ރިޕޯޓް

ސުވާލެއް: މަގޭ އަތޮޅަށް ކިތައް ރިސޯޓު؟

ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރުވީއިރު، މި ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. ބޮޑެތި ކުރިއެރުން ތަކެއް ލިބިއްޖެ އެވެ. އެއް ބަދަލަކީ ކުރިން މާލެ އަތޮޅުން ފެށި ޓޫރިޒަމް މުޅި ރާއްޖެ އަށް ފެތުރިގެން ދިއުމެވެ. މިއާއެކު ޓޫރިޒަމްގެ އެނދުތައް އިންތިހާ އަށް އިތުރު ވެގެން ހިނގައްޖެ އެވެ. ރާއްޖޭގައި ހުރި ޖުމްލަ އެނދުގެ އަދަދު ބައި ލައްކަ އަަށް އަރައިފި އެވެ. ސަބަބަކީ ސަރުކާރުތަކުން ކޮންމެ އަހަރަކު އާ އެނދުތަކެއް ނެރުމެވެ. މި ސަރުކާރުން ވެސް ވެރިކަމަށް އައީ އާ އެނދުތަކެއް ނެރުމުގެ ވައުދާ އެކުގަ އެވެ. އެހެންވެ، މި ވައުދު ފުއްދަން މާކެޓަށް ނެރޭ ފުރަތަމަ ރިސޯޓުތަކުގެ ނަންތައް އިއުލާނު ކުރުން އަންގާރަ ދުވަހުގެ ރޭ އޮންނާނެ އެވެ. އާ ރިސޯޓުތަކެއް އަނެއްކާވެސް މާކެޓަށް ނެރޭއިރު ރައްޔިތުން މިފަހަރު ވެސް ތިބީ އުންމީދުގަ އެވެ. އެއާއެކު ސުވާލު މާކެއްގަ އެވެ؟ ސުވާލަކީ މަގޭ އަތޮޅުގައި ކިތައް ރިސޯޓު ހުޅުވާނެ ހެއްޔެވެ؟ މަގޭ ރަށް ކައިރިން ވަޒީފާގެ ފުރުސަތު ލިބޭނެ ހެއްޔެވެ؟

އާ ރިސޯޓު ތަކެއް ހުޅުވާއިރު ރާއްޖޭގެ ޓޫރިޒަމް މިހާރު ބެހިފައިވާ ގޮތަށް ބަލައިލުން ރަނގަޅުވާނެ އެވެ. ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ ސްޓެޓިސްޓިކް އިޔާ ބުކް 2019 ގައިވާ ގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ޓޫރިޒަމްގެ 33 ޕަސެންޓް ހިއްސާ ކުރަނީ މާލެ އަތޮޅުންނެވެ. އެންމެ ރިސޯޓު ގިނައީ މި އަތޮޅުގަ އެވެ. މި އަތޮޅުގައި އެކަނި 47 ރިސޯޓް ހުޅުވާފައިވެ އެވެ. މި ރިސޯޓުތަކުގައި ހުރި އެނދުގެ އަދަދު 10,568 އަށް އަރަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ އިން އެނދު ހުރީ އދ. އަތޮޅުގަ އެވެ. މި އަތޮޅުގެ 17 ރިސޯޓެއްގައި 4,056 އެނދު އެބަހުއްޓެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެންމެ މަދުން އެނދު ހުރި އަތޮޅު ތަކަކީ މ. އަތޮޅާއި ނ. އަތޮޅު އަދި ހދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ. އެހެންވެ، މި ސަރުކާރުން ވަނީ ޓޫރިޒަމް ނެތް ހިސާބުތަކަށް ޓޫރިޒަމް ގެންދާނެ ކަމަށް ވައުދުވެފަ އެވެ.

ސްޓެޓިސްޓިކް ފޮތުގައި 2018 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ 33 ޕަސެންޓް މާލެ އަތޮޅުގައި އޮތް ކަމަށް ދެއްކިނަމަވެސް، މިދިޔަ އަހަރެއްހާ ދުވަހު މި ހިސާބުތަކަށް ބޮޑު ބަދަލެއް އައިސްފައިވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މިދިޔަ ސަރުކާރުގައި ގިނަ ރަށްތަކެއް ހަދަން ދޫކޮށް، ގިނަ ރިސޯޓުތަކެއް ހުޅުވުމެވެ. މިހާރު ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރުމުގެ 140 މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ އެކަނި 50 ރިސޯޓެއް ހުޅުވާފައިވެ އެވެ. އަދި މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެކަނި ކުރިން ދޫކޮށްފައިވާ 20 ރަށެއްގައި ރިސޯޓު ހަދައި ވަނީ ހުޅުވާފަ އެވެ. މި އަހަރުތަކުގައި ހުޅުވި ގިނަ ރަށްތައް ވެސް ހަދާފައިވަނީ މާލެ އަތޮޅުގަ އެވެ. މާނައަކީ ޓޫރިޒަމް ފެތުރުމުގައި ހދ. ފަދަ އަތޮޅުތައް މިހާތަނަށް އޮތީ ވަރަށް ފަގީރުކޮށް ކަމެވެ.

މާލެ އަތޮޅުން ރަށެއް ދުލެއް ނުކުރާނު

މާލެ އަތޮޅުން ރިސޯޓު ހަދަން ރަށް ދޫނުކުރަން ސަރުކާރުން ނިންމުކަކީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ މާހިރުންގެ ނަޒަރުގައި މި ބަދަލަކީ މިވަގުތަށް މުހިންމު ކަމެކެވެ. ސަބަބަކީ މާލެ އަތޮޅުން ރިސޯޓު ހަދަން 30 ފަޅެއް ދޫކޮށް ހަދަމުންދާއިރު، މިހާރު ކުރަން ޖެހޭ ކަމަކީ މި ތަންތަން ނިންމުމެވެ. އެހެން ނޫންނަމަ މާލެ އަތޮޅު "ފްލަޑް" ވުމުގެ ފުރުސަތު އޮންނާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ގޮތުގައި މި ފަހަރު ރަށްތައް ދޫކުރާނީ ރިސޯޓު ނެތް ސަރަހައްދުތަކަށް އިސްކަން ދީގެން ކަމަށާއި، ރައްޔިތުންނާއި ކައުންސިލް ތަކުން ހޯދި ހިޔާލުގެ މައްޗަށް ބަލައިގެން ކަމަށެވެ.

"މާލެ ޒޯން މި ވަނީ ފްލަޑްވެފައި، ކަރަންޓު ޑިވްލޮޕްމަންޓް އަތުވެއްޖެނަމަ 10،000 ބެޑުގެ އަދަދު އަރާނެ. އަޅުގަނޑުމެންގެ އެބައޮތް ސެންޓްރަލް ޒޯނަށް 2،000 ބެޑްގެ ވައުދެއް. މި ވަރަށް ދޫކޮށްލިއްޔާ ހުރި ފަޅުތަކާއި ބެޑް ތަކާއެކު 10،000 ބެޑަށް އިތުރުވޭ އެބަ،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ޓޫރިޒަމް ނެތް ސަރަހައްދުތަކުގެ ތެރެއިން އެންމެ ހާލުގައި އޮތީ ހދ، ކަމަށް ބުނެވިދާނެ އެވެ. މި އަތޮޅުގައި ޒަމާން ތަކަކަށްފަހު މިހާތަނަށް ހުޅުވާފައިވަނީ އެންމެ ރިސޯޓެކެވެ. އެއީ ތްރީއޭ ކުންފުނިން މިދިޔަ އަހަރު ހޮނޑާފުށީގައި ހުޅުވި ރިސޯޓެވެ. މި ރިސޯޓުގައި 400 ކޮޓަރި ހުރިނަމަވެސް މިހާތަނަށް އޮޕަރޭޓް ކުރަމުން ދަނީ 100 ކޮޓަރި އެވެ. މި ރިސޯޓަށް އެނދު އިތުރު ކުރަންވެސް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އެ އަތޮޅުގައި އިތުރު ރިސޯޓު ނެތުމެވެ. އެހެންވެ، މި އަތޮޅުން އިތުރު ތިން ރިސޯޓު ހުޅުވަން ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

ކައުންސިލްތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހދ. ގެ ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައްވާނެ އެވެ.

ރަށް ނެރުން: ދިރާސާކޮށްފައި!

ރާއްޖޭގައި މިހާތަނަށް ރިސޯޓު ހަދަން ރަށްތައް ދޫކުރަމުން ގޮސްފައިވަނީ އެއް ވެސް ދިރާސާއެއް ނުކޮށެވެ. ނަތީޖާ އަކަށް ވަނީ ތާރީހީ ގޮތުން ހިމާޔަތް ކުރަން ޖެހޭ ރަށްތަކާއި ތިމާވެށީގެ ގޮތުން ރައްކާތެރި ކުރަން ޖެހޭ ރަށްތަކެއް މިހާތަނަށް ގެއްލިގެން ދިއުމެވެ. އަދި މިފަދަ ރަށްތައް ދޫކޮށް އަލުން އެރަށް ނެގުމުން އިންވެސްޓަރުންނަށް ވެސް ބޮޑެތި ގެެއްލުން ތަކެއް ވެފައި އެބަހުއްޓެވެ. މީގެ އެއް މިސާލަކީ ގއ. އޮޑެގައްލާ އެވެ. ތިމާވެށި ހިމާޔަތް ކުރަން އެ ރަށް އަތުލުމަށްފަހު އަދި ވެސް އޮތީ ބަދަލު ނުލިބި އެވެ. މީގެ ސަބަބުން އެ ރަށް ނަގާފައިވާ އިންވެސްޓަރަށް ދަނީ ގެއްލުން ވަމުންނެވެ. މިފަދަ މައްސަލަތައް ހައްލު ކުރެވޭނީ ރަށް ނެރުމުގެ ކުރިން ސަރުކާރުން ނިކަން ރަނގަޅަށް މިކުރެވޭ ކަމެއް އެނގިގެންނެވެ. އެހެންކަމުން މާހިރުންގެ ނަޒަރުގައި ރަށް ނެރުމުގެ ކުރިން ދިރާސާ ކުރުމަކީ އިންވެސްޓާ ކޮންފިޑެންސް އިތުރު ވެގެންދާނެ ކަމެކެވެ.

މި ފަހަރު ރިސޯޓު ހަދަން ރަށްތައް ނެރުމުގެ ކުރިން ތިމާވެށީގެ ދިރާސާ އާއި އެ ސަރަހައްދުތަކުގެ އާންމުންގެ ހިޔާލު ހޯދަން ވެސް ދިރާސާ ކޮށްފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި މުޅިން އަލަށް ކުރި ކަމެކެވެ.

ފަސް އަހަރަށްފަހު ރިސޯޓުތައް ބިޑަށް!

މި ފަހަރު ރިސޯޓުތައް ނެރެނީ ރަށްތައް ބިޑްކޮށްގެންނެވެ. ރިސޯޓު ތަރައްގީ ކުރަން 2013 ވަނަ އަހަރާ ހަމައަށް ރަށް ދޫކުރަމުން ގެންގޮސްފައިވަނީ އޯޕަން ބިޑު އުސޫލުންނެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިޑްނުކޮށް ރަށް ދޫކުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށް ރަށް ދޫކުރަން ފެށި އެވެ. އެހެންކަމުން މި ފަހަރު ބިޑްކޮށްގެން ރަށް ދޫކުރަން ފެށުން ވެގެންދާނީ ފަސް އަހަރަށްފަހު، މިގޮތަށް ރަށް ދޫކުރާ ފަހަރަށެވެ. މިގޮތަށް ރަށް ދޫކުރުމަކީ މައްސަލަ ކުޑަވެ، އިންވެސްޓަރުންގެ އިތުބާރު ބޮޑު ވެގެންދާނެ ކަމެކެވެ.

އާ ރިސޯޓުތަކެއް ނެރުމަކީ ތާރީހީ ބަދަލަކަށްވާނެ އެވެ. ނަމަވެސް މިކަމުން ކޮށްފާނެ ނޭދެވޭ އަސަރު ތަކެއް ވެސް ހުރެ އެވެ. ނުހެދި 70 ރަށް އޮއްވައި އާ ރިސޯޓުތަކެއް ނެރުމުން މައްސަލަތަކެއް ދިމާވެދާނެ ހެއްޔެވެ؟ އަނެއްކާ އާ އެނދުތަކެއް ނެރުމުން ޓޫރިޒަމް އޮކިއުޕެންސީއަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ މިއީ އިތުރަށް ދިރާސާ ކުރަން ޖެހޭ ކަންތައްތަކެވެ. ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި އާ ރިސޯޓު ތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ހަމަގައިމު ވެސް އާ ރިސޯޓު ތަކެއް ނެރޭ ކޮންމެ ފަހަރަކު ރައްޔިތުން ކުރާ އުންމީދުތަކެއް އޮވެ އެވެ. އެ މީހުން ބޭނުންވަނީ ވަޒީފާގެ ފުރުސަތެވެ. ރަށުގައި ތިބެގެން، މާލީ ފުދުންތެރިކަމެވެ. ރިސޯޓުތައް ހުޅުވުމުން އޭގެ މަންފާ އާއިލާއަށް ކުރުމެވެ. އެހެންވެ، އާ ރިސޯޓުތައް ނެރޭ ކޮންމެ ފަހަރަކު، މަގޭ އަތޮޅުގައި ކިތައް ރިސޯޓު ހަދާނެހޭ އަހަ އެވެ. އެ ސުވާލު އަންނަނީ އެހެންވެ އެވެ.