ރިޕޯޓް

ފަރަށް އެރި ބޯޓާއެކު ސުވާލުމާކުތައް

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް 189.99 މީޓަރު ނުވަތަ 600 ފޫޓުގެ ބިޔަ "ނާވިއޮސް އާމަލިސް" އާގު ބޯޓު މަންޒިލަކީ ރާއްޖެއެއް ނޫނެވެ. މިމަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ދެކުނު އެފްރިކާގެ ސަލްޑޭންހާ އައިލެންޑުގެ ބަނދަރަށް ދިއުމަށެވެ. އިންޑިއާގެ ޓުޓިކޮރިންއަށް މުދާ ހުސް ކުރުމަށް ފަހު މަންޒީލަކީ އެފްރިކާ އެވެ. ގާތްގަނޑަކަށް 32،415 މެޓްރިކް ޓަނުގެ ބަލްކް ކާގޯ - ވަތަށް ކާގޯ އޮއްސައިގެން އުފުލާ ޒާތުގެ މި ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން އުޅޭކަން ދިވެހި ސިފައިންގެ ކޯސްޓްގާޑަށް އެނގިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރެވެ. ސިފައިންނަށް އެ މައުލޫމާތު ލިބުނުއިރު މާސިންގަހާ އެ ބޯޓު އޮތީ ގުދުރަތީ ގޮތުން ރީތި، ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ފަރުމަތީގަ އެވެ. މި ހާދިސާ ހިނގައިދިޔަ ގޮތާމެދު ތަޖުރިބާކާރުން ދަނީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ.

ފުރަތަމަ ކަމަކީ، ބޯޓުގެ އިންޖީނު ހުއްޓުނުކަން ދުރާލާ ރާއްޖެއަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ ބޯޓު ފަރަކަށް ލައްވަމުންދާކަން އެނގުނު ހިސާބުން ދެން އެޅީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ މިވަރުގެ އުޅަނދެއް ރާއްޖޭގެ އެތެރެވަރިއަށް އަތްކަން ރާޑަރުގެ ލޯތަކަށް ނުފެނީ ހެއްޔެވެ؟

"ބޯޓު ފަރަށް އެރުމާއި އެކަން ދިޔަ ގޮތުގައި ސުވާލު އުފެދޭ ގިނަ ކަންތައް ތަކެއް އެބަހުރި. މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ،" ބޭރުގެ ގިނަ ބޯޓު ފަހަރުގެ ކެޕްޓަންކަން ކުރަމުން ގެންދާ މަަޝްހޫރު ކެޕްޓަނެއް ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ހުއްޓުނުކަން ކޯސްޓް ގާޑަށް ނާންގާ

މި ބޯޓަކީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ރާއްޖޭގެ ފަރެއްގެ މައްޗަށް އުރުނު އެންމެ ބިޔަ އެއް ބޯޓެވެ. ނުވަތަ އެންމެ ބޮޑު ބޯޓަށް ވެދާނެ އެވެ. މި ބޯޓުގައި 1220.89 ޓަނުގެ ހެވީ ފިއުލް އާއި 89.5 ޓަނުގެ މެރިން ގޭސް އޮއިލް އެބަހުއްޓެވެ. ނަމަވެސް މި ބޯޓުގައި މުދާ ނެތުނުގެ ސަބަބުން ބޯޓު ފެންނަނީ ވަރަށް ލުއިކޮށެވެ. ފިލިޕީންސް އަށް ނިސްބަތްވާ 19 ފަޅުވެރިން މި ބޯޓުގައި ތިބިއިރު ބޯޓު އިންޖީނު ހުއްޓިފައިވާކަން ދުރާލާ ސަރުކާރުގެ ކަމާބެހޭ ފަރާތް ތަކަށް އަންގާފައިނެތްކަން މި ހާދިސާ ދިޔަގޮތާ ބެހޭ ގޮތުން މެރިޓައިމް ދާއިރާގެ އެކްސްޕާޓުން ހިމެނޭ ގޮތުން ހަދާފައިވާ ޓައިމްލަ އިން އަކުން ދައްކަ އެވެ.

އަވަސް އަށް އެ ޓައިމްލައިންގެ ކޮޕީ ލިބިފައިވާއިރު، އޭގައިވާ ގޮތުން ބޯޓުގެ މާސްޓަރު ނުވަތަ ކެޕްޓަން ކޯސްޓްގާޑަށް ނުވަތަ ލޯކަލް އޮތޯރިޓީ އަށް ބޯޓުގެ އިންޖީނު ހުއްޓިގެން އޮޔާލާކަން އަންގާފައެއް ނެތެވެ. އެކަން ނޭނގީ ކީއް ވެގެން ހެއްޔެވެ؟

ފަރާ ކައިރިވީއިރު ނަގިލި ނުލީ ކީއްވެ؟

ރާއްޖެއަށް ގިނަ އަދަދަށް މުދާ ގެނެސްދޭ، އެއް ކުންފުނި ކަމަށްވާ ސެންޗޫރިއަންގެ ޗެއާމަން އަހުމަދު މައުމޫން (ކެޕްޓަން މާނު) ވިދާޅުވި ގޮތުގައި ބޯޓު ފަރަށް އުރުމުގައި ދުރާލާ ފޮލޯ ކުރަން ޖެހޭ ޕްރޮސީޖާތަކެއް ނުހަދައި ހުރިކަމަށް ބުނެވިދާނެ އެވެ.

"ބޯޓު ފަރަށް އަރާފައިވާއިރު އެންކަރުކޮށްފަ [ނަގިލި] ވެސް ލާފައި ނެތް. މިއީ ބޮޑު މައްސަލައެއް. ފަރަށް އަރަމުން އަންނަކަން އެބައެނގޭ އެހެންވީމަ ޖެހޭނެ ނޫން ތޯ ބޯޓު އެންކަރު ކުރަން. ނޭނގެ އެކަން ނުކޮށް އޮތީ ކީއްވެ ކަމެއް،" މާނު ވިދާޅުވި އެވެ.

ބޯޓު ފަރަށް އަރާފައިވާއިރު އެންކަރުކޮށްފަ [ނަގިލި] ވެސް ލާފައި ނެތް، މިއީ ބޮޑު މައްސަލައެއް
އަހުމަދު މައުމޫން | ކެޕްޓަން މާނު

ބޯޓުގެ އިންޖީނު ހުއްޓިގެން ފަރަށް އަރާފައިވާކަމަށް ހަބަރު ފެތުރުމާހަމައަށް ސަރުކާރުގެ އެއްވެސް އިދާރާއަކަށް މިކަން އެނގުނު ކަމަކަށް ނުވެ އެވެ. ނުވަތަ ނުހެދި އެވެ. މި ވަރުގެ ބޮޑު އުޅަނދެއް ރާއްޖޭގެ އެތެރެވަރިއަށް ވަދެގެން ގޮސް ރަށެއްގެ ގޮނޑަށް ބީހުނުއިރު ނޭނގުނީ ކީއް ވެގެން ހެއްޔެވެ؟ ކޯސްޓް ގާޑް ކޮބައި ހެއްޔެވެ؟ ރާއްޖޭގެ ސަރަހައްދުގެ ކަނޑުގައި ހިންގާ ހަރަކާތްތައް ބަލަން އިންޑިއާ އިން ބެހެއްޓި ރާޑަރު، ލޯތަށް ކޮބައި ހެއްޔެވެ؟ މީގެ ލޮލަކަށް ބޯޓު ނޭރީ ކީއް ވެގެން ހެއްޔެވެ؟

މި ބޯޓު ފަރަށް އަރާފައިވާ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށް އެނގުނީ ބަޔަކު އެންގީމަ އެވެ. އޭރު ބޯޓު އޮތީ ރަސްފަރި ފަރުމަތީގަ އެވެ. މާލެ އަތޮޅުން ނުކުމެގެން ބ. އަތޮޅަށް ނުކުންނަ އަނގަމަތީ އޮންނަ ދިރާގުން ބަލަހައްޓާ ކޮމިއުނިކޭޝަން އެންޓަނާތައް ޖެހި ރަސްފަރި އަށް ވުރެ ބޮޑު މި އުޅަނދު ފަރަށް ބީހުނުކަން އެނގީ އެ ސަރަހައްދަށް ދިޔަ މަސްވެރި އުޅަނދު ފަހަރުން އެނގީމަ އެވެ. މާލޭން ކެޔޮޅުކަމުދާ ގިނަބައެއްގެ މެދުގައި ވެސް މަގުބޫލު މި ފަރުމައްޗަށް ބޯޓު އަރާފައިވާކަމަށް އަވަސް އޮންލައިންގައި ރިޕޯޓް ކޮށްފައި ވަނީ 19 ވަނަ ދުވަހުގެ މެންދުރުން އަނބުރާ ދިޔަ ފަހުންނެވެ. މި ހަބަރު ރިޕޯޓް ކުރަން މައުލޫމާތު ސާފު ކުރަން ސިފައިންނާއި ފުލުހުންނަށް، އަދި ތިމާވެށީގެ ރައްކާތެރިކަން ބަލަހައްޓާ އީޕީއޭއަށް ވެސް ގުޅި އެވެ. ނަމަވެސް މި ބޯޓުގެ އެއްވެސް މައުލޫމާތެއް އޭރު އެއިން އެއްވެސް ފަރާތަކަށް އެނގޭ ކަމަށް ނުވެ އެވެ. ފަހަރުގައި އެކަން އެނގުނު ނަމަވެސް މީޑިއާއަށް ދޭން ބޭނުން ނުވީކަމަށް ވެސް ވެދާނެ އެވެ.

ރަސްފަރި ފަރުމަތީގައި މިހާރު އޮތް ނާވިއޮސް ބޯޓު ފުން ކުރުމަށްޓަކައި ބޯޓުގެ ވެރިޔާ އާއި އިންޝުއަރެންސް ކުންފުނި ވެސް މިހާރު ތިބީ ބޯޓުގަ އެވެ. އަދި ބޯޓު ފަރުމަތިން ދަމާކޫއްތާ ދުރަށް ލެވޭނެ ވަރުގެ އުޅަނދެއް ރާއްޖޭގައި ނެތުމުން އެކަން ކުރެވޭ ވަރުގެ ޓަގު ބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޓަގު މާދަމާ ރާއްޖެ އަންނާނެ އެވެ. އަދި ބޯޓުގެ ކަންކަން ބަލަހައްޓަން ލޯކަލް އެޖެންޓެއް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މި ބޯޓު ފުން ކުރުމުގެ ކަންކަން ދާގޮތް އެނގޭ މީހަކު އަވަސް އަށް ކިޔައިދިން ގޮތުގައި ބޯޓަށް ގެއްލުމެއް ލިބިފައިވޭ ތޯ އާއި ތެޔޮ ލީކުވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި ބޭނުންވާ އާލާތްތައް ވެސް މިހާރު ދަނީ އެއާ ފްރައިޓްކޮށް ގެނެސްފަ އެވެ. ބޯޓު ފުންކުރުމުގެ ބޮޑު މަސައްކަތް ފަށާނީ މި ހުރިހާ އާލާތް ތަކެއް ހަމަވުމުންނެވެ.

"މިހާރު ބޯޓު އޮތީ ގާތްގަނޑަކަށް ތިން މީޓަރު ތިލާގައި. އީޕީއޭ އިން ވަނީ ބޯޓުގެ ކައިރި ފަރުމަތި ބަލަން ފަށާފަ. ބޯޓަށް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖެ އަށް ލިބުނު ވަރުގަދަ އިންޒާރެއް

ދިވެހިންގެ ނަސީބުކަމަށް ވެސް ވެދާނެ އެވެ. ބޯޓު އޮތް ސަރަހައްދަކީ ރާއްޖޭގެ ރާޅު ބޮޑު ފުއްޓަރުތަކާ އަޅާބަލާނަމަ ހަމަ ހިމޭން ތަނެކެވެ. އަދި މި ސަރަހައްދު އުފެދިފައިވާ ގޮތުން މިއީ "ފްލެޓްކޮށް" އޮންނަ ފަރެކެވެ. މިހާރު މޫސުން އޮތް ގޮތުން މިއީ ހަނދު ބޮޑުވާ މޫސުމެއް ކަމަށްވުމާއެކު ދިޔަވަރު އާދަޔާ ހިލާފަށް ބޮޑުވާނެ އެވެ. އެހެންވެ ދިޔަވަރު ބޮޑުވާ ގަޑީގައި ޓަގު ބޯޓު ޖަހައިގެން މި ބޯޓު ފުން ކުރުނުގެ އޮޕަރޭޝަނަށް "ފަޅި ސިކުންތެއް" ލިބޭނެ އެވެ.

"ފުން ކުރެވިދާނެ އިކްއިޕްމަންޓް އައީމަ. އަނެއްކާ ބޯޓު ހުހަށް އޮތުމަކީ ހަމަ ނަސީބު. އަނެއްކާ މިއީ ކޮންޓެއިނާ ޝިޕެއް ވެސް ނޫން. މިއީ ވެސް ނަސީބެއް. އެހެންނޫންނަމަ ޗެލެންޖު ބޮޑުވާނެ. ކޮންޓެއިނާ ޝިޕަކަށް ނުވާތީ ލުއި ވެސް ވާނެ. ބެލެވެނީ ޓަގު ޖަހާތާ ދެ ދުވަހެއްގެ ތެރޭ ފުންވެދާނެ ކަމަށް،" މެރިޓައިމް ދާއިރާގެ ތަޖުރިބާކާރެއް ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ހަގީގަތަކީ މިއީ ނުރައްކަލުން ފުރިފައިވާ، ބިރުވެރި ހާދިސާ އެކެވެ. މި ފަދަ ކަމެއް ދިމާވެގެން ތެޔޮ ލީކުވުން ފަދަކަމެއް ހާދިސާއެއް ކުރިމަތިވެއްޖެނަމަ ރާއްޖޭގެ އިގްތިސޯދު ފުނޑިގެންދާނެ އެވެ. ރާއްޖެއަކީ "ތިމާވެށި ވިއްކައިގެން" ކައިގެން ބޮއިގެން އުޅެން ގޮތް ނިންމައިގެން ތިބި ބަޔަކަށްވާއިރު މި ހާދިސާއަކީ މިފަދަކަމަށް ތައްޔާރުވެ ތިބެން ލިބުނު "އިންޒާރަކަށް" ވެސް ވެދާނެ އެވެ. މިއީ މިފަދަ ކަމަކަށް ހަބަރުދާރުވާށޭ ބުނުން ފަދަ ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ.

ރާއްޖެއާ އެންމެ ކައިރިން ބަލާއިރު އަވަށްޓެރި ސްރީލަންކާގެ ގޮނޑުދޮށުގައި އެންމެ ފަހުން ދިމާވި ހާދިސާއަކީ ވެސް މިފަދަ ހާދިސާއެއްގެ ނުރައްކާ ފެނެ އެވެ. ލަންކާގައި ހިނގި ހާދިސާގައި މުދާ އުފުލާ ބޯޓުގައި ރޯވެ ގެއްލުން ލިބި ތެޔޮތައް ކަނޑަށް އެޅި ލިބުނު ގެއްލުން ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުން ވަޒަންކުރަން ވެސް ދައްޗެވެ. އެހެންވެ މިފަދަ ހާދިސާތަކަށް ތައްޔާރުވެ އާލާތްތައްވެސް ހޯދައިގެން ތިބުން ބުއްދިވެރި އެވެ.

ނާވިއޮސް ބޯޓު ފަރަށް ބީހުމުގެ ހާދިސާގައި ސުވާލުތައް ގިނަ އެވެ. މިކަމުގެ ސަބަބުން މި ފަރަށް ބޮޑެތި ގެއްލުން ތަކެއް ވާނެ ކަމަށް ބެލެހެ އެވެ. މި ހުރިހާކަމަށް ވުރެ ބޮޑު ކަމަކީ މިކަން ވީކަން ރާއްޖެ އަށް ނޭނގި އޮތުމެވެ. މި ހާދިސާއަށް އެހެން ނަޒަރަކުން ވިސްނާނަމަ މިކަން ވާންވީ ދިވެހިންގެ ލޯ ހުޅުވަން ލިބޭ ފުރުސަތަކަށެވެ. މި ފަދަ ހާދިސާއަކަށް ތައްޔާރުވެ ތިބެން ލިބުނު އިންޒާރަކަށެވެ.