ސާވިސް ޗާޖް

އިތާފުށިން މިމަހު ވެސް 2،078 ޑޮލަރުގެ ސާވިސް ޗާޖެއް

Apr 29, 2021
2

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުން މި މަހު ސާވިސް ޗާޖުގެ ގޮތުގައި 2،078.27 ޑޮލަރު ދީފި އެވެ.

ރިސޯޓު މުވައްޒަފުން ސާވިސް ޗާޖުގެ މައުލޫމާތު އާއްމު ކުރާ ރިސޯޓް ވޯކާސް ޕޭޖުގައިވާ ގޮތުން، މި މަހު މިހާތަނަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ އިތާފުށި މޯލްޑިވްސް އިންނެވެ. ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 2،078.27 ޑޮލަރު (ގާތްގަނޑަކަށް 32،046ރ) އެވެ.

އެ ރަށުގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރެ އެވެ. މި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 55 ޕަސެންޓަށްވުރެ މައްޗެވެ. މި ރިސޯޓަކީ ރާއްޖޭގައި އެންމެ ގިނައިން މުވައްޒަފުން މަސައްކަތް ކުރާ އެއް ރިސޯޓެވެ.

މިދިޔަ މަހު ވެސް އިތާފުށިން 2،433.33 ޑޮލަރު (ގާތްގަނޑަކަށް 37،521ރ.) ސާވިސް ޗާޖުގެ ގޮތުގައި ދީފައިވެ އެވެ. މިދިޔަ މަހު އިތާފުށި ނަގާފައި ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ޖޯލި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 1،823.86 ޑޮލަރު ( ގާތްގަނޑަކަށް 28،123ރ.) ދީފައިވެ އެވެ.

ވޮލްޑޯފް އެސްޓޯރިއާއަކީ ދުނިޔޭގެ ގިނަ މަހުޖަނުންނާއި ދުނިޔޭގެ މަޝްހޫރު ގިނަ ސެލެބްރިޓީން ޗުއްޓީ ހޭދަކުރާ ރިސޯޓެކެވެ. މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ އިތާފުށި ރިސޯޓުގައިވާ ފަންތީގެ ވިލާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. އިތާފުށި ނިސްބަތްވަނީ ޖަނާހުގެ އާއިލީގެ މާލޭ، އިތާމުތްގެ އަށެވެ.