ކުނި މެނޭޖް ކުރުން

ކުނީގެ ގަވައިދަށް ގެނައި ބަދަލުން ސަފާރީތައް އިސްތިސްނާވޭ

Nov 28, 2021

"ފުޑް ވޭސްޓް" ކަނޑަށް އެޅުން ހުއްޓުވަން ކުނީގެ ގަވައިދަށް އެންމެ ފަހުން ގެނައި ބަދަލުގައި ސަފާރީ އުޅަނދު ފަހަރު ނުހިމެނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަ ދީފައިވާ އޮތް މާއްދާ ޓުއަރިޒަމް މިނިސްޓްރީން އުވާލާފައިވަނީ މިދިޔަ މަހު އެވެ. މި މާއްދާ އުވާލުމާއެކު އެއްވެސް ހާލަތެއްގައި ރިސޯޓަކުން ކަނޑަށް ފުޑްވޭސްޓް ފަދަ ހަލާކު ވެގެންދާ ތަކެތި ވެސް ނޭޅޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވީމި ގަވައިދަކީ ވަރަށް ކުރިން ހަދާފައިވާ ގަވައިދެއް ކަމަށާ އެ ގަވައިދުގެ 5.3.3 މާއްދާ އުވާލުމާއެކު މަނާ ވެގެންދަނީ ރިސޯޓު ތަކަށް ކަމަށެވެ. ސަފާރީ ތަކުން އަމަލު ކުރަން ޖެހޭ ގޮތަށް އިތުރު ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން ހަދާފައިވާ މި ގަވައިދުގެ ބަދަލުގައި ސަފާރީތަކާއި މުޅި އިންޑަސްޓްރީ އަށް ހާއްސަކޮށް މި ޒަމާނަށް ފެތޭ ފަދަ ގަވައިދެއް ހެދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

"މިހާރު އާ ގަވައިދު ވަނީ ޑްރާފްޓިން ސްޓޭޖުގައި. ސްޓޭޓްހޯލްޑާސްގެ ކޮންސެލްޓޭޝަން ހޯދުމަށްފަހު ގަވައިދު ނެރުމުން ސަފާރީ އުޅަނދުތަކުން އަމަލު ކުރަން ޖެހޭ ގޮތް ވެސް އޭގައި އޮންނާނެ،" ހުއްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކުން ފުޑް ވޭސްޓް ކަނޑަށް އެޅުން މަނާ ކޮށްފައިވާއިރު ކޮންމެ ރިސޯޓެއްގައި އިންސިނިރޭޓަރެއް ހުންނަން ޖެހޭ ކަމަށް އެ ގަވައިދުގައި އޮންނާނެ އެވެ. އެހެންވެ މި ގަވައިދުގެ ސަބަބުން ރިސޯޓުތަކަށް އެއްވެސް ދަތިކަމެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހުއްސާން ވިދާޅުވި އެވެ.

ރިސޯޓު ތަކުން ކަނޑަށް ފުޑްވޭސްޓް- ކުނި- އެޅުމުގެ މައްސަލަ ފެންމަތި ވެފައިވަނީ ލަގްޒަރީ ރިސޯޓެއްގައި މަސައްކަތް ކުރާ ޑައިވަރެއް ކުނި ނަގައި އެ ރިސޯޓުގެ ރިސެޕްޝަން އޭރިއާ އަށް ގެނައުމާ ގުޅިގެންނެވެ.