެ. މި ބޮޑު ބަދަލާއެކު ގެސްޓްހައުސް ވިޔަފާރީގެ މުސްތަގުބަލަކީ ކޮބައި ހެއްޔެވެ؟ މި ވިޔަފާރި ދެން ފެނިގެން ދާނީ ކިހިނެއް ހެއްޔެވެ؟ މިހާރު ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމަށް ބަލާއިރު ކޮވިޑުގެ ކުރީގައި ރާއްޖޭގައި 600 ގެސްޓްހައުސްއެއްގައި 10،000 އެއްހާ އެނދު ހުއްޓެވެ. އަދި ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ ކ. މާފުއްޓާއި އއ. އުކުޅަސް އަދި އއ. ރަސްދޫގެ އިތުރުން އއ. ތޮއްޑޫ ފަދަ ރަށްރަށުގައި އެނދުގެ އަދަދު ހުރީ 500 އިން މަތީގަ އެވެ. މާފުށްޓަށް އެކަނި ބެލިނަމަވެސް އެނދުގެ އަދަދު 1،000 އަށް ވުރެ އިތުރެވެ. ނަމަވެސް މި ވިޔަފާރި މިވަރަށް ފުޅާވި ނަމަވެސް ހަގީގަތުގައި މި ވިޔަފާރިއަށް ގިނަ ބަޔަކު ނުކުންނަނީ އެކަން ކުރަން އޮންނަ ގޮތަށް އެކަން ކުރަން އެނގިގެނެއް ނޫނެވެ.

ބައެއް މީހުން ލޯނު ނަގައިގެން މި ތަންތަން އަޅާއިރު އަނެއް ބަޔަކު މި ވިޔަފާރީގެ ތެރެއަށް ނުކުންނަނީ އާއިލާ އެންމެން އެއްވެގެން ފައިސާ އެއްކޮށްގެން އާއިލީ ވިޔަފާރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ކޮވިޑުގެ ބަލާއާފާތް ލައްވާލުމާއެކު މިގޮތަށް ފެށި ގިނަ ވިޔަފާރިތަކެއްގައި މިހާރު ވަނީ "ތަޅު އެޅުވި" ބުރަކި ޖެހިފަ އެވެ. އެ މީހުން ތިބީ މުސަތަގުބަލާ މެދު ސުވާލު އުފެދިފަ އެވެ.

"ކަރަންޓު ބިލަށް އެއް ލައްކަ ވަރު އަރާފައި އެބަހުރި. އެހެން ހިންގުމަށް މީހުންގެ އަތުން ނަގާފައިވާ ދަރަނި ވެސް ބައެއް ތަންތަނުގައި ބޮޑު. ގެސްޓްހައުސް ބަންދު ކުރިއަޔަސް ކުލި ދައްކަން ޖެހޭ. އެކަމަށް އަތުގައި ހުރި ފައިސާކޮޅު ވަނީ ހުސްވެފަ،" މާފުށީގައި މި ވިޔަފާރި ކުރާ ފަރާތެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ކަކޫމައްޗަށް ތިރިވެފަ

މި ވިޔަފާރިއަށް ލިބުނު ގެއްލުން ފުރަތަމަ ހަ މަހަށް ބެލިނަމަވެސް 30 މިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އެހެންވެ އަލުން ހަމައިސްކޮޅަށް ތެދުވާނަމަ އެ މީހުން ކުރަން ޖެހޭ މަސައްކަތް ލައްކަ ގިނަ އެވެ. އަދި މިހާރު ދުނިޔެ އޮތް ގޮތުން ހަމައެކަނި އޮންލައިން ބުކިންއަށް ގެސްޓްހައުސްތަކުގެ ކޮޓަރި ދޫކޮށްލައިގެން މި ވިޔަފާރި ހިންގިދާނެތޯ މިއީ ސުވާލެކެވެ. ސަރުކާރުން މިހާރަށް ވުރެ ބޮޑަށް މި ވިޔަފާރި ޕްރޮމޯޓް ކުރަން މަސައްކަތް ނުކޮށްފިނަމަ މި ވިޔަފާރި އަށް އަލަށް ނުކުމެތިބި ވިޔަފާރިތަކަށް ލިބޭނެ ގެއްލުން ބޮޑުވާނެ އެވެ.

ރާއްޖޭގައި މި ވިޔަފާރި އެންމެ ފުޅާކޮށް ކުރާ މީހުން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި އޮފީސް ހުޅުވިނަމަވެސް ހަގީގަތުގައި މިހާރު އެއީ ގެސްޓްހައުސްއެއް ނޫނެވެ. އެއީ ހޮޓާ ތަކެކެވެ. އެ މީހުން ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ބައިވެރިވެ އެޖެންޓުންނަށް ޑައިރެކްޓް "ލިންކް" އެޅިނަމަވެސް "ކުދި ވިޔަފާރިވެރިންނަށް" މިކަން ކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ އެ މީހުންގެ އަތުގައި ހިފައިގެން ސަރުކާރުން އިތުރު މަސައްކަތް ތަކެއް ނުކޮށްފިނަމަ މި ވިޔަފާރީގެ ދުވެލި މަޑުވުމުގެ ފުރުސަތު އެބައޮތެވެ. މިކަމުގައި ގެސްޓްހައުސްގެ މަސައްކަތްތައް ބަލަހައްޓާ ޖަމިއްޔާ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ދައުރު ވަރަށް ބޮޑެވެ.

މާކެޓު ކުރަން އިތުރު އެހީތެރިކަން ބޭނުންވޭ

ގެސްޓްހައުސްތަކުގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި ގޭމް އިން ވަނީ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވާން ފަށާފަ އެވެ. ގޭމްގެ ސެކްރެޓަރީ ޖެނެރަލް ސައުދުﷲ ހަސަން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ ދެން ފެނިގެންދާނީ މާކެޓިން އެޖެންސީއެއްގެ ގޮތުގަ އެވެ.

"ރާއްޖޭގެ 610 ގެސްޓްހައުސްގައި 10،000 ކޮޓަރި އެބަހުރި. ލޮކްޑައުން ކުރީގައި ހެދި ސާވޭ އިން އެނގުނު ގޮތުގައި މީގެ 40 ޕަސެންޓް ކޮޓަރި ފިލްއެއް ނުވޭ. މީގެ މާނައަކީ ފިލް މިވަނީ 6،000 ކޮޓަރިއޭ. ބާކީ އޮތް 4،000 އެނދު ފިލް ނުވޭ. އެހެންވެ، އެކަން އަޅުގަނޑުމެން ފަށަން ގަސްތު ކުރަނީ،" ސައުދުﷲ ވިދާޅުވި އެވެ.

ހޯމްސްޓޭ- އިތުރު ޗެލެންޖެއް

ރެގިއުލޭޓް ކުރުމުގެ ފެންވަރު ދަށް މި ވިޔަފާރިއަށް ދެން ކުރިމަތިވާނެ އަނެއް ގޮންޖެހުމަކީ އަންނަން އުޅޭ "ހޯމްސްޓޭ" އެވެ. ގޭގޭގެ ކޮޓަރި، އެއާ ބީއެމްބީ ނުވަތަ މިފަދަ ސައިޓުތަކުގައި ޖަހައިގެން ކުރާ މި ވިޔަފާރީގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް އިތުރު ވާދަވެރިކަމެއް އަންނާނެ އެވެ. މިކަން ރަނގަޅަށް ރެގިއުލޭޓް ނުކޮށްފިނަމަ އިންވެސްޓްކޮށްގެން ހަދާފައިވާ ތަންތަން ފޫބައްދަން ބޮޑު ގެއްލުމާ ކުރިމަތިމަތިވުވުމުގެ ފުރުސަތު އެބައޮތެވެ. މި ވިޔަފާރި ބަލަހައްޓާ ގޭމް އިން މީގެ ކުރިން އެ ކަންބޮޑުވުން ފާޅު ވެސް ކޮށްފައިވެ އެވެ.

މި ހުރިހާ ގޮންޖެހުން ތަކަކާ އެކު ގެސްޓްހައުސް ވިޔަފާރިއަށް ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް ކަމަށް ބަލަން ތިބެވޭކަށް ނެތެވެ. ދުނިޔޭގައި ބަޖެޓު ޓްރެވަލާސް ކިތަންމެ ގިނަ ނަމަވެސް ރާއްޖެ ދުނިޔެ އަށް އެނގެނީ އަގު ބޮޑު މަންޒިލެއްގެ ގޮތުގަ އެވެ. އެހެންވެ ގެސްޓްހައުސް ކަކަލަ ޓޫރިޒަމްގެ ކުދި ވިޔަފާރިތައް ޕްރޮމޯޓްކޮށްގެން އެ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިތުރު އެހީތެރިކަން ބޭނުންވެ އެވެ. އެހެން ނޫން ނަމަ ގެސްޓްހައުސްތަކުގެ ވިޔަފާރިތަކުގެ ތެރެއަށް އެހެން ވިޔަފާރިތައް ގަދަވެގަނެ ގެސްޓްހައުސް ތަކުގެ ވިޔަފާރިއަށް އަރާ ލޮޅުން ބޮޑުވެދާނެ އެވެ. އެއީ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.