ކުނި މެނޭޖް ކުރުން

ރިސޯޓްތަކުން މޫދަ ކުނީގެ ގޮތުގައި އުފެދޭ ފުޑްވޭސްޓް ނޭޅޭ ގޮތް ހަދައިފި

Nov 23, 2021

ރިސޯޓުތަކުން "ފުޑް ވޭސްޓް" ފަދަ ކުނި މޫދަށް އެޅޭ ގޮތަށް އޮތް ގަވައިދުގެ މާއްދާ އުވާލުމާއެކު ރިސޯޓުތަކުން މޫދަށް ކުނި އެޅުން މަނާ ވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 5.3.3 ވަނަ މާއްދާގައި ކުރިން އޮތް ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތްނަމަ ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަ އަށް ނެތިފަނާވެދާ ބަޔޯޑީގްރޭޑަބަލް ތަކެއްޗެވެ. އަދި މިފަދަ ކުނި އަޅަން ޖެހޭނީ އަތޮޅު ބޭރަށް ވަޔާއި އޮޔަށް ބަލައި ރަަށަށް ނުލައްގާ ގޮތަށެވެ.

ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން ވަނީ މި ގަވައިދުގެ އެ މާއްދާ ބަދަލުކޮށް އެއްވެސް ބާވަތެއްގެ ކުނި ކަނޑަށް އެޅުން މުޅިން މަނާކޮށްފަ އެވެ.

ރިސޯޓުތަކުން މޫދަށް "ފުޑް ވޭސްޓް" ކުނި އެޅުމަކީ ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރު ތެރޭގައި ވެސް ކުރަމުން ދިޔަ ކަމެކެވެ. ނަމަވެސް މި މައްސަލަ ބޮޑު ކަމެއްގެ ގޮތުގައި ސަމާލުކަމަށް އައިސްފައިވަނީ ލަގްޒަރީ ރިސޯޓެއްގައި މަސައްކަތް ކުރާ ޑައިވަރެއް ކުނި ނަގައި އެ ރިސޯޓުގެ ރިސެޕްޝަން އޭރިއާއަށް ގެނައުމާ ގުޅިގެންނެވެ.