ގެސްޓް ހައުސް ވިޔަފާރި

ހޯމްސްޓޭ ޓޫރިޒަމާމެދު ގޭމްގެ ކަންބޮޑުވުންތަކެއް

Jun 19, 2021
2

ގޭގެ ކޮޓަރިތަކުގައި ޓޫރިސްޓުން ބައިތިއްބަން ހަދާ "ހޯމްސްޓޭ ޓޫރިޒަމް" ގެ ސަބަބުން ޓޫރިސްޓުންނާއި ގޭބިސީތަކުގެ ސަލާމަތަށް ގިނަ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފި އެވެ.

ހޯމްސްޓޭ ޓޫރިޒަމާމެދު އެ ޖަމިއްޔާއިން ދެކޭ ގޮތް ހިމަނައި ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހޯމްސްޓޭއަކީ ދުނިޔޭގައި ފުޅާވަމުންދާ ޓޫރިޒަމެއް ކަމަށާ، އަދި އެ ޓޫރިޒަމަކީ ރާއްޖޭގެ ޓޫރިޒަމް ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތު ދެކޭ ކަމަށެވެ. ނަމަވެސް ހޯމްސްޓޭ ތައާރަފު ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ ޖަމިއްޔާ އިން ވަނީ ސުވާލު އުފައްދާފަ އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ބުނީ ކޮވިޑް-19 އިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް މިވަގުުތު ކުރިމަތިވެފައިވާ ބޮޑެތި މާލީ މައްސަލަތަކެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކެޓަރީގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެ ވިޔަފާރި ކަމަށްވާ ގެސްޓްހައުސް ސިނާއަތް ތަމްސީލް ކުރާ ގޭމް އިން ބުނީ ރާއްޖެއަކީ އެއް ގެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅެމުން ގެންދާ ގައުމެއް ކަމަށެވެ. އެހެންކަމުން ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ކުރިމަތިވެދާނެ ގޮން ޖެހުންތަކާ މެދު އެ ޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލަތަކާ ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ އެވެ،" ގޭމް އިން ބުނެފައިވެ އެވެ.

ގެސްޓްހައުސް ޓޫރިޒަމަށް ހަމައަގެއް ނުލިބޭ

ގޭމް އިން ބުނީ ރާއްޖޭގެ ގެސްޓްހައުސްތައް މިހާތަނަށް ދުނިޔޭގައި އިސްތިހާރު ކުރެވިފައި ނުވާ ކަމަށާ، މި ސިނާއަތަށް ހަމަ އަގު ހޯދަން ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"މިކަމުގެ ސަބަބުން ގެސްޓްހައުސްތަކުގެ އާމްދަނީ ދަށްވުމަކީ މި ސިނާއަތާ ސީދާ ހުޅުންހުރި އެންމެހާ ކުދި ވިޔަފާރިތަކަށް މީގެ ސަބަބުން ގެއްލުންވެ މާލީ ގޮތުން ގެއްލުންވަމުންދާ ކަމެކެވެ. މިހާ ލަތަކީ ގެސްޓްހައުސްގެ ކުދި ވިޔަފާރިތައް ކޮޅަަށް ޖަހަން ގިނަ މަސައްކަތްތަކާއި އެހީތެރިކަން ނުހަނު ބޭނުންވެފައިވާ ވަގުތެކެވެ،" ގޭމް އިން ބުނެފައިވެ އެވެ.

ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހުންނައިރު ގެސްޓްހައުސް އެނދުތަކުގެ އަދަދު 10،000 އަށްވުރެ ގިނަ އެވެ.