ރ. އަތޮޅުގައި އޮންނަ އެމަރެލްޑް މޯލްޑިވްސް ރިސޯޓް ނޫނަސް ރިސޯޓް ކުނި ކޮތަޅުތައް ގެންގޮސް މޫދަށް އެއްލާލާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް ވެއެވެ. ފުޑް ވޭސްޓަކީ ކަނޑަށް އުކާލާ ކުނި ނަމަވެސް މައްސަލައަކީ އެހެން ބާވަތުގެ ކުންޏާއި ޕްލާސްޓިކް ކޮތަޅުތައް ގެންގޮސް މޫދަށް ބަންޑުން ކޮށްލާތީ އެވެ. އެފަދަ މަންޒަރު ފެންނާތީ ވަރަށް އުނދަގޫވާ ކަމަށް އެމަރެލްޑް މޯލްޑިވްސްގައި ޑައިވް ގައިޑަކަށް މަސައްކަތް ކުރަމުން އައި އއ. ހިމަންދޫއަށް އުފަން އިގްބާލް އައީ ބުނަމުންނެވެ.
ރިސޯޓުން ބޭރުކުރާ ކުނިތައް ގެންދަނީ ކުޑަކުޑަ ދޯންޏަކަށް އަރުވައިގެނެވެ؛ ކުނިތައް މޫދަށް އުކާލަން ގެންގޮސް އަނބުރާ ރިސޯޓަށް ގެންނަނީ ބާލިދީތަކެއް އެކަންޏެވެ. އެކަމަކު އެހެން ގެންދާ ޕްލާސްޓިކް ކޮތަޅުތައް މޫދަށް ނާޅަން ތަކުރާރުކޮށް އިގުބާލް ދިޔައީ އެދެމުންނެވެ. މެނޭޖްމެންޓްގައި ވެސް އެ ވާހަކަތައް ދެއްކި އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބުނެވެ.
އިގްބާލް ކިޔައިދިން ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު އޭނާ ޑައިވަށް ދިޔައީ އޮސްޓްރިއާގެ އަންހެނަކު ގޮވައިގެނެވެ. އެމީހުން ޑައިވް ކުރަން ދިޔައީ ރ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް ކަމަށްވާ "މާފަރު ކޭވް" އަށެވެ. އެ އަތޮޅަކީ ޑައިވް ކުރަން ވަރަށް ރީތި ސަރަހައްދެކެވެ.
އެ ދުވަހު ކަނޑުގެ އަޑިއަށް ދިޔަތަނާ އިރުކޮޅެއްގެ ތެރޭގައި ފުރަތަމަ ކޮތަޅު ފެނުނެވެ. އިގުބާލް ބުނި ގޮތުގައި އެ ކޮތަޅުގައި ބިސްތޮއްޓާއި ސޮސެޖާއި ކުކުޅުގެ ހަން ފަދަ އެއްޗެހި ހުއްޓެވެ. އަތްލުމުން މުޅި އަތް އޮތީ ތެޔޮވެފަ އެވެ. އެހެން ހުންނަ ކޮތަޅުތަކުގައި މަސްތައް ވެސް ތުންޖަހާ މަންޒަރު ފެނުނެވެ. އެ ދުވަހު ދެވަނަ ކޮތަޅަކަށްފަހު ތިން ވަނަ ކޮތަޅެއް ނެގީ 25 މީޓަރު އަޑިންނެވެ. އަދި އެއީ އޭނާ މަސައްކަތްކުރާ ރިސޯޓުގެ ކުނިކަން އޭނާއަށް ކަށަވަރު ކުރި އެވެ.
އެހެންވެ ތިން ކޮތަޅު ކުނި ހިފައިގެން އޭނާ ރިސޯޓަށް އަރައި އެ ތިން ކޮތަޅު ކުނި ބެހެއްޓީ ރިސޯޓްގެ ރިސެޕްޝަނުގަ އެވެ.
އެކަން އެހެން ކުރީ ކީއްވެތޯ އެހުމުން އިގްބާލް ބުނަނީ އެގޮތަށް ކުނި އުކާވަރުން އޭނާއަށް ކެތް ނުވީ އެވެ.
"ހަމަ ކެތް ނުވީ! ތަކުރާރުކޮށް އެހެން އެގޮތަށް ނުހަދަން އެދުނިން. ގެސްޓުން ވަރަށް ބޮޑު ހަރަދެއް ކޮށްފައި ރާއްޖެ މި އަންނަނީ. އަދި ހަމަ އެވަރު ހަރަދެއްކޮށްފައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދެކެލަން މިދަނީ. ދާއިރު މިކަހަލަ ކަންކަން ފެންނަން ހުންނަންޏާ ލަދު ވެސް ގަންނާނެ! އެކަމާ ފޭސް ކުރަން ޖެހެނީ ވެސް އަހަރެމެން ޑައިވަރުން. ވަޒީފާއިން ކަނޑާލާނެކަން ވެސް އެނގޭ ދިޔައިރު!" އިގްބާލް ކިޔައިދިނެވެ.
އިގްބާލް ބުނި ގޮތުގައި އެމީހުންނަށް ގޯސްވީ އޭނާ އެކަން ކުރި ގޮތެވެ. ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ވެސް އެކަން ކުރާނެ އެނޫން ގޮތްތައް ހުންނާނެ ކަމަށް ބުންޏެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ފަދަ ތަނެއްގައި މައްސަލަ ނުޖެއްސީ ކީއްވެގެންތޯ ވެސް އޭނާ ގާތުގައި އެހި އެވެ. އިގުބާލު ބުނި ގޮތުގައި އެތަންތަނަށް މައްސަލަ ލައިގެން ވާނެ ކަމެއް ނޯންނާނެ އެވެ.
ރިސޯޓުތަކަށް މަހަކު މިލިއަން ފައިސާއެއް ވަންނައިރު ކުނި މެނޭޖްކުރާނެ ރަނގަޅު މެކޭނިޒަމެއް އޮންނަން ވާނެ އެވެ. އިގުބާލްގެ ވާހަކައަކީ ވެސް އެއީ އެވެ. ފުޑް ވޭސްޓް ކަނޑަށް އުކައިލާން ގާނޫނު ހުއްދަ ކުރި ނަމަވެސް މައްސަލައަކީ އެހެނިހެން ކުނި އަޅާތީ އެވެ. ކޮތަޅަށް އަޅައިގެން ގޮސް ކޮތަޅު އަނބުރާ ގެނައުން ނުވަތަ ބާލިދީއަށް އަޅައިގެން ގޮސް ކުނިތައް އުކައިލުމަށް ފަހު ބާލިދީ އަނބުރާ ގެންދެވޭނެ އެވެ.
"އެންމެން ވެސް ބުނަނީ ކީއްވެގެންހޭ ނަގައިގެން ގެންގޮސް ރިސެޕްޝަނަށް ލީ ... އަހަރެން މިބުނަނީ އެއީ އަހަރެންނަށް އެވަގުތު ފެނުނު އެންމެ ރަނގަޅު ގޮތޭ! އަހަރެން މިހެން ކަންތައް ކުރީމަ އެންމެންނަށް ވެސް ކޮންމެވެސް އެއްޗެއް ވިސްނޭނެ. ކަނޑަށް އެއްލައިލާ ކޮތަޅުން އެންމެ ކޮތަޅެއް މަދުވުމަކީ ވެސް ލިބޭނެ އުފަލެއް،" ޑައިވް މާސްޓަރެއްގެ ގޮތުގައި 17 އަހަރުގެ ތަޖުރިބާ ހުރި އިގްބާލް ބުންޏެވެ.
އިގްބާލަށް ފެނުނު އެންމެ ރަނގަޅު ގޮތަށް އަމަލު ކުރުމުން އޭނާގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެކަމަކު ގޭގައި ހުރީ ހިތްހަމަޖެހިގެނެވެ. ސަބަބަކީ އޭނާ ކަންކުރި ގޮތުން ރާއްޖޭގެ ހުރިހާ ރިސޯޓުތަކަކަށް އަދި ހުރިހާ ރައްޔިތުންނަށް ވެސް މެސެޖެއް ލިބިގެންދާނެތީ އެވެ. އިގުބާލް ބޭނުން ވަނީ ކުނީގެ މައްސަލަ ރާއްޖޭގެ އެންމެ މަތީ ލެވެލްގެ ސަމާލު ކަމަށް ގެންދާށެވެ. ރާއްޖޭގެ ކަނޑަކީ ޓޫރިޒަމްގެ އެއް ބަޔަށް ވާއިރު ކަނޑުފަޅު ސަލާމަތުން ރީތިކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ހަދާށެވެ.
"މޫދަށް އެއްވެސް މީހަކު ކުނި ނާޅަންވީ. މިއީ ވަރަށް ސީރިއަސް މައްސަލައެއް، އެއްލާލާ ކޮތަޅު ގޮސް އެޅޭނީ ގަލެއްގައި. ގަލާއި މުރަކަ ފަދަ އެއްޗިއްސަކީ ވަރަށް ދުވަހުން ހެދި ބޮޑުވާ އެއްޗެއް. މިހެން ހެދުމުން މީހުނަށް ކަނޑު އަޑީގެ ރީތި ކަމެއް ނުފެންނާނެ. ހަމަގައިމުވެސް މަގޭ އުފަލަކީ އެއީ. ވަޒީފާއިން ވަކިކުރިޔަސް އަހަރެންނާ ކަނޑާ އޮތް ގުޅުމެއް ކަނޑައެއް ނުލެވޭނެ،"