ހަބަރު

ގިލިލަންކަންފުށި ރިސޯޓުގެ ޖީއެމް މަގާމުން އެއް ފަރާތްކޮށްފި

Jan 24, 2021
4

ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި އެތަން ނައްތާލަން ކުރި މަސައްކަތުގައި ބައިވެރިވި މައްސަލައާ ގުޅިގެން، ގިލި ލަންކަން ފުށި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން އެއް ފަރާތްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު ކަމަށްވާ ގިލި ލަންކަން ފުށި ރިސޯޓު ވެރި ފަރާތް ކަމަށްވާ އެޗްޕީއެލް ހޮޓެލް އެންޑް ރިސޯޓު ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮޕަރޭޝަން ޑޭވިޑް ބްރައުންގެ ނަމުގައި އެ ރިސޯޓުން އަވަސް އަށް ފޮނުވި ނޫސް ބަޔާނެއްގައި ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާތީ، ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކްގެ މަގާމުގެ ޒިންމާ ތަކުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ވެރި ފަރާތެއްގެ ހައިސިސްޔަތުން އެއްބާރުލުން ދެމުން ގެންދާ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން އިން ބުނެފައިވެ އެވެ.

ޑޭވިޑް ސްޓެޕެޓިކް މަގާމުން އެއް ފަރާތްކޮށްފައިވާއިރު، ގިލި ލަންކަންފުށި ފަޅުތެރޭ އޮތް ވެލިގަނޑަށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުންވެސް ވަނީ މަނާކޮށްފަ އެވެ.

ގިލިލަންކަންފުށި މުވައްޒިފުން އެ ވެލިގަނޑަށް ގެއްލުން ދިނީ ހިންމަފުށީ މީހުން އަދި ބައެއް އެހެން ރަށްރަށުގެ މީހުން އެތަނަށް ޕިކުނިކުގޮސް ހަދާތީ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށް ބުނެ އެވެ. ވެލިގަނޑު ހަލާކުކޮށްލަން އެ ރިސޯޓުން ދިޔަ ޓީމުގައި ޖީއެމް ވެސް ހުއްޓެވެ.

އެ މައްސަލަަ އޭޕީއޭ އިން ވެސް ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން ދަނީ އީޕީއޭއާ ގުޅިގެން ކަމަަށެވެ.