ރިޕޯޓް

މިހާރު ރިސޯޓް މުވައްޒަފުންގެ ހާލަކީ ކޮބާ؟

ކޮރޯނާ ވައިރަސް ދުނިޔޭގެ ގައުމު ތަކަށް ލައްވާލުމާއެކު އެންމެ އަވަހަށް އަސަރު ކުރީ ސާވިސް އިންޑަސްޓްރީ އަށެވެ. ދަތުރު ފަތުރާއި ޓޫރިޒަމް ސިނާއަތަކަށެވެ. ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް މިކަން އޮތީ މި ގޮތަށެވެ. ރާއްޖޭގައި މި ހާލަތު ބޮޑެވެ. ސަބަބަކީ ރާއްޖޭގެ އާބާދީގައި ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން ގިނަވުމެވެ. ހާއްސަކޮށް ޒުވާނުންގެ ގިނަ ބަޔަކު މި ދާއިރާގައި އުޅެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 45،000 މީހުން މަސައްކަތް ކުރާ މި ސިނާއަތުގައި 20،000 ދިވެހިން އުޅޭނެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށް ރިސޯޓުތައް ބަންދު ކުރުމާއެކު މި އާބާދީގެ ބޮޑުބައި ވަޒީފާ ގެއްލުނެވެ. ނުވަތަ އާމްދަނީއެއްކޮށް ހުއްޓުނެވެ. ވަޒީފާއިން ސީދާ ވަކި ނުކުރި ނަމަވެސް މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލި އެވެ. އެކަމަކު ބަލީގެ ހާލަތު ބަދަލުވެ، އިގްތިސޯދު ވެސް ރަނގަޅުވާން ފަށައިފި އެވެ. ޓޫރިސްޓުން އަންނަން ވެސް ފަށައިފި އެވެ.

މިހާރު ބަލަން ޖެހެނީ މި އިންޑަސްޓްރީގެ މުވައްޒަފުންގެ ހާލަތެވެ. އެ މީހުން މިހާރު ތިބީ ކޮން ހިސާބެއްގައި ހެއްޔެވެ؟

ރިސޯޓް މުވައްޒަފުންގެ މިއަދުގެ ހާލަތު އެންމެ ރަނގަޅަށް ސިފަކޮށް ދިނީ ރާއްޖޭގެ އެންމެ ގިނަ ރިސޯޓު ހިންގާ އަތޮޅަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާއަކީ އޭނާ ނިސްބަތްވާ ރަށާ މާދުރު ނޫން ހިސާބެއްގައި އޮންނަ ރިސޯޓެއްގައި ވަޒީފާ އަދާ ކުރި ޒުވާނެވެ. ކުރިން ވަޒީފާ ނިންމައި "ނައިޓަށް ދާ" މީހެވެެ.

"ގެސްޓުން އަންނަ ފެށީމަ މިހާރު ވަޒީފާއަށް ނެރެފި. އެކަމަކު ހަމަ މުސާރައެއް ނުލިބޭ. ގެސްޓުން މަދުވީމަ ސާވިސް ޗާޖެއް ނުލިބޭނެ. މުސާރަ އެކަނި މި ލިބެނީ. މުސާރައަށް ލިބެނީ ދެ ހާހެއްހާ ރުފިޔާ. މިއިން ކިހިނެއް އުޅޭނީ؟" ވަނަވަރު އާއްމު ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ ޒުވާނާ ބުންޏެވެ.

އދ. އަތޮޅުގައި ހިންގާ ރިސޯޓަކުން ވާހަކަ ދެއްކި މުވައްޒަފަކު ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލީގައި އިގްތިސޯދު ހިފެހެއްޓުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރި މުވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު ގޮތް ތަކެއް ހަމަޖައްސައި ދޭން މަސައްކަތް ކުރަން ޖެހެ އެވެ.

"ބޯޑަރު ބަންދު ކުރުމާ ހަމަ އަށް ވެސް މި ތިބީ އަޅުގަނޑުމެން. އެކަމަކު އެންމެ ފަހު ވަގުތު މުސާރަ ނުދީ ފޮނުވާލީ. އަނެއްކާ އަލުން ނެރުނުއިރު ވެސް ހަމަ މުސާރައެއް ނުލިބެ. މަސައްކަތް އަންނަނީ ބުރަ ވަމުން، ރިސޯޓުގެ އިކޮޕެންސީ ދަނީ މަތިވަމުން. މީހުން އެހާ މަދު. މި ކަމަށް ހައްލެއް ބޭނުންވޭ... އަޅުގަނޑުމެންނަކީ ވެސް ޕްރޮންޓްލައިން ސްޓާފުން. އެކަން ވިސްނަން ޖެހޭ،" އޭނާ ބުންޏެވެ.

މަސައްކަތް ބުރަ، ހަމަ މުސާރަ ނުލިބޭ!

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 ގެ ބަލީގެ ބިރަށް މާޗް މަހު ރާއްޖޭގެ ޓޫރިޒަމް ބަންދު ކުރިއިރު ބައި ލައްކަ އެނދު ރާއްޖޭގައި ހުއްޓެވެ. ބައްޔާއެކު އެނދުގެ 90 ޕަސެންޓަށްވުރެ ބޮޑު ބައި ހުސްވި އެވެ. ނަމަވެސް ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމާއެކު މިހާރު ރާއްޖޭގައި އަނެއްކާ ވެސް 31.556 އެނދު ވަނީ އޮޮޕަރޭޝަނަށް ގެނެވިފަ އެވެ. މާނައަކީ ޓޫރިޒަމް އެނދުގެ ބޮޑުބައި މިހާރު އޮޕަރޭޓް ކުރަމުން ދެ އެވެ. އަދި ރާއްޖެއަށް ބޯޑަރު ހުޅުވި ފަހުން އެއް ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު، އޮކިއުޕެންސީ މަތިވަމުން ދިއުމުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ވެސް ދަނީ ބުރަ ވަމުންނެވެ.

ރިސޯޓު މުވައްޒަފުންގެ މަސައްކަތް ބުރަވެ، ޒިންމާ ވެސް މަތިވެފައިވީ ނަމަވެސް މުސާރަ އަށް އެއްވެސް ބަދަލެއް ގެނެސްފައިނުވުމުގެ ޝަކުވާ މިހާރު މިވަނީ ބޮޑުވެފަ އެވެ. ހާއްސަކޮށް ނޯޕޭގައި ބެހެއްޓުމަށް ފަހު އަލުން ވަޒީފާދިން މުވައްޒަފުންގެ މުސާރަ އިޔާދަ ނުވުމުގެ ޝަކުވާ ބޮޑެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގު ޔަގީން ކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޓޫރިޒަމް އެމްޕްލޮއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މައުރޫފު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ކުއްލިއަކަށް މަތިވާއިރު ބައެއް ދާއިރާތަކުގައި މުވައްޒަފުން މަދެވެ. އެހެންވުމުން ތިބި މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ.

މިކަން މިގޮތުގައި އޮއްވައި، މުވައްޒަފުންގެ މުސާރަ އިޔާދަ ނުކޮށް މަސައްކަތް ކުރުވުމަކީ ޓީމުން ކަންބޮޑުވާ ކަމެކެވެ.
"މުވައްޒަފުން ނެރެފި، އެކަމަކު މުސާރަ އިޔާދަ ނުކުރުމުގެ ޝަކުވާ އަންނަނީ ލިބެމުން. މި ޝަކުވާ ބޮޑު." މައުރޫފު ވިދާޅުވި އެވެ.

މުވައްޒަފުން ނެރެފި، އެކަމަކު މުސާރަ އިޔާދަ ނުކުރުމުގެ ޝަކުވާ އަންނަނީ ލިބެމުން. މި ޝަކުވާ ބޮޑު
ޓީމްގެ ސެކްރެޓަރީ ޖެނެރަލް | އަހުމަދު މައުރޫފު

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ޓޫރިޒަމް މިނިސްޓްރީގެ ސަމާލު ކަމަށް ވެސް ގެންގޮސްފައި ވާނެ އެވެ. އަދި އެ މައްސަލަ
ހައްލު ކުރަން ވެސް މަސައްކަތް ކުރައްވާނެ އެވެ.

ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންގެ ބޮޑު ބަޔަކީ ހަގީގަތުގައި މަސައްކަތްތަކަށް ފުރިހަމައަށް އަހަމިއްޔަތުކަން ދޭ މީހުނެވެ. އެގެ ތެރޭގައި ވަރަށް މޮޅު ވަރަށް ހުނަރުވެރި މީހުން އެބަތިއްބެވެ. ދުނިޔޭގެ ކޮންމެ ގައުމަކަށް ދިޔަ ނަމަވެސް ސާވިސް އިންޑަސްޓްރީން "މާވަހަރު" ގެ ގޮތުގައި ބަލައި "ހޮވާނެ" އެތައް ބަޔަކު އެބަތިއްބެވެ. ނަމަވެސް މި މީހުންގެ ތެރެއިން ބައެއް މީހުން މި ހާލަތާ ގުޅިގެން މި ސިނާއަތް ދޫކޮށްލައިފި އެވެ. މި ހާލަތުގައި ކަންވީ ގޮތުންނެވެ. އުމުރު ދުވަހު ވަޒީފާގައި އުޅުނަސް އެންމެ ބޭނުންވީ ދުވަހު އެއްލާލުމަކީ އެ މީހުންނަށް ލިބުނު ހިތްދަތި ކަމެކެވެ. މި ފަދަ ބައެއް މިހާރު ކުރަނީ މުޅިން އެހެން މަސައްކަތެކެވެ. ބައެއް މީހުން ރަށުގައި މަހަށް ދަނީ އެވެ. ނޫނީ އެހެން މަސައްކަތެއްގައި ޝާމިލްވީ އެވެ.

ސަރުކާރުން ދެއްކި ހުވަފެން ކޮބާ؟

ކޮވިޑް-19 އިން ލިބޭ އެންމެ ބޮޑު ފުރުސަތަކީ އިގްތިސޯދުގެ ހަޑި ސޮފުހާތައް ސާފު ކުރުން ކަމަށް ސަރުކާރުން މި ބަލި ފެނުމާއެކު ބުނަމުން ދިޔަ އެވެ. މީގެ ތެރޭގައި ޓޫރިޒަމް ސިނާއަތް އިސްލާހު ކުރުން ވެސް ހިމެނޭ ކަމަށް ބުނެ ފޮނި ވާހަކަ ދެއްކި އެވެ. އެޕްރީލް މަހު ހިސާބު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންތަކުގައި ރިސޯޓުތަކުގައި ދިވެހިންގެ ރޭޝިއޯ މަތި ކުރުމުގެ ފޮނި ހުވަފެން ވެސް ދެއްކި އެވެ. އެކަމަކު މި ހުރިހާ ކަމެއް ވެސް ވީ ހަމަ ބިލާހަކަށެވެ. ފޮނި ހުވަފެން ތަކަށެވެ. މިހާރު އެ ވާހަކަ ނުދައްކަ އެވެ. ޓޫރިޒަމް ހުޅުވިގެން އަންނައިރު ބައެއް ރިސޯޓު ތަކުން ދިވެހިންނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ބިދޭސީން ހޯދަން ގައުމާއެއްކޮށް ޖަހާލާފައި ހުރި އިއުލާނުތައް ދަނީ ފެންނަމުންނެވެ. މި މައްސަލައަކީ ޓޫރިޒަމް އިންޑަސްޓްރީގެ ސީނިޔަ ބޭފުޅުން ތިއްބަވާ ގްރޫޕުތަކުގައި ވެސް އެންމެ ހޫނުވާ އެއް މައްސަލަ އެވެ. އެކަމަކު މިކަން ދަނީ ކުރި އަށެވެ.

"ކުރި އަށް ވުރެ މިހާރު ގޯސް ކަމަށް ފެނޭ ވަޒީފާ އަށް މީހުން ނެގުން. ބައެއް ރިސޯޓު ތަކުން އެބަ ޖަހާލަ ވަކި ގައުމެއްގެ މީހަކު ނޫނީ ބޭނުން ނުވާ ކަމަށް. އެ ހެޔޮ ވޭޓަރަކަށް ވިއަސް. ރޫމް ބޯއީއަކަށް ވިއަސް.

ކޮވިޑް-19 ގެ ކުރިއާ މިއަދާ މި އިންޑަސްޓްރީ އިން ފެނުނު ތަފާތަކީ ކޮބައި ހެއްޔެވެ؟