ރިޕޯޓް

ޓޫރިޒަމް މިނިސްޓަރަކީ ކާކު: ބަހުސް ހުޅުވުނީ!

ކޮވިޑް-19 އިގެ ބަލާއާފާތަށް ފަހު އިގްތިސޯދު ހުޅުވެން ހަފުތާއަކަށް ވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓަރު ވަކި ކުރަން ޖެހުމަކީ ވަރަށް ދަތި ކަމެކެވެ. ވަރަށް ދެރަ ވެސް ކަމެކެވެ. ރާއްޖޭގެ އަގު ބޮޑު ބްރޭންޑަށާއި ގައުމުގެ އިމޭޖަށް ލިބުނު ބޮޑު ވެެގެންވާ ހުތުރެެކެވެ. ނަމަވެސް މިކަމަށް މަޖުބޫރު ކުރުވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދުގެ "ބިރަކާ ނުލައި މަޖާ ކުރުން" ހައްދުފަހަނަޅައި ދިއުމުގެ ތުހުމަތުތަކާ ހެދި އެވެ. "ބިރަކާ ނުލައި މަޖާ ކުރުން" ވިހަވެ، ޖިންސީ ގޯނާގެ މައްސަލަ ތަކެއް ފެންމަތިމަތި މަޖުބޫރު ވެގެންނެވެ. މިހާރު ރާއްޖޭގެ ބްރޭންޑު ކުރިއަށް ގެންދަން ޓޫރިޒަމްގެ ހުންގާނުގައި ހިފައިގެން ހުންނެވީ ވަގުތީ ބޭފުޅެކެވެ. މަގާމު އޮތީ ހުހަށެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ ތެރޭގައި މިހާރު އެންމެ ބޮޑު ބަހުސަކަށް ވާނީ ޓޫރިޒަމް މިނިސްޓަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެން ގެންނާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އެ މަގާމަށް ގެންނަން ރަނގަޅު ބޭފުޅެއްގައި ހުންނަން ޖެހޭނެ ޝަރުތަކީ ކޮބައި ހެއްޔެވެ؟ މި މައްސަލަ ބަހުސަށް މި ހުޅުވުނީ އެވެ؛

ޓޫރިޒަމް ސިނާއަތުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ތިއްބަވާ ވައިބާ އާއި ވަޓްސްއަޕް ގްރޫޕުތަކުގައި މިހާރު އެންމެ ހޫނު ބަހުސަކީ ވެސް މިއީ އެވެ. މި ބަހުސުގެ ތެރެއިން މިނިސްޓަރުގެ މަގާމަށް އެތައް ކެނޑިނޭޓުންގެ ނަން ދަނީ ހުށަހަޅަމުންނެވެ. ރާއްޖޭގެ އިގްތިސޯދުގެ މައި ބަދަ ކަމަށްވާ ޓޫރިޒަމް ސިނާއަތުގެ ހުރިހާ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވާ އެއް ކަމަކީ މި ވަގުތު މި މަގާމަށް ލާން ޖެހޭނީ ކޮވިޑާއެކު މިއޮތް ހާލަތަށް ފިޓު ބޭފުޅެއް ކަމެވެ. ތަންދޮރު ދަންނަ ލޯ ހުޅުވޭ ބޭފުޅެއް ކަމެވެ. އެހެން ނޫންނަމަ ދުނިޔޭގައި މިހާރު އެންމެ ވާދަވެރި މި ސިނާއަތުގައި ރާއްޖޭގެ ބްރޭންޑް ފެއިލްވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް އެ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.

މިވަގުތު ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަންވާ ބޭފުޅަކު އަވަސް އަވަހަށް ގިނަ ނިންމުންތަކެއް ނިންމަވަން ޖެހި ވަޑައިގަންނަވާނެ އެވެ. މުހިންމު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެ ވަޑައިގަންނަވާނެ އެވެ. މިހާރު މިނިސްޓަރުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކު މި އަހަރު އެންމެ މަދުވެގެން 800،000 ޓޫރިސްޓުން ގެނައުމުގެ ޓާގެޓަކަށް މަސައްކަތް ކުރައްވަން ޖެހި ވަޑައިގަންނަވާނެ އެވެ. އެހެން ނޫންނަމަ އަންނަ އަހަރު ވެގެން ދާނީ "ހިކި ކުރާގަނޑަ" ކަށެވެ.

ބްރޭންޑް "މޯލްޑިވްސް" ވިއްކަން އެނގެން ޖެހޭ

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އެ ސިނާއަތުގެ ބޭފުޅުންގެ ނަޒަރުގައި ގެންނަ ބޭފުޅަކު ވާން ވާނީ އެ ދާއިރާއިން އިލްމު ހުރި ބޭފުޅަކަށެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މަރިޔަމް ޒުލްފާއަކީ އެ ގޮތުން އެންމެ ރަނގަޅު ބޭފުޅެކެވެ. ރައީސް މުހައްމަދު ވެރިކަމުގައި އެކަމަނާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓަރުކަން ކުރައްވާފައިވެ އެވެ. އެކަމަކު އެކަމަނާއަކީ އެހާ ކާމިޔާބު މިނިސްޓަރެއް ނޫނެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ގެންނަން ބައެއް ބޭފުޅުން ނަން "ހުށަހަޅުއްވާ" އަނެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓްރީގައި މިހާރު އެންމެ ދުވަސްވީ އެއް ބޭފުޅާ ކަމަށްވާ ޑރ. އަހުމަދު ސޯލިހެވެ.

ސޯލިހަކީ މި ދާއިރާއިން ތަމްރީން ލިބިވަޑައިގެން އަދި ތަޖުރިބާ ވެސް ހުންނެވި ބޭފުޅެވެ. ނަމަވެސް އަލީ ވަހީދުއާ ހިޔާލު ތަފާތުވެ، މިހާރު އެ މަނިކުފާނު ހުންނެވީ "އެހެލާ" ފައެވެ. އެހެންވެ އަލުން "ބާލައި" އެ މަގާމަށް އޭނާ ގެންނަން އެންމެ ރަނގަޅު ކަމަށް ވަރަށް ގިނަ ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ.

އަދި މިނިސްޓަރުގެ މަގާމަށް ގެންނަން ކޮވިޑް-19 ގެ ހާލަތުގައި ސްޕޯކްސް ޕާސަންގެ މަގާމު ފުރުއްވި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބުރޫކުގެ ނަން ވެސް ބައެއް ބޭފުޅުން ދައްކަވާއިރު ޓޫރިޒަމް މިނިސްޓަރުކަން ކުރިން ކުރެއްވި، އަދި މިހާރު ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު، ޑރ. އަބްދުﷲ މައުސޫމްއަކީ ވެސް ރަނގަޅު ބޭފުޅެއް ކަމަށް ބައެއް ބޭފުޅުން ދެކެ ވަޑައިގަންނަވަ އެވެ. މީގެ ތެރެއިން މަބްރޫކަކީ ވަރަށް ޒުވާން ބޭފުޅެކެވެ. އަދި މަޝްހޫރު "ގޯލްޑްކޮއިން" އަޒީގެ ބޭފުޅެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު ކެރެފާ އަހުމަދު ނަސީމަކީ ވެސް މި މަގާމަށް ސުއިޓަބަލް ކެނޑިޑޭޓްއެއް ކަމަށް ދެކެ ވަޑައިގަންނަވާ ބޭފުޅުން ވެސް އިންޑަސްޓްރީގައި އެބަ ތިއްބެވި އެވެ. އަދި ބައެއް ބޭފުޅުންގެ ނަޒަރުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީއަކީ ވެސް އެންމެ ރަނގަޅު ބޭފުޅެކެވެ. މި ސަރުކާރާއެކު މާބޮޑު ހިންގުންތެރި ކަމެއް ނެތް، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދަކީ ވެސް މިހާރު މި މަގާމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އަޑުތައް އެބައޮތެވެ. ނަމަވެސް އިންޑަސްޓްރީގެ ގިނަ ބޭފުޅުންގެ ނަޒަރުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ތޮއްޔިބު ކަމަކު ނުދެ އެވެ. މިހާރު ބޭނުންވަނީ "އެނަޖެޓިކް" ބޭފުޅެކެވެ. އަދި ތޮއްޔިބަކީ ރައީސް ސޯލިހުގެ އާއިލީ ބޭފުޅެކެވެ.

ޓޫރިޒަމް ކޭކު ފޮތި ކޮން ޕާޓީއަކަށް؟

ޓޫރިޒަމް މިނިސްޓަރަކު ހޯދަން ހިޔާލުތަކުން އަތް ފުނާ އަޅާއިރު އެހެން ސުވާލެއް އެބައޮތެވެ. ސަރުކާރުގެ "ކޭކު ފެޅިއިރު" ޓޫރިޒަމް މިނިސްޓްރީގެ "ކޭކު ފޮތި" ދީފައި އޮތީ ކޮން ޕާޓީއަކަށް ހެއްޔެވެ؟ މި ކޭކު ފޮއްޗަކީ ކޯލިޝަންގެ ކޮން ދިމާލަކަށް ދީފައިވާ ކޭކު ފޮއްޗެއް ހެއްޔެވެ؟ މިހާރުވެސް "ނަމެއްގައި" އޮތް ކޯލިޝަން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ ކޭކު ފޮތި މިހާތަނަށް އޮތީ ޖުމްހޫރީ ޕާޓީގަ އެވެ. އެކަމަކު އެވެސް ނަމެއްގަ އެވެ.

ވަކި ކުރި މިނިސްޓަރު އަލީ ވަހީދު އުޅުއްވަމުން ގެންގޮސްފައި ވަނީ ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީގެ ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އޭނާ ފެނިވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ގާތް ބޭފުޅެއް" ގެ ގޮތުގަ އެވެ. އަނެއް ކަމަކީ ސަރުކާރު ކޯލިޝަންގެ ގޮނޑިތަކަށް މިހާރު ގެންނަ ބަދަލެވެ. ހައުސިން މިނިސްޓްރީ ސަރުކާރުން އުވާލުމާއި ކޯލިޝަންގެ އެހެން ކަންކަމަށް އަންނަ ބަދަލާއެކު، ޓޫރިޒަމް މިނިސްޓްރީ ޖޭޕީއަށް ނުލިބުމަކީ ވެސް ވެދާނެ ގޮތެކެވެ. އެކަމަކު ކޮންމެ ގޮތެއް ވިއަސް މި ވަޒީފާ ދޭން ޖެހޭނީ ގާބިލު، އަދި މިހާލަތާ ގުޅޭ ބޭފުޅަކަށެވެ.

ބޭނުމީ އެލްބޯޑު ނުޖަހާނެ ބޭފުޅެއް

ސިނާއަތުގެ ބޭފުޅުންގެ ނަޒަރުގައި މި ވަގުތު ކޮންމެހެން ކޯލިޝަން ކެނޑިޑޭޓެއް ހޯދުން މުހިންމެއް ނޫނެވެ. ބޭނުންވަނީ ގާބިލު މީހަކު ހޯދުމެވެ. ސަބަބަކީ ސުނާމީއަށް ވުރެ ޓޫރިޒަމަށް މިހާރު ލިބިފައިވާ ގެއްލުން ބޮޑުވުމެވެ. ސުމާނީގައި ރާއްޖޭގެ 80 ރިސޯޓަކަށް ގެއްލުންވެ، އެއާޕޯޓް ބަންދު ކުރި އެވެ. ނަމަވެސް ތިން ހަފުތާ ފަހުން 60 ރިސޯޓެއް ހުޅުވި އެވެ. ދެ ދުވަސް ފަހުން އެއާޕޯޓް ހުޅުވި އެވެ. އެކަމަކު މިހާރުގެ ހާލަތު މުޅިން ތަފާތެވެ. ކޮވިޑް-19 އާ ގުޅިގެން ރިސޯޓް ބަންދު ކޮށްފައި އޮންނަތާ ތިން މަސް ވެއްޖެ އެވެ.

އެއާޕޯޓަށް ޝެޑިއުލް ހުއްޓާލައި އޮން އެރައިވަލް ހުއްޓާލުމުން އިގްތިސޯދު އަނަރޫފަ ވެއްޖެ އެވެ. ރާއްޖޭގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރްސީން ރާއްޖެ ޕްރޮމޯޓް ކުރަން މާއެކަށޭނަ ކަމެއް ކުރެވެމުން ނުދާތީ، އެ ޒިންމާ ވެސް އުފުލަން ޖެހޭނީ އަލަށް ވަޑައި ގަންނަވާ މިނިސްޓަރަކަށެވެ.

އަލަށް ވަޑައިގަންނަވާ މިނިސްޓަރަކީ "އެލް ބޯޑް" ޖަހަންޖެހޭ ބޭފުޅަކަށް ވެއްޖެނަމަ ރާއްޖެއަށް އިތުރު ދައްޗެއް ކުރިމަތިވާނެ އެވެ. އޭރުން ވާނީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ހުޅުވަން ހެދި ގައިޑްލައިނަށްވީވަރެވެ.

ރާއްޖޭން މޮޅު ޕީއާރު ސްޓަންޓްއަކަށް ފެން ބޮވައިގެންފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން ބޯޑަރު ހުޅުވަން ހެދި ގައިޑްލައިންގެ ދެލިކޮޕީ ލީކުވުމުގެ ސަބަބުން އިތުރު މައްސަލަ ތަކެއް ކުރިމަތިވި އެވެ. ޓޫރިޒަމްގެ ފުރަތަމަ ގައިޑްލައިންގައި ބޮޑެތި އަދަދު ތަކުން ފައިސާ ނަގަން ޖެހުމުގެ ނަތީޖާއަކަށްވީ ރާއްޖެއަށް އިތުރަށް ދަތިވުމެވެ. އެހެންވެ މިއީ ވެސް މިސާލަކަށް ބަލައި، މި ވަގުތު މި ދާއިރާއަށް ލޯހުޅުވޭ މީހަކު ބޭނުންވެ އެވެ.

އަނެއް ސަބަބަކީ ރާއްޖޭގެ ޓޫރިޒަމްގެ ޑިމާންޑް ދަށްވެފައި ވަނިކޮށް، ކޮވިޑުގެ ސަބަބުން މިވަނީ ބަލިފައި މައްޗަށް ބަރު ފޮއި ވެއްޓިފަ އެވެ. އެހެންވެ މިހާރު މިނިސްޓަރުގެ މަގާމަށް ވަޑައިގަންވާ ބޭފުޅަކު ވާން ޖެހޭނީ މި ހުރިހާ ކަމަށް ވިސްނަވާ، ފިޔަވަޅު އަަޅަން އެނގި ވަޑައިގަންނަވާ ބޭފުޅަކަށެވެ. ވަކި ހައްގުތަކަކަށް "ހަޅޭއްލަވާ" ޖަމިއްޔާއަކުން ބުނެލާއިރަށް ނޫނީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިވެރިއަކު ބުނާ އިރަށް ގޮތެއް ނިންމާ ބޭފުޅެއްގެ ބަދަލުގައި ލޯހުޅުވޭ ބޭފުޅަކަށް މަގާމުން ދީގެން ނޫނީ ސަލާމަތެއް ނެތެވެ.