ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރިސޯޓު މުވައްޒަފުން ނުނިމޭ ޝަކުވާގައި

Jul 7, 2021
2

ރާއްޖޭގެ ޓޫރިޒަމަށް އަންނަ އަހަރު ބައި ގަރުނު ފުރޭނެ އެވެ. އަންނަ އަހަރު ދިވެހި ޓޫރިޒަމް ރަންޔޫބިލް ފާހަގަ ކުރާއިރު މިހާރު މިއީ ދުނިޔޭގެ ވަރުގަދަ ބްރޭންޑް އެކެވެ. އެކަމަކު މި ބްރޭންޑާއެކު އެކީގައި މި ސިނާއަތުގެ ފުރަގަހުން ފެންނާނެ ހުރިހާ "ހަޑިމަންޒަރު" ތަކެއް ވެސް ފެނެ އެވެ. ދުނިޔެއަށް ރާއްޖެއަކީ ސުވަރުގެ ކަމުގައި ފެނުނަސް މި ފެނުމާ އެއްވަރަށް މި ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކާއި ކެކުޅުމުގެ އަޑު ވެސް އިވެއެވެ. ހާއްސަކޮށް ކޮވިޑް-19 އިގެ ޕެންޑެމިކް ލައްވާލައި ޓޫރިޒަމް ދަށްވެގެން ދިއުމާއެކު ރިސޯޓު މުވައްޒަފުންނަށް ލިބެމުން ދިޔަ ގެއްލުން ވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ.

އެ މީހުން މިއަދު ވެސް ތިބެން ޖެހިފައި ވަނީ ދިގު ދެމިގެންވާ ދާއިމީ ޝަކުވާއެއްގަ އެވެ. ކޮންމެ ދުވަހަކު އެތަށް ފަހަރަކު ޝަކުވާގެ ވާހަކަ ޓޫރިޒަމް މިނިސްޓަރާއި ސަރުކާރުވެ ވުޒާރާ ތަކަށް "ޓެގް" ކޮށްލަ ކޮށްލަ ތިބެނީ އެވެ. އެ ޓޫރިޒަމް މުވައްޒަފުންގެ މައްސަލަތައް ހައްލު ނުވަނީ ކީއް ވެގެން ހެއްޔެވެ؟ މި ޝަކުވާތައް މަދުވާތަން ފެނޭ ހެއްޔެވެ؟

"އާ ވެރިކަމެއް އައިއިރު އުންމީދު ކުރިން ރަނގަޅުވާނެ ކަމަށް. އެކަމަކު އާ ޒައާމަތުން ވެސް ރިސޯޓު މުވައްޒަފުންގެ މައްސަލަތައް ހައްލު ކުރަން އުޅޭ ތަނެއް ނުފެނޭ. އަހަރެމެންގެ ހައްގުތައް ހޯދައިދޭން މަސައްކަތެއް ނުކުރޭ،" ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ރޫމް އެޓެންޑެންޓެއްގެ ވަޒީފާގައި އުޅޭ ޒުވާނަކު ނަން ނުޖެހުމަށް އެދި ބުންޏެވެ- އޭނާގެ ބިރަކީ ނަން ހާމަ ކޮށްފިނަމަ ވަޒީފާ ގެއްލުމެވެ.

ރާއްޖޭގައި ޓޫރިޒަމް މުވައްޒަފުންގެ ރަސްމީ ދަފުތަރެއް ނެތެވެ. ދުނިޔޭގެ ބޮޑެތި އިންޑަސްޓްރީތަކުގައި އޮންނަ ފަދަ ސްކީމްތަކާއި ބެނިފިޓް ލިބޭނެ ގޮތް ތަކެއް ރާއްޖެއަކު ނެތެވެ. މި ދާއިރާގައި 40 އަހަރު އުޅެފައި ކެނޑޭ މީހަކާ މިއަަދު ރިސޯޓަށް ގޮސް މާދަމާ ވަޒީފާ އިން ވަކިވާ މީހަކާ އޮތް ތަފާތަކީ ކޮބައި ހެއްޔެވެ؟ ޓޫރިޒަމަށް ބައި ގަރުނު ފުރޭއިރު މިފަދަ ސްކީމްތައް ނެތީ ކީއް ވެގެން ހެއްޔެވެ؟

މިހާތަނަށް މި ދާއިރާގައި ކޮށްފައިވާ ދިރާސާތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 45،000 މީހުން މި ސިނާއަތުގައި މަސައްކަތް ކުރާއިރު، ސިނާއަތުގައި ތިބި ދިވެހިންގެ އަދަދަކީ 20،000 އެވެ. މި އަދަދު މިހާރު ބޮޑުތަނުން ބަދަލުވެފައިވާނެ ކަމަށް ފެނެ އެވެ. ނަމަވެސް ސަރުކާރަށް ފެންނަނީ މިވަގުތަށް މުވައްޒަފުން މުހިންމު ނޫން ކަމެވެ. އެ މީހުންގެ މުހިންމުކަން ފެންނަން ފަށާނީ ކޮންމެ ފަސް އަހަރެއްގެ ހިމަކޮޅުގަ އެވެ. އިންތިހާބު ބޯމަތިވުމުންނެވެ.

ވެރިކަމަށް އަންނަ ހިފާ ވަގުތު ރިސޯޓު މުވައްޒަފުން މުހިންމުވާ ސަބަބަކީ އެ އާބާދީގެ ވޯޓު ކޮންމެ ގޮތެއް ހަދައިގެން ވެސް ކޮންޓްރޯލް ކުރަން ބޭނުންވާތީ އެވެ. އެހެންވެ ވެރިކަމަށް އަންނަން ބޭނުންވާ ވަގުތު ތަފާތު ވައުދުތައް ޓާގެޓް ކުރަނީ ޒުވާން އެ އާބާދީ އަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓު މުވައްޒަފުންނަށް ރިސޯޓް ހިއްސާ ދޭން ވައުދެއްވި އެވެ. އަދި މިވެރިކަމުގައި މިނިމަން ވޭޖް އާއި "ނައިޓަށް ދިއުން" ފަދަ ކަންކަން ކޮށްދޭނެ ކަކަށް ބުނެ ޓޫރިޒަމް މުވައްޒަފުން "ޅޮސް އުނދޯއްޔަށް" އެރުވި އެވެ. އެކަމަކު ވީކަމެއް ނެތެވެ. މިހާތަނަށް އައިއިރު އެންމެ ކުޑަމިމިނުން ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވުމުން ވަޒީފާ ގެއްލުނީ ކިތަށް ރިސޯޓު މުވައްޒަފުން ކަމެއް ވެސް ސަރުކާރަށް ނޭނގޭ ކަމަށްނުވެ އެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި މަގަތުސަފުގައި ސިއްހީ ދާއިރާއެކޭ އެއްގޮތަށް އިކޮނޮމީ ހިފެހެއްޓީ މި ސިނާއަތުގެ ރޫމްބޯއީންނާއި ވޭޓަރުން ފަދަ ވަޒީފާތަކުގައި ތިބި ޒުވާނުންނެވެ. މި ވަރަށް މަސައްކަތް ކުރިޔަސް މި ހާލާ ގުޅިގެން ވަޒީފާއަށް އަސަރުކުރީ ކިތައް މުވައްޒަފުން ކަމެއް ސަރުކާރަކަށް އަދި އެނގުނުހެނެއް ހިއެއް ނުވެ އެވެ. ސަރުކާރުން ތައާރަފު ކުރި އިންކަމް ސްޕޯޓް އެލަވަންސަށް މީގެ ތެރެއިން ބަޔަކު ކުރިމަތިލި ނަމަވެސް މި އެލަވަންސް ދިނުމުގައި ހުރި އިޖުރާތުތައް ފުރިހަމަ ކުރަން ދަތިވެގެން އެލަވަންސް ނުލިބި ތިބީ ކިތަށް މީހުން ހެއްޔެވެ؟

ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލި އަދި ވަޒީފާ އަށް އަސަރުކުރި މީހުންގެ ގޮތުގައި ކިރިޔާ ވެސް އެނގޭ ނަމްބަރަކީ ޓޫރިޒަމް އެމްލްޕޯއީމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އާއްމު ކުރި ނަމްބަރެކެވެ. އެ ޖަމިއްޔާ އިން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި 11،000 މުވައްޒަފުން "ނޯޕޭ" ގައި ގެއަށް ފޮނުވާލި އެވެ.

ރިސޯޓު މުވައްޒަފުންގެ ތެރެއިން މިހާލަތުގައި ވަޒީފާއަށް އަސަރު ކުރީ ކިތައް މީހުންނަށް ހެއްޔެވެ؟ އެ މީހުންގެ މިހާރުގެ ހާލަކީ ކޮބައި ހެއްޔެވެ؟ އަލުން ރިސޯޓުތައް އޮޕަރޭޝަނަށް އައިރު މިހާރު ތިބީ ކިތަށް ދިވެހިން ހެއްޔެވެ؟ ޓޫރިޒަމް ދާއިރާގައި މިހާރު ދިވެހިންގެ ރޭޝިއޯއަކީ ކޮބައި ހެއްޔެވެ؟ މުވައްޒަފުންގެ ޝަކުވާ އަށް ޓޫރިޒަމް މިނިސްޓްރީން އަޅާލާ ހެއްޔެވެ؟ އަލުން އޮޕަރޭޝަނަށް ގެނައި ރިސޯޓުތަކުގައި ރިސޯޓު މުވައްޒަފުންގެ މުސާރަ ރުޖޫއަ ކޮށްފި ހެއްޔެވެ؟ މިހުރީ ހައްތާ ވެސް މިހާތަނަށް ޖަވާބު ނޭނގޭ ސުވާލުތަކެކެވެ.

ރިސޯޓު މުވައްޒަފުންގެ މޫނުމަތީގެ ގޮތުގައި ސޯޝަލް މީޑިއާއަށް މިހާރު ފެންނަނީ ރިސޯޓު ވޯކާސް ކިޔާ ފޭސްބުކް ޕޭޖެކެވެ. ކުރިން ރިސޯޓު މުވައްޒަފުންގެ ހައްގުގައި "ހަޅޭލެވި" ބައެއް އެކްޓިވިސްޓުނަށް ޓޫރިޒަމް މިނިސްޓްރީން ވަޒީފާ ދިން ހިސާބުން އެ މީހުން ތިބީ އަނގަމަތީ އަތް އަޅައިގެންނެވެ. މި ޕޭޖަށް ބަލާއިރު އަބަދުގެ ޝަކުވާއަކީ ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމެވެ. މިވެނި ރިސޯޓެއްގެ މިވެނި ބިދޭސީ މީހަކު ދިވެހިންނަށް މިވެނިހެން ހަދައިފި އެވެ. މިފަދަ ޝަކުވާ ތަކަށް ޓޫރިޒަމް މިނިސްޓްރީން ކިހާ އެކްޓިވްކޮށް އެޓެންޑު ކުރޭ ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުން ވަނީ މުވައްޒަފުންނަށް ޓޫރިޒަމުން އުފާވެރިކަން ހޯދައިދޭށެވެ.

"މިކަމަށް މައިގަނޑު ގޮތެއްގައި މި ބަލަނީ ދިވެހިން ކުރާ ހިތްވާ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަނަށް ދިވެހިން ގެންދިއުމަށް. އެ މަސައްކަތް އެބަ ކުރަން،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ޝަކުވާތައް ހޯދައި އެކަން ހައްލު ކުރަން ވެސް މިނިސްޓްރީން މަސައްކަތް ކުރެ އެވެ.

"މުވައްޒަފުންގެ މައްސަލަ ބަލަން ޑެޑިކޭޓެޑް އީ-މެއިލް އެއް ގާއިމް ކޮށްފައި ވާނެ. ދޭތެރެއަކުން ލިބޭ މައްސަލަތައް އެ މުވައްޒަފުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާ ގުޅިގެން ހައްލު ކުރަމުން މި ގެންދަނީ. އެންމެ ބޮޑު ކަމަކީ ނައިޓަށް ގެއަށް ދިއުމުގެ މައްސަލަ ހައްލު ކުރުމުގައި މިހާރު އެންކަރޭޖް ކުރަމުން މި ގެންދަނީ ކުރިން ރިސޯޓުގައި ގާއިމް ކުރާ ރިސޯޓު އެކޮމޮޑޭޝަން ރިސޯޓުގައި ގާއިމް ކުރާކަށް ނުޖެހޭނެ. އެ ބޭފުޅުންނަށް ކައިރި ރަށުގައި އެކަންތައް ގާއިމް ކުރެވޭނެ،" މައުސޫމް ވިދާޅުވި އެވެ.

މުވައްޒަފުންގެ މައްސަލަ ބަލަން ޑެޑިކޭޓެޑް އީ-މެއިލް އެއް ގާއިމްކޮށްފައިވާނެ. ދޭތެރެއަކުން ލިބޭ މައްސަލަތައް އެ މުވައްޒަފުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާ ގުޅިގެން ހައްލު ކުރަމުން މި ގެންދަނީ
ޑރ. އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

އަންނަ އަހަރު ޓޫރިޒަމަށް ބައި ގަރުނު ފުރޭއިރު މުވައްޒަފުންގެ ޝަކުވާތައް ހައްލު ކުރަން ފިޔަވަޅު އަޅަން ޖެހެ އެވެ. ޓޫރިޒަމް ރަންޔޫބީލް އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރެވޭނީ އޭރުންނެވެ. އެ މުވައްޒަފުންގެ މެދުގައި މިހާރު ހުރި ނުތަނަވަސްކަން ނައްތާލަން މިހާރު މަސައްކަތް ނުކޮށްފިނަމަ ޓޫރިޒަމަށް ގަރުނެއްވިއަސް މި މައްސަލަތައް ހުންނާނީ މިގޮތުގަ އެވެ. ޝަކުވާތައް އޮންނާނީ ދާއިމީ ކަމެއްގެ ގޮތުގަ އެވެ.