ޓޫރިޒަމް

ކޯރާ ކޯރާ މޯލްޑިވްސް އަންނަ މަހު ހުޅުވަނީ

Sep 10, 2021

ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ "ކޯރާ ކޯރާ މޯލްޑިވްސް" އަންނަ މަހު ހުޅުވަން ހަމަޖައްސައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯރާކޯރާ ހުޅުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

ރ. އަތޮޅު މާމިގިލީގައި ތަރައްގީކޮށްފައިވާ މި ރިސޯޓަށް ހުޅުލެއިން ފުރައިގެން ސީޕްލޭންގައި 45 މިނެޓުން ދަތުރުކުރެވެ އެވެ.

ތަފާތު ވައްތަރުގެ ކެއުންތައް ލިބޭ ހަތަރު ރެސްޓޯރަންޓެއް ރިސޯޓުގައި ހަދާފައިވާއިރު ތަފާތު ފަންތީގެ ޖުމްލަ 100 ކޮޓަރި ހަދާފައިވެ އެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދިނުމަށް ކޯރާ ކޯރާގައި ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދިނުމަށްޓަކައި ހާއްސަ ދާރުލްއާސާރެއް ވަނީ ހަދާފަ އެވެ. ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދިނުމަށް ހާއްސަ ކުރެހުންތަކެއް ވެސް ވަނީ ކުރަހާފަ އެވެ.

ރ. އަތޮޅުގައި މިހާރު ވެސް ގެންދަނީ 13 ރިސޯޓެއް ހިންގަމުންނެވެ. މީގެތެރޭގައި ރާއްޖޭގެ އެންމެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ.