ޓޫރިޒަމް

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ލިބޭތަ؟

ރިސޯޓް މުވައްޒަފުންގެ ހައްގުތައް އަދާ ކުރަނީ ކިތައް ރިސޯޓް ތަކުގެ ވެރިން ހެއްޔެވެ؟ ކަނޑުމަތީ އުޅަނދު ފަހަރުގަ އާއި އެއްގަމުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް އަދާ ކޮށްދޭ ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ދޭ ސާވިސް ޗާޖްގެ އިތުރުން އެމީހުން ލައްވާ އިތުރު ގަޑީގަ މަސައްކަތް ކުރުވާ ހައްގު މިންވަރަށް މުސާރަ ދޭތޯ ސުވާލު އުފައްދަ އެވެ. ހާއްސަކޮށް ދިވެހި މަހުޖަނުން ހިންގާ ރިސޯޓްތަކުގަ މި މައްސަލަ ބޮޑުކަން ފާހަގަވާ ކަމަށް ބައެއް މުވައްޒަފުން ބުނެއެވެ.

ބައެއް ރިސޯޓްތަކުގަ މަސައްކަތް ކުރާ ދިވެހިން މުވައްޒަފުން ބުނާ ގޮތުގައި ގިނަ ފަހަރު އެއް ރިސޯޓުން އަނެއް ރިސޯޓަށް ވަޒީފާ ބަދަލު ކުރަން ޖެހެނީ ވެސް މުސާރައި ހައްގު މިންވަރަށް ނުލިބޭތީ އެވެ. އަނެއްކޮޅުން ކޮވިޑްގެ ބަލި ހާލަތު ހަމަޔަކަށް އެޅިގެން ދިޔައިރު ވެސް ބައެއް ރިސޯޓްތަކުން މުވައްޒަފުން އިތުރު ނުކުރުމުން، ބުރަވަނީ މިހާރު ވަޒީފާގައި ތިބި މީހުނަށެވެ.

ހެނދުނު 6:00 އިން ފެށިގެން ރޭގަނޑުގެ 9.30 އާއި ހަމައަށް ވެސް މަސައްކަތް ކުރަން ޖެހޭ ފަހަރު ގިނަ އެވެ. ޗުއްޓީއަށް އެދުމުން އުޒުރުތައް ދެއްކުން ގިނަވެ އެވެ. ހާއްސަކޮށް ވަޒީފާއަށް ކަމޭހިތާ ގަވައިދުން ނުކުންނަ އަދި ވެރިޔަކު ކަމަކު އެދުމުން ނުނެކޭ ބުނަން ނުކެރޭ މުވައްޒަފުންނަށް މިކަމާ ގިނައިން ކުރިމަތި ލާން ޖެހެ އެވެ.

ރިސޯޓް މުވައްޒަފުންނަށް ފޯރު ކޮށްދޭ ހިދުމަތް ތަކުގެ ތެރެއިން ކެއިން ބުއިމާއި އެކި ރިސޯޓް ތަކުގައި މުވައްޒަފުންނަށް ދެވޭ ސާވިސް ތަފާތެވެ. ކަނޑުމަތީގައި މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންނަށް ބަލާލާއިރު، ދުއްވާ އުޅަނދެއްގައި ކައްޕީގެ އިތުރުން ތިން ފަޅުވެރިން ތިބެން ޖެހެއެވެ. ނަމަވެސް ޖޫރިމަނާއިން ސަލާމަތް ވުމަށާއި މެރިން ޕޮލިސް ކަނޑުމަތީގެ އުޅަނދުފަހަރުތައް ޗެކް ކުރަނީ ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް ވާތީ، ގިނައިން ރިސޯޓް ލޯންޗް ތަކުގައި ތިން ފަޅުވެރިން ހަމައެކަނި ތިބޭ ވަގުތަކީ ރޭގަނޑު އެކަންޏެވެ.

ކޮންމެ ވަޒީފައެއްގައި ވެސް ފަސޭހަތަކަކާއި އުނދަގޫތަކެއް ވާނެ އެވެ. އެގޮތުން ބަލާލާއިރު ރިސޯޓް މުވައްޒަފުންގެ މުސާރަ އާދައިގެ އެއްގަމުގައި ނޫނީ ރަށުގައި އަދާކުރާ ވަޒީފާއަށް ވުރެ ރަނގަޅެވެ. ރިސޯޓް މުވައްޒަފުންގެ ކެއުން ބުއިމުގެ ހިދުމަތްތައް ހުރިހާ ރިސޯޓް ތަކަކުންވެސް އާންމުކޮށް ރަނގަޅެ ވެ. އޮފް ދުވަސް ތަކުގައި ރިސޯޓާއި ކައިރި ރައްތަކަށް ފެރީގެ ހިދުމަތް ލިބެ އެވެ. އެކަމަކު ހެލްތް އިންޝުރަންސް ލިބެނީ މަދު ރިސޯޓް ތަކެއްގަ އެވެ.