ރިޕޯޓް

ޓޫރިސްޓު ނަމްބަރު އިތުރު، އާމްދަނީގެ ނަމްބަރު އިތުރެއް ނުވޭ!

މި އަހަރު ފެށިގެން އައީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު، ޓޫރިޒަމް ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމާއެކުގަ އެވެ. ޖެނުއަރީ މަހު ޓޫރިސްޓުން އައި އަދަދު ހަ ޕަސެންޓު އިތުރުވި އެވެ. އެ ކުރިއެރުން އެގޮތުގައި ހިފެހެއްޓި މިދިޔަ މަހު ވަނީ 10 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ދައްކާ ހިސާބު ތަކުން ފެންނަނީ ޓޫރިޒަމް އެރައިވަލް ބޮޑުތަނުން މައްޗަށް އުފުލޭތީ އެވެ. އެކަމަކު ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލު އޮންނަ ހިސާބުތައް ބަލާލުން ފެންނަ މަންޒަރު މުޅީން ތަފާތެވެ. އެ ހިސާބުތަކުން އެނގެނީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވި ނަމަވެސް ޓޫރިޒަމް ދާއިރާ އިން ފުރޭނިގެން ދައުލަތަށް ވަންނަ އާމްދަނީ އިތުރު ނުވާ ކަމެވެ. ނުވެ ނުވަތަ ވިއަސް ވަނީ ކުޑަ މިންވަރެއް ކަމެވެ. ޓޫރިސްޓުން އިތުރުވާއިރު ދާއިރާ އިން ލިބޭ އާމްދަނީ އިތުރު ނުވަނީ ކީއްވެގެން ހެއްޔެވެ؟ ބޭޭނުންވާ ވަރަށްވުރެ އެނދު އިތުރުވީ ހެއްޔެވެ؟ ނޫނީ ރާއްޖޭގެ އަގު ބޮޑު ޓޫރިޒަމްގެ އަގު ދަށްވަނީ ހެއްޔެވެ؟ މިއީ ސީރިއަސް މައްސަލައެކެވެ.

"ޓޫރިސްޓުން އިތުރުވިއަސް ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރު ނުވާ ސަބަބު ބަލަން އެބަޖެހޭ. އެހެން ގައުމުތަކުގައި މި ފަދަ މުހިންމު މައްސަލަތަކުގައި ބޮޑެތި އެނާލަސިސްތައް ހަދާ. އެކަމަކު ރާއްޖޭގަ އެކަމެއް ނެތް،" ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ޓޫރިސްޓުން ގެންނަ ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ކްއާޓަރު މީރާގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަަތަށް ލިބޭ ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ ވަނީ ދަށްވެފަ އެވެ. ހާއްސަކޮށް ގްރީން ޓެކުހާއި ޓީޖީއެސްޓީ (ޓޫރިޒަމް ޖީއެސްޓީ) ވަނީ ދަށްވެފަ އެވެ. ފުރަތަމަ ކްއާޓަރުގައި ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 250 މިލިއަން ޑޮލަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 256 މިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާނަމަ ހަ ޕަސެންޓުގެ ދަށްވުމެކެވެ.

އަދި މިދިޔަ ކްއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީގެ 52 ޕަސެންޓް ހިއްސާކުރި ޓީޖީއެސްޓީން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ޓީޖީއެސްޓީން ލިބުނީ 102.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރު ލިބުނު 107.53 މިލިއަން ޑޮލަރުގެ އާމްދަނީއާ އަޅާބަލާއިރު 5.1 ޕަސެންޓުގެ ދަށްވުމެކެވެ.

ބޭނުން ވަރަށްވުރެ އެނދު މާގިނަ ވެއްޖެ!

ތަޖުރިބާކާރުންގެ ނަޒަރުގައި ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް ވަކި ސެކްޓާއަކުން ލިބޭ އާމްދަނީއަށް އަަސަރު ކުރުމުގައި އެ ސެކްޓާއެއްގައި މައްސަލަ އުޅުން ހިމެނެ އެވެ. މި ނަޒަރުން ވިސްނައި ޓޫރިޒަމް ސިނާއަތަށް ދުރުމި އަޅައި ބަލާލުމުން ފެންނަ މަންޒަރު އެހާ ހިތްގައިމެކޭ ނުބުނެވޭނެ އެވެ.

ރާއްޖެ އާއި ބޭރުގައި ރިސޯޓު ތަކެއް ތަރައްގީކޮށް، އަދި މިހާރު ބައެއް ރިސޯޓުތައް ހިންގަވާ ވިޔަފާރިވެރިޔާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި ގޮތުގައި ޓޫރިޒަމް އާމްދަނީ މަދުވުމުގައި ގިނަ ސަބަބުތަކެއް ވެއެވެ.

"މީގެ އެއް ސަބަބަކީ ގިނަ އަދަދެއްގެ އެނދު ތަކެއް އެއް ފަހަރާ ނެރުން. މިހާރު ރާއްޖެ ކުރަންޖެހޭ ސުވާލަކީ ރާއްޖޭގެ ޓޫރިޒަމަށް ބޭނުން ވަނީ ހަމައެކަނި ނަމްބަރު ތޯ؟ ގިނަ މީހުން ތަކެއް ގެނައުން ތޯ؟ ނޫނީ ކޮލިޓީ ތޯ؟ ރާއްޖެ ބާއްވަން ބޭނުންވަނީ ރިޗް [މަތީ ފަންތީގެ ޓޫރިޒަމް މަންޒިލެއްގެ] ގޮތުގައި ތޯ؟،" ޖަނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ދައްކާ ހިސާބުތަކުން ފެންނަ ގޮތުގައި ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު ވަނީ 48,539 އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 42,736 އެނދާ އަޅާބަލާނަމަ 13 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭގައި މިހާރު މެރީނާ އާއި ރިސޯޓުތައް ހިމެނޭ ގޮތަށް ޖުމްލަ 150 ތަނެއް އެބަހުއްޓެވެ. އަދި ގެސްޓްހައުސްތަކުގެ ގޮތުގައި 538 ތަނެއް އެބަހުއްޓެވެ. ގެސްޓްހައުސް އެނދުގެ އަދަދު 8,885 އަށް އަރައިފައި ވެއެވެ. މި އަހަރުގެ ވޭތުވެދިޔަ ހަތް މަސް ދުވަހު އެކަނި 12 ރިސޯޓެއް ހުޅުވައިފި އެވެ. މިއީ އެވްރެޖު ގޮތެއްގައި މަހަކު ދެ ރިސޯޓު ހުޅުވުމެވެ.

ކުރިއަށް އޮތް މަސްތަކުގައި ވެސް ރިސޯޓު ތަކެއް ހުޅުވާނެ އެވެ. ޓޫރިސްޓު އެރައިވަލްސްއަށް ބަލާއިރު ގެސްޓްހައުސްގައި ބަޖެޓް ޗުއްޓީ ހޭދަކުރާ މީހުންގެ އަދަދުވެސް އިތުރުވެއްޖެ އެވެ. އެކަމަކު ގެސްޓްހައުސްތައް އިތުރުވުން ޓޫރިޒަމް ސިނާއަތަށް ކުރަނީ ކޮން ހެޔޮ އަސަރެއް ހެއްޔެވެ؟

ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރުމުގައި ހަރަކާތްތެރިވާ އޯކާ ކުންފުނީގެ ސީއީއޯ ޑރ. ހުސެއިން ސަނީ ވިދާޅުވި ގޮތުގައި ޓޫރިޒަމް އާމްދަނީ ދަށްވުމުގައި އެނދު އިތުރުވުމާއެކު، ދާއިރާ އިން ނަގާ "ކޮމިޝަންތައް" ތަކުގެ ސަބަބުން އާމްދަނީ މަދުވުން ވެސް ހިމެނެ އެވެ.

"ގެސްޓް ހައުސް އިތުރުވުން އެއީ މައްސަލައެއް ނޫން. މައްސަލައަކީ ބައެއް މީހުން އެބައުޅޭ ވާނުވާ ނުބަލާ ނޫނީ، ނޭނގި މީގެ [ގެސްޓްހައުސް ވިޔަފާރި] ގެ ތެރެއަށް ވަދެ. ބައެއް މީހުން ހަމައެކަނި ޑިޕެންޑު މިވަނީ ރޫމް ރޭޓަށް. އެކަމަކު ހަމައެކަނި ރޫމްއަށް ޑިޕެންޑުވުމަކީ ރަނގަޅު ގޮތެއް ނޫން. ބުކިން ޑޮޓްކޮމް ފަދަ ވެބްސައިޓް ތަކުން ކޮމިޝަންގެ ގޮތުގައި ބުކިން ތަކުން އެބަ ނަގާ 25-30 ޕަސެންޓް. މީގެ އިތުރުން ބޭންކުން ވެސް ޗާޖު ނަގާ. މި ހުރިހާ ކޮމިޝަން ތަކެއް ނަގާތީ އާމްދަނީ މަދުވޭ،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިން ރާއްޖެ އިޝްތިހާރު ކުރަން އެކަށީގެންވާ މަސައްކަތް ނުކުރެވުމަކީ ވެސް އެނދު އިތުރު ވެގެން ދިޔައިރު، އާމްދަނީ އިތުރު ނުވި ސަބަބެކެވެ.

"މިހާރު ރާއްޖެ މާކެޓު ކުރަން ބޭރުން ނޫސްވެރިން ގެނެސް ބަޖެޓުކޮށްގެން މަސައްކަތް ކުރިއަސް، ކުރިން އެފަދަ މަސައްކަތް ތަކެއް ނުކުރެވޭ. އެހެންވީމަ ރާއްޖެ އިޝްތިހާރު ކުރަންޖެހޭ ވަރާ ގާތަށް ވެސް ނުކުރެވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޓޫރިޒަމް އާމްދަނީ ދެން އިތުރުވާނީ އެއާޕޯޓު ވެސް ހުޅުވިގެން،" ސަނީ ވިދާޅުވި އެވެ.

ޓޫރިޒަމް އަގު ދަށް ކުރަން މަޖުބޫރު ވެއްޖެ!

މި އަހަރު ކުރިއަށް އޮތްތަނުގައި ކޮންމެ ދެ މަހަކުން ގާތްގަނޑަކަށް ރިސޯޓެއް ހުޅުވާނެ އެވެ. މިއާއެކު ރާއްޖެ އަންނަ 1.4 މިލިއަން މީހުން 50،000 އެނދަށް ބެހިގެން ދާނެ އެވެ. މިހާރު ހުޅުވާ ރިސޯޓުތަކަށް ބަލާއިރު 40 ޕަސެންޓާއި 60 ޕަސެންޓުގެ ޑިސްކައުންޓެއްގައި ކޮޓަރި ވިއްކަމުންދެ އެވެ. ސަބަބަކީ ރިސޯޓު އެނދުތައް ފުރައިގެން ނޫނީ އިންވެސްޓް ކުރި ފައިސާ ހޯދަން ދަތިވުމެވެ.

މީގެ 10 އަހަރު ކުރިން ރާއްޖޭގައި ރިސޯޓެއް ހަދައިގެން ލިބޭ އިންވެސްޓްމަންޓް ރިޓާން ހަތް އަހަރުން ކަވަރު ވެއެވެ. ނަމަވެސް މިހާރު އިންވެސްޓްމަންޓް ރިޓާން ލިބެން ނަގާ މުއްދަތު ވަނީ 10 އަހަރަށް އިތުރުވެފަ އެވެ.

އިނަ މޯލްޑިވްސް ކުންފުނީގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އާމްދަނީ ދަށްވުމުގައި ޕްރޮޕަޓީތައް ވިއްކާ އަގު ދަށް ކުރަން މަޖުބޫރު ވުން ވެސް ހިމެނެ އެވެ.

"މީގެ އަށެއްކަ އަހަރު ކުރީގައި ރާއްޖޭގައި ގާތްގަނޑަކަށް 22،000 އެނދު ހުރީ. އެކަމަކު މިހާރު އެބަހުރި 45،000 އެނދު. އެކަމު ޓޫރިސްޓު އެރައިވަލް މަދު. އެހެންވުމުން ކުރިން 2،000 ޑޮލަރަށް ވިއްކާ އެނދުގެ އަދަދު ވަނީ 800 ޑޮލަރަށް ދަށްކޮށްގެން ވިއްކަން ފަށާފަ. ހީވަނީ މާކެޓަށް ބޭނުންވާ ވަރަށް ވުރެ އެނދު ވެސް ގިނަ ވެއްޖެހެން،" ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގެ އެހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ޓޫރިޒަމުން ޓެކްސް ބޭސް، ނުވަތަ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ބަލަން ޖެހެ އެވެ.

"ބަލަންވީ ހަމައެކަނި އެރައިވަލްސް އަކަށް ނޫން. ގެސްޓްހައުސްތަކާއި ރިސޯޓު ތަކަށް އަންނަ މީހުންގެ ސްޕެންޑިން ތަފާތު. އެކަން އެނގޭ އެންމެންނަށް ވެސް. މިހާރު ސްރީލަންކާ އަށް ދިމާވެގެން އެ އުޅެނީ އެ މައްސަލަ. އެ މީހުންގެ ރޭޓް 200 ޑޮލަރުން މައްޗަކަށް ނުޖެއްސިގެން އެ އުޅެނީ،" ނަން ނުޖަހަން ޝަތުރުކޮށް އެނާ ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީ ދަނީ އިތުރުވަމުންނެވެ. މިއާއެކު ރައްޔިތުންގެ ބޭނުންވާ ކަން ކަމާއި ބާވަތް ބަދަލުވެ ދިގު ލާފައި ވެއެވެ. މި ހުރިހާ ކަމަކަށް ފައިސާ ނަގަން ޖެހެނީ ޓޫރިޒަމް ސެކްޓާ "ފެލައި" ގެނެވެ. އެކަމަކު ޓޫރިޒަމް ސެކްޓާ އިން ލިބޭ އާމްދަނީ އިތުރުވާ ތަނެއް ނުފެނެ އެވެ. މި ގޮތުގައި ދެމި އޮންނަން ފަށައިފި ނަމަ، ދައުލަތާއި ސަރުކާރު އަދި ދާއިރާއިން ބޮޑު ބުރައެއް އުފުލަން ޖެހޭ ތަން އޮތީ ކައިރީގަ އެވެ.