ރިސޯޓް

ކޮތައިފަރުގައި ހެދި ރިސޯޓް އަންނަ މަހު ހުޅުވަނީ

ރ. ކޮތައިފަރުގައި ހެދި "އަލީލާ ކޮތައިފަރު މޯލްޑިވްސް" އަންނަ މަހުގެ 23 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ދުނިޔޭގެއެކި ގައުމުތަކުގައި ރިސޯޓު ހިންގާ ހަޔަޓް ކުންފުނީގެ އާލީލާ ބްރޭންޑުގައި ހުޅުވާ ކޮތައިފަރު ރިސޯޓުގައި 80 ވިލާ ހުންނާނެ އެވެ. މީގެ ތެރެއިން 36 ވިލާއަކީ ބީޗް ވިލާ އެވެ.

މާލޭން ފުރައިގެން ސީޕްލޭނުން 45 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީކޮށްފައިވާ ކޮތައިފަރު ރިސޯޓް ތަރައްގީކޮށްފައިވަނީ ކޮންމެ ވިލާއަކުން ހިތްގައިމު ބީޗް އަކަށް ފޭބޭ ގޮތަށެވެ. މި ރިސޯޓުގެ ކޮންމެ ބީޗް ވިލާއެއްގެ ކުރިމައްޗަށްވާ ގޮތަށް 2,174 އަކަފޫޓުގެ ބީޗެއް އޮވެ އެވެ. އަދި ކޮންމެ ވިލާއެއްގައި ވެސް ކޮޓަރީގައި ވެސް އޯޕަން އެއާ ބާތްރޫމް އާއި ގާޑަން އަދި ޕޫލްގެ އިތުރުން މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނާނެ ގޮތަށް ސަން ޑެކެއް ހަދާފައިވެ އެވެ.

މި ރިސޯޓުގެ އެންމެ އަގު ބޮޑު މޫދު ވިލާތަކުގެ ބޮޑު މިނުގައި 1,345 އަކަފޫޓް ހުރެ އެވެ. މި ވިލާތަކުުގައި ވެސް ކުޑަކުދިންނަށް ހާއްސަ ކިޑް ބެޑަކާއި އިންޑޯ ފާހާނާ އަދި ޕްރައިވެޓް ޕޫލް އާއި ސަން ޑެކް ހުރެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ކޮތައިފަރަކީ ތާރީހީ އާސާރުތަކެއް ހުރި ތަނެކެވެ. ރިސޯޓް ތަރައްގީ ކުރަމުން ދަނިކޮށް އެ އަސާރުތައް ފެނުމާއެކު އެ ތަކެތި ހުރި ސަރަހައްދު ހިމާޔަތްކޮށް ރިސޯޓުން ވަނީ އެތަން ތަރައްގީ ކޮށްފަ އެވެ.