ރިޕޯޓް

ޓޫރިޒަމުން ކޮރަޕްޝަން ހިންގި ބޮޑު ދޮރެއްގައި ތަޅު

ރިސޯޓު ހަދަން ރަށެއް ލިބެނީ ކަނޑައެޅޭ ފީތަކެއް ދައުލަތަށް ދައްކާފަ އެވެ. މި ފީތަކުގެ ތެރޭގައި ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ (ސީއެސްއާރު) ގެ ނަމުގައި އިޖުތިމާއީ ޒިންމާ އަދާކުރަން ހޭދަކުރާ ފައިސާއެއް ހިމެނެ އެވެ. މި ފައިސާ މިހާތަނަށް އިންވެސްޓަރުން ދައްކަމުން ދިޔައީ ޓޫރިޒަމް މިނިސްޓަރު އަންގާ ތަނަކަށެވެ. އޭރުގެ އުސޫލު އޮތީ އެގޮތަށެވެ. ނަތީޖާއަކީ މިހާތަނަށް ސީއެސްއާރުގެ ގޮތުގައި ނެގި ފައިސާއަށް ވީގޮތެއް ނޭނގުމެވެ. ނިމިދިޔަ ފަސް އަހަރަށް ބަލާއިރު ދޫކުރި ރަށްރަށުން ސީއެސްއާރުގެ ގޮތުގައި ލިބުނު ފައިސާގެ ސީދާ އަދަދު އަދިއަދަށްދާންވެސް ހޯދިފައެއް ނެތެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަލަށް އެކުލަވާލި އުސޫލާއެކު މި ފައިސާ ޖަމާކުމާއި ނެގުމުގެ އުސޫލަށްވެސް މިވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިހާރު މި ފައިސާ ޖަމާކުރަން ޖެހެނީ މީރާ އަށެވެ. ސުވާލަކީ މިއީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ މީގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"ސީއެސްއާރު ފައިސާ މިނިސްޓަރު އަންގަވާ ތަނަކަށް މިހާތަނަށް ޖަމާކުރީ. މިނިސްޓަރު މިވެނި ތަނަކަށް ޖަމާކުރާށޭ އޭރު ވިދާޅުވާނެ. ސީއެސްއާރު ފައިސާ ޖަމާކުރަން ޖެހޭ ތަންތަނުގެ ލިސްޓުގައި ސަރުކާރު ކުންފުނިތައް ވެސް ހިމެނޭ. ދެން އެ ފައިސާއަށް ހަދާ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ،" ރާއްޖޭގައި ގިނަ ރިސޯޓު ތަކެއް ތަރައްގީ ކުރަމުން ގެންދާ އިންވެސްޓަރެއް ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ސީއެސްއާރު ފައިސާ ނަގަނީ ކީއްކުރަން ހެއްޔެވެ؟ މީގެ ކުރިން މިފީ ނަގަމުން ގެންގޮސްފައިވަނި ކިހިނެއް ހެއްޔެވެ؟ ސީއެސްއާރު ފައިސާ މިހާތަނަށް ނަގަމުން ގޮސްފައިވަނީ ރިސޯޓު ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރާށެވެ. ރިސޯޓެއް ކުއްޔަން ދިނުމަށްފަހު ހުޅުވުމާ ދެމެދު މުއްދަތު އިތުރުކުރާނަމަ މި ފީ ދައްކަން ޖެހެ އެވެ. ކުރިން ސީއެސްއާރު ފައިސާ ނަގަމުން ގޮސްފައިވަނީ ފުރަތަމަ ދެ އަހަރު ދުވަހަށް މަހަކު 15،000 ޑޮލަރު (ގާތްގަނޑަކަށް 213،300ރ.) އެވެ. އަދި ދެ އަހަަރަށް ވުރެ އިތުރަށް މުއްދަތު އިތުރުކޮށްދޭނަމަ ކޮންމެ މަހަކަށް 20،000 ޑޮލަރު (ގާތްގަނޑަކަށް 308،400ރ) ނަގަ އެވެ.

ޓޫރިޒަމްގެ މަޝްރޫއުތަކަށް ބަލާއިރު މިދިޔަ ފަސް އަހަރު ގާތްގަނޑަކަށް 50 ރިސޯޓު ހުޅުވި އެވެ. އަދި މިހާރު ވެސް މިދިޔަ ފަސް އަހަރުގެ ރިސޯޓު މަޝްރޫއުތަކުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިހުރިހާ ރަށްރަށަކުންވެސް ސީއެސްއާރު ފައިސާ ދައްކަން ޖެހިފައި އޮންނާނެ އެވެ. ބޮޑު ސުވާލަކީ މި އެވެ. ސީއެސްއާރުގެ ގޮތުގައި މިހާތަނަށް ކިހާ ފައިސާ އެއް އިންވެސްޓަރުންގެ ޖީބުން ސަރުކާރަށް ދީފި ހެއްޔެވެ؟ އެ ފައިސާ އިން ރައްޔިތުންނާ ހަމައަށް ފޯރީ ކިހާ ވަރެއް ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓްރީއަށް ނިމިދިޔަ ފަސް އަހަރު ސީއެސްއާރުގެ ގޮތުގައި ވިޔަފާވެރިން ދެއްކި އަދަދު އަދި ނުހޯދެ އެވެ. އެ ފައިސާ ހޯދަން އޮޑިޓްތައް ދަނީ ކުރަމުންނެވެ. މި ސީއެސްއާރު ފައިސާއަށް މިހާތަނަށް ވީގޮތުގެ އެންމެ ވާހަކައެއް ނޫނީ މިހާތަނަށް ތިލަވެފައެއްވެސް ނުވެ އެވެ. އެއީ ރައީސްގެ ޗުއްޓީ އައިލެންޑް އާ ރަށުން އެކަންޏެވެ. އާރަށުގައި ހަދާފައިވާ އިމާރާތަކީ ސީއެސްއާރު ފައިސާ އިން އަޅާފައިވާ ތަނެއް ކަމަށްވެ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އާރަށުގައި މިރީތި އިމާރާތް އެޅީ ސީއެސްއާރުގެ ގޮތުގަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިތަން އިމާރާތް ކޮށްދިނީ ސިންގަޕޫރުގެ ވިޔަފާރިވެރިއެކެވެ.

ނަމަވެސް މިހާތަނަށް މި ސީއެސްއާރު ފައިސާ ނަގަމުން ދިޔަ ގޮތުން ގައުމަށްވެސް މީގެ ހުތުރުނަން ވަނީ ލިބިފަ އެވެ. ސަބަބަކީ މިކަމުގައި އުސޫލެއް ހަމައެއް ލަމައެއް ނެތުމެވެ.

ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި އޭނާ ހިންގި މަޝްރޫއު ތަކުން އެކަނި އެތައް މިލިއަން ރުފިޔާއެއް ސަރުކާރަށް ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސީއެސްއާރު ފައިސާ ދައްކާނެ ހަރުދަނާ އުސޫލެއް ރާއްޖޭގައި ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ކުންފުނީގެ ވެރިއަކު ވިދާޅުވި ގޮތުގައި ކުރިން ސީއެސްއާރު ފައިސާ ނަގާފައިވާ ގޮތުން ރާއްޖޭގެ ނަން ހަޑި ވެފައިވާ ކަމަށެވެ.

"ވަރަށް ހަޑިކޮށް ކަންކަން ކުރަމުން މިދަނީ. އެއްވެސް އުސޫލެއް ހަމައެއްނެތި އިންވެސްޓަރަށް ފައިސާ ދައްކަން މި ޖެހެނީ. މިނިސްޓަރު ބުނީމަ ބުނިތަނަކަށް ދައްކާ ގޮތަށް މިހާތަނަށް އޮތީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ބަދަލުކޮށްފައި މިވަނީ ކުރިން އުސޫލެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ.

"ކުރިން އޮތް ގޮތަކީ ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގު ފަހިވެފައިވާ އުސޫލެއް. މި ތަނުގައި އެބަހުރި މިފްކޯ އާއި ޕީއެސްއެމް އާއި އެސްޓީއޯ އަދި ޕޮލްކޯ ފަދަ ތަންތަނަށް ފައިސާ ޖަމާކޮށްދީފަ. އެ ފައިސާ ޖަމާކޮށް، އަނބުރާ އެ ފައިސާ ނަގަން ޑިމާންޑު ވެސް ކޮށްފައިވެސްވޭ. ޖަމާވި އަދަދުތައް ދިމާނުވާ ވެސް ކިތަންމެ މައްސަލައެއް އެބަހުރި. ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރުނީމަ ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން މި ދައްކާ ވާހަކަ ސާފުވާނެ،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މި ގަވާއިދުގެ ސަބަބުން ފައިސާ ހޯދަން ޓޫރިޒަމް މިނިސްޓަރަށް ވިޔަފާރިވެރިޔާ އަށް ގުޅުމުގެ މަގު ބަންދުވެގެން ގޮސްފައިވާ ކަމަށެވެ.

"މިހާރު މިނިސްޓަރަށް ހައިސިއްޔަތެއް ވެސް ނޯންނާނެ ފައިސާ ދޭށޭ ކިޔާފަ ގުޅުމުގެ. މިހާރު ޓޫރިޒަމް މިނިސްޓްރީ ތެރެއަށް ފައިސާ ވަނުމުގެ ފުރުސަތު ބަންދުވީ،" އަލީ ވިދާޅުވި އެވެ.

ގަވާއިދަށް އިންވެސްޓަރުންގެ ތައުރީފު

އާ ގަވާއިދުގައި ސީއެސްއާރު ފައިސާ ނަގާނެ ބޭންޑުތަކެއް ކަނޑައަޅާފައިވެ އެވެ. މި ގަވާއިދާއެކު ކުރިން އަމަލުކުރި އުސޫލު އުވިގެން ދިޔައީ އެވެ. ކުރިން ފީ ނަގަމުން ގެންގޮސްފައިވަނީ ދެ އަހަރު ދުވަހަށް ކުރިން އިތުރުކޮށްދޭނަމަ މަހަކު 15،000 ޑޮލަރެވެ. އަދި މި އަށްވުރެ މުއްދަތު އިތުރު ވެއްޖެނަމަ ކޮންމެ މަހަކު 20،000 ޑޮލަރު ދައްކަން ޖެހެ އެވެ. ނަމަވެސް މި ފީ އުވާލުމަށްފަހު ކޮންމެ މަހަކު ވަކި އަދަދެއް ދައްކަން ޖެހޭ ގޮތަށް މި ވަނި ގަވާއިދު ބަދަލުކޮށްފަ އެވެ. އާ ގަވާއިދުގެ ދަށުން ސީއެސްއާރު ފައިސާ ދައްކާނީ ޒޯން ތަކަށް ބަހާލައިގެން ވަކި އަދަދެކެވެ. މިގޮތުން ޒޯން ތިނެއްގައި ހިމެނެނީ ކ. އއ. އަދި އދ. އެވެ. އަދި ޒޯން ދޭއްގައި ހިމެނެނީ ނ. ރ. ބ އަދި ޅ. އެވެ. މީގެ އިތުރުން ޒޯން ހަތަރެއްގައި ހިމެނެނީ ވ. މ.ފ. ދ. ތ. އަދި ލ. އަތޮޅެވެ. އަދި ޒޯން ފަހެއްގައި ހިމެނެނީ ގއ. އަދި ގދ. އެވެ. އަދި ޒޯން އެކަކުން ހަޔަކަށް ހިމެނެނީ ހއ. ހދ. ށ. އަދި ސ. އަތޮޅެވެ. ރިސޯޓު ހަދަން ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރަން ފީއެއްގެ ގޮތުގައި ކުރިން ނަގާ ފީ ވަނީ މި ބަދަލާއެކު އުވާލާފަ އެވެ.

މި އުސޫލުގެ ދަށުން މާލެއާ ދުރުގައި ހުންނަ ރިސޯޓު ތަކުން ސީއެސްއާރުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވެ އެވެ. މިއީ ރަނގަޅު ބަދަލެއްގެ ގޮތުގައި އިންވެސްޓަރުން ފާހަގަ އެވެ.

ޓޫރިޒަމް ވިޔަފާރީގައި ހަރަކާތެރިވާ ލެޓްސްގޯ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވި ގޮތުގައި މި ގަވާއިދުގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތު ބަންދުވެގެން ގޮސްފައިވާ ކަމަށެވެ

"މިހާރު ނުޖެހޭނެ މިނިސްޓަރު ފައިބުޑަށް ތިރިވާކަށް. މީގެ ކުރިން އެކަން އޮތީ އެގޮތަށް. ކުރިން ސީއެސްއާރުގެ ނަމުގައި ދެއްކި ފައިސާތަކަށްވީ ގޮތެއް ނޭނގެ. އެހެންވެ މިއީ ވަރަށް ރަނގަޅު ބަދަލެއް،" ރިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ކުންފުނީގެ ވެރިޔާ ވިދާޅުވި ގޮތުގައި އިންވެސްޓަރުން ފައިސާ ދެނީ އަތޮޅުތައް ތަރައްގީ ކުރަން ކަމަށާ، އެ ފައިސާ ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަން ވެފައިނެތްކަން އޭނާ ފާހަގަ ކުރި އެވެ.

"އަޅުގަނޑު ފައިސާ ދިނީމަ، އެ ރައްޔިތުންނާ ހަމަށް ގެންގޮސް ދޭނީ ސަރުކާރުން. ގިނަ މީހުން ހީކުރަނީ ރަށް ނަގައިގެން ވިޔަފާރިވެރިން ނިދަނީ ކަމަށް. އެހެނެއްނޫން ރިސޯޓު ހެދުމާ ހަމަ އަށް ވަރަށް ގިނަ ޕްރޮސެސް ތަކެއް އޮވޭ. ވިސްނުން ތަކެއް ވިސްނަން ޖެހޭ. ހަމައެކަނި ސީއެސްއާރު ފައިސާއެއް ނޫން މި ދައްކަނީ. ވަރަށް ބޮޑު ހޭދައެއް ވިޔަފާރިވެރިޔާ ކުރަން ޖެހޭ. އެހެންވެ ސަރުކާރަށް ދޭ ފައިސާ އެންމެ ރަނގަޅު ގޮތެއްގައި ރައްޔިތުންނާ ހަމަ އަށް ޔަގީންވާން ޖެހޭ،" ނަން ނުޖެހުމަށް ޝަތުރުކޮށް ވިދާޅުވި އެވެ.

ސީއެސްއާރަށް ދައްކާ އަދަދު އެނގެން ޖެހޭ!

ހުވަދު އަތޮޅުގައި ބޭރުގެ އިންސްޓަރުންނާއި އަމިއްލަ އަށް އިންވެސްޓްކޮށްގެން މަސައްކަތް ކުރައްވާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި މި ގަވާއިދަކީ މި ސަރުކާރުން އިންވެސްޓްމަންޓަށް ފަހިކޮށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

"ވަރަށް ހެޔޮ ބަދަލެއްމީ. މިހާރު އިންވެސްޓަކަށް ނުޖެހޭނެ މިނިސްޓަރު ފަހަތުން އުޅޭކަން. އިންވެސްޓަރަށް އެބަ އެނގޭ ދާން ޖެހޭ މަގު. ފައިސާ ޖަމާ ކުރަން ޖެހެނީ މީރާ އަށްކަން އެނގޭނެ. މިއީ އިންވެސްޓާ ކޮންފިޑެންސް ލިބޭނެ ކަމެއް. އަނެއްކާ މި ގަވާއިދުގައި ބޭންޑް ތަކެއް އެބަހުރި. އެހެންވެ މިއީ އިންވެސްޓަރަކަށް ލިބޭނެ ލުޔެއް،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ގަވާއިދާއެކު ދެން ކުރަން ޖެހޭކަމަކީ ސީއެސްއާރުގެ ގޮތުގައި ދައްކާ އަދަދު ހާމަ ކުރުން ކަމަށެވެ.

"ހުވަދު އަތޮޅުގެ މަޝްރޫއު ތަކުން 20 މިލިއަން ރުފިޔާ ސީއެސްއާރުގެ ގޮތުގައި އަޅުގަނޑު ދެއްކިން ސަރުކާރަށް. ކާކަށް ތޯ އެނގެނީ އެކަން؟ އެކަމު ވިޔަފާރިވެރިންނާއި ދިމާލަށް އެއްޗިހި ކިޔާ ބައެއް މީހުން އުޅޭ. ރަށް ނަގައިގެން އެއްކަމެއް ވެސް އަތޮޅަށް ކޮށެއް ނުދެއޭ ބުނޭ. ހަމަގައިމު އަޅުގަނޑު ދެއްވި ފައިސާ ހުވަދު އަތޮޅުގެ ކައުންސިލް ތަކަށް ބަހާލަން އަޅުގަނޑާ ހަވާލު ކުރިނަމަ ވެސް އެކަން ކޮށްދިނީމުސް. އޭރުން ހަމަގައިމު ވެސް ކައުންސިލް ތަކަށް ކަމެއް ކުރެވޭނެ ތާ؟،" ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވި ގޮތުގައި ސީއެސްއާރަށް އިންވެސްޓަރުން ދައްކާ ފައިސާގެ އަދަދު އެނގުމުން ވިޔަފާރިވެރިން ކުރާ މަސައްކަތް ވެސް އެނގޭނެ ކަމަށެވެ.

"ލިސްޓު އާއްމު ކުރަން ފެނޭ. އޭރުން އެނގޭނެ މިވެނި މީހަކު ސީއެސްއާރުގެ ގޮތުގައި އަތޮޅަށް މިވެނި އަދަކަށް ފައިސާ ދިންކަން،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މިނިސްޓަރު ވިދާޅުވީ މި ގަވާއިދުގެ ދަށުން ނަގާ ފައިސާ ޖަމާކުރަނީ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ކަމަށެވެ.

"ކުރިން އެބަހުރި ރަށް ދީފައި ލަސް ކުރުވާފައި ވެސް. މި ބަދަލުން އިންވެސްޓަރަށް 15،000 ޑޮލަރުގެ ބުރަ ކެނޑިގެން ދިޔައީ. ބައެއް ފަހަރު ވަރަށް ދެރަވޭ ވަރަށް ކުދި ކުދި ކަންކަންވެސް ބައެއް ރަށްރަށުގައި ނުވެ ހުންނަ ވާހަކަ ނޫސް ތަކުން ކިޔާލަން ޖެހޭތީ. ނަމަވެސް މި ބަދަލާއެކު އެކަމަށް ހައްލު ލިބޭނެ. އުންމީދު ކުރަނީ ޓޫރިޒަމްގެ ޓްރަސްޓް ފަންޑުން ރައްޔިތުންގެ މުހުތާދު ތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށް،" އަލީ ވިދާޅުވި އެވެ.

ރަނގަޅު ބަދަލެކެވެ. ނަމަވެސް މި ބަދަލާއެކު ޖަމާވާ ފައިސާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރަން ޖެހެ އެވެ. ހަމަގައިމުވެސް މި ބަދަލުން ކޮރަޕްޝަންގެ ބޮޑު ދޮރެއްގައި ތަޅު އެޅުވިގެން ދިޔައީ އެވެ. ކޮރަޕްޝަން ހިންގަން އޮތް އެއް މަގު ބަންދުވީ އެވެ.