ސާވިސް ޗާޖް

އިތާފުށިން މިމަހު 2،433 ޑޮލަރުގެ ސާވިސް ޗާޖެއް

Mar 23, 2021
1

ވޮލްޑޯފް އެސްޓޯރިޔާ މޯލްޑިވްސް އިތާފުށި ރިސޯޓުން މި މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 2،433.33 ޑޮލަރު (ގާތްގަނޑަކަށް 37،521ރ.) މުވައްޒަފުންނަށް ދީފި އެވެ.

ސާވިސް ޗާޖުގެ މައުލޫމާތު ހާމަ ކުރާ، ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާއްމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ރާއްޖޭގެ 150 ރިސޯޓުގެ ތެރެއިން މި މަހު އެންމެ މަތިން މިހާތަނަށް ސާވިސް ޗާޖު ދިން އެއް ރިސޯޓަކީ އިތާފުށި މޯލްޑިވްސް އެވެ. އެ ރިސޯޓުން މިމަހު 37،521ރ. ދީފައިވެ އެވެ.

އެ ރަށުގައި ގާތްގަނޑަކަށް 600 އާ ގާތްކުރާ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން ހަދާފައިވާ، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގެ އިތާފުށި ހުޅުވި ފަހުން ރާއްޖޭގައި އެންމެ މަތިން ސާވިސް ޗާޖު ދޭ ރިސޯޓުގެ ތެރޭގައި އަބަދުވެސް އަންނަނީ ހިމެނެމުންނެވެ.

ވޮލްޑޯފް އެސްޓޯރިއާއަކީ ދުނިޔޭގެ ގިނަ މަހުޖަނުންނާއި ދުނިޔޭގެ މަޝްހޫރު ގިނަ ސެލެބްރިޓީން ޗުއްޓީ ހޭދަކުރާ ރިސޯޓެކެވެ. މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ އިތާފުށި ރިސޯޓުގައިވާ ފަންތީގެ ވިލާތަކަކީ ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ތަނެކެވެ. އިތާފުށި ނިސްބަތްވަނީ ޖަނާހުގެ އާއިލީގެ މާލޭ، އިތާމުތްގެއަށެވެ.