ޓޫރިޒަމްގެ ސީޒަން ފެށުމާއެކު މި މަހު ރާއްޖޭގެ މަޝްހޫރު ގިނަ ރިސޯޓު ތަކުން ކުރިން ދެމުން ގެންދިޔަ ސާވިސް ޗާޖު ވަނީ އިތުރުވެފަ އެވެ. ރިސޯޓް ވޯކާސް ގްރޫޕުން ނެރުނު ސާވިސް ޗާޖު ލިސްޓުގައިވާ ގޮތުން މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ އެއް ރިސޯޓަކީ މާލެ އަތޮޅުގައި ހިންގާ އިތާފުށި ރިސޯޓުންނެވެ. މި ރިސޯޓުން ބޮޑު ސާވިސް ޗާޖެއް ދިންއިރު މި ރިސޯޓަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ އެއް ރިސޯޓެވެ. ގާތްގަނޑަކަކަށް 600 މުވައްޒަފުން މަސައްކަތް ކުރާ އެ ރިސޯޓުގެ ކޮންމެ މުވައްޒަކަށް 1،589 ޑޮލަރު (ގާތްގަނޑަކަށް 24،502ރ.) ވަނީ ސާވިސް ޗާޖުގެ ގޮތުގައި ބަހާފަ އެވެ.
މި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 55 ޕަސެންޓަށްވުރެ މައްޗެވެ.
ހިލްޓަންގެ ލަގްޒަރީ ހޮޓެލް ބްރޭންޑް ވޮލްޑޯފް ވޮލްޑޯފް އެސްޓޯރިއާ ރިސޯޓަކީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީ ކުރި ރަށެކެވެ. މި ރިސޯޓުން މި މަހު 24،502ރ. ސާވިސް ޗާޖުގެ ގޮތުގައި ދިންއިރު މި ރިސޯޓު ހުޅުވިފަހުން ރިސޯޓު ވޯކާސްގެ ސާވިސް ޗާޖު ގަދަ ލިސްޓުގައި އަބަދުވެސް މި ރިސޯޓު އޮވެ އެވެ.
ބޮޑުކޮށް ޗާޖު ދިން އެހެން ރިސޯޓުތައް
- ފޯސީޒަން ރިސޯޓް: 1،204 ޑޮލަރު
- ވަން އެންޑް އޮންލީ ރީތިރަށް: 1191 ޑޮލަރު
- ވައްކަރު މޯލްޑިވްސް 1،175 ޑޮލަރު
- އަނަންތާރާ ކިހަވަށް: 1040.22 ޑޮލަރު
- އަންގްސާނާ : 1025 ޑޮލަރު
- ނިޔާމަ ޕްރައިވެޓް އައިލެންޑް: 952.36 ޑޮލަރު
- މާފުށިވަރު: 883 ޑޮލަރު
- ޕުލްމަން: 764.73 ޑޮލަރު
- ޖޭއޭ މަނަފަރު: 744 ޑޮލަރު
- ހޮލިޑޭ އިން މޯލްޑިވްސް ކަނޑޫމާ: 671 ޑޮލަރު
ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު 150 ރިސޯޓެއް ހިންގަމުންދެ އެވެ. ނަމަވެސް މުވައްޒަފުންގެ ފަރާތުން ހޯދާ މައުލޫމާތުގެ މައްޗަށް ބަލައި ރިސޯޓު ވޯކާސް ޕޭޖުން އާއްމުކުރާ ސާވިސް ޗާޖު ލިސްޓުގައި އާއްމުކޮށް ހިމެނެނީ މަދު ރިސޯޓުތަކެވެ. މި އަހަރު އާއްމުކުރި މައުލޫމާތު ތަކަށް ބަލާއިރު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ 50 މުވައްޒަފުން ތިބި ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ޕްރައިވެޓް އައިލެންޑް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓް ނަގަން ގާނޫނުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ. މި މަޖުބޫރުކުރި ނަމަވެސް މިކަން އެކަށީގެންވާ ގޮތެއްގައި މޮނީޓަރު ނުކުރާ ކަމަށް ބުނެ ރިސޯޓު މުވައްޒަފުން ޝަކުވާ ކުރެ އެވެ.