ހަބަރު

އޮޑެގައްލާގައި ރިސޯޓް ހަދަން އީޕީއޭ ހުއްދައެއް ނުދިން

ގއ. އަޮޑެގައްލާގައި ރިސޯޓް ތަރައްގީ ކުރަން ހުށަހެޅި ޕްރޮޕޯޝަލް ގަބޫލު ނުކުރަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

އޮޑަގައްލާގައި ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވަނީ ހޮޓަލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ)ގެ ވެރިޔާ މުހައްމަދު އަލީ ޖަނާހު އަށެވެ.

އީޕީއޭއިން ނެރުނު ރިޕޯޓްގައި ވަނީ، އެރަށަކީ ތިމާވެށީގެ ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއް ކަމަށާއި އެރަށަކީ ދޫނި ބިިސް އަޅާށާއި ނިދަން އަރާ ރަށެއް ކަމަށެވެ. އަދި އެރަށަކީ ބައެއް ދުވަސްވަރު ވެލާ ބިސް އަޅަން އަރާ ރަށެއް ކަމަށެވެ. އަދި އެރަށުގެ ފަރަކީ މުއްސަނދި ފަރެއް ކަމަށްވެސް އީޕީއޭގެ ރިޕޯޓްގައިވެ އެވެ.

"މިރަށުގައި ރިސޯޓެއް ތަރައްގީ ކޮށްފިނަމަ މިރަށުގެ ތިމާވެށީގެ އެންމެ ހާއްސަ އެއްސިފަކަމުގައިވާ ދޫނި މާހައުލު ގެއްލިގެންދާނެ، އެހެން ކަމުން މި މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް އިއާދަނުކުރެވޭފަދަ ގެއްލުންތަކެއްވާނެ ކަމަށް ފެންނާތީ މިމަޝްރޫއު ގަބޫލު ނުކުރަން ނިންމައިފިން،" ރިޕޯޓްގައިވެ އެވެ.

އީޕީއޭއިން ބުނީ، އޮޑެގައްލާއަކީ ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ފުވައްމުލަކުގެ މަސްވެރިން އެންވެރިކަމަށް ބޭނުން ކުރާ ވަރަށް މުހިންމު ސަރަހަށްދެއް ކަމަށާއި އެންވެރިކަން ކުރާ ސަރަހައްދުތައް އެއަތޮޅުގައި މަދު ކަމަށެވެ. އެރަށުގައި ރިސޯޓެއް ގާއިމްކޮށްފިނަމަ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީގެ ގޮތުން މަސްވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.

އޮޑެގައްލާއަކީ އެއަތޮޅުގެ ރައްޔިތުން ދަތުރު ދިއުމަށް އޮންނަ މަދު ރަށްތަކުގެ ތެރެއިން ރަށެއް ކަމަށާއި ރިސޯޓް ތަރައްގީކޮށްފިނަމަ އަތޮޅުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި މާމެންދޫ ކައުންސިލް ފިޔަވައި ހުރިހާ ރަށު ކައުންސިލުތަކާއި ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލުންވެސް އެރަށުގައި ރިސޯޓް ތަރައްގީ ކުރަން ދެކޮޅު ކަމަށެވެ. އެހެންކަމުން އިޖުތިމާއީ ނަޒަރަކުން ބަލާއިރު އަތޮޅުގެ ރައްޔިތުން މަޝްރޫއު ކުރިއަށް ގެންދަން ދެކޮޅު ކަމަށްވެސް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން އެރަށުގައި ރިސޯޓް ތަރައްގީ ކުރަން ހުއްދަ ނުދޭން ނިންމާފައިވާއިރު، އެރަށުގައި ރިސޯޓް މަޝްރޫއު ކުރިއަށް ގެންދަން ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓުގައިވެސް ލަފާ ދީފައި ވަނީ އެމަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.