ހަބަރު

ކޮތައިފަރުން އަސާރީ ސަރަހައްދެއް: ރިސޯޓްގެ ކޮންސެޕްޓް ބަދަލުކޮށްފި

ރ. އަތޮޅުގެ ކޮތައިފަރުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށުގެ ބައެއް ކޮންނަމުން ދަނިކޮށް ފެނުނު އާސާރީ ސަރަހައްދެއް ހިމާޔަތްކޮށް، އެ ރިސޯޓުގެ ކޮންސެޕްޓަށް ބަދަލު ގެނެސްފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ ކޮތައިފަރުން ފެނިފައިވަނީ އަދި މިހާތަނަށް ރާއްޖޭން ނުފެންނަ ވަރުގެ ގަދީމީ އާސާރުތައް ހުރި ސަރަހައްދެއް ކަމަށާއި އެހެންކަމުން އެ ސަރަހައްދު މިހާރު ހިމާޔަތް ކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ އެންމެ ގަދީމީ އާސާރީ ތަންތަން ފެނިފައިވަނީ. އެހެންވެ ކަލްޗަރަލް މިނިސްޓްރީ އާއި އިންވެސްޓަރާއެކު އިށިނދެ ވާނީ ހައްލެއް ހޯދާފައި،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮތައިފަރުގައި ރިސޯޓު ތަރައްގީ ކުރަން ކުއްޔަށް ދީފައިވަނީ ބެލެންޓައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސިޓް އަލާ ދީދީ މިއަދު ވިދާޅުވި ގޮތުގައި ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ކޮތައިފަރަކީ 1648 އިގެ އަހަރުތަކުގައި ފަޅުވެފައިވާ ރަށެކެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ހުރި އާސާރީ ސަރަހައްދު ހިމާޔަތް ކުރަން ހެރިޓޭޖް މިނިސްޓްރީން ނިންމާފައިވާ ކަމަށާއި ރިސޯޓު ތަރައްގީ ކުރާ ފަރާތުން ވެސް އެކަން އެގޮތަށް ކުރަން ބޭނުންވެ ރިސޯޓުގެ ކޮންސެޕްޓަށް ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

"މީގެ ކުރިން ރިސޯޓު ހެދުމުގައި ތާރީހީ ގިނަ ތަންތަން ވަނީ ހަލާކުވެފައި. އެކަމަކު މި ރިސޯޓު ތަރައްގީ ކުރާ ފަރާތުން ވަނީ މި ރަށުގެ [ކޮތައިފަރުގައި] ގެ ތާރީހީ ސަރަހައްދު ހިމާޔަތް ކުރަން ނިންމައި، ކޮންސެޕްޓު ވެސް ބަދަލުކޮށްފައި. މިއީ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ދުށިން އާ ކޮންސެޕްޓު ވެސް، އެ ބޭފުޅުން މިހާރު ބޭނުންވަނީ އެ ސަރަހައްދު ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ފެންނަ ގޮތަށް، އެ ސްޓޯރީ ގެނެވޭނެ ގޮތެއް ބަލަން،" އަލާ ވިދާޅުވީ އެވެ.

އޭނާ ވިދާޅުވީ މި ރަށުން ފެނުނު އާސާރީ ސަރަހައްދުގައި ހުރި ތަކެއްޗަކީ 500 އަހަރަށް ވުރެ ގިނަ ދުވަސްވީ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ތަނުން ފެނުނު ތަކެތީގެ ތެރޭގައި ބުދު ދީނުގެ ޒަމާނުގައި ކަނޑާ ނަގާފައިވާ ސްލެބަކާއި އާސާރީ ސިޑި ބަރިއަކާއި އަދި ޗައިނީޒް ބުޑިސްޓް ސިމްބަލް އަކުން ކަނޑާނަގާފައިވާ ބިސްމި ހުރި މަހާނަ ގަލެއް ހިމެނޭ ކަމަށެވެ.

"އާއްމުކޮށް ރާއްޖޭން މި ފެންނަނީ ސްރީލަންކާ ނޫނީ އިންޑިއާގެ ބުޑިޒަމްގެ އާސާރު. އެކަމަކު މި ތަނުން ޗައިނީސް ބުޑިޒަމްގެ އާސާރު ފެނިފައި އެބަހުރި. މީގެ އިތުރުން ވަރަށް ދުވަސްވީ މަހާނަ ގަލާއި ބޮޑު ގަބުރުސްތާނެއް ވެސް ފެނިފައިވޭ. ހީވާ ގޮތުގައި ގަބުރުސްތާނުގެ ބޮޑުމިނުގައި ވެސް 10،000 އަކަފޫޓު ހުންނާނެ،" އަލާ ވިދާޅުވި އެވެ.