ރިސޯޓު މުވައްޒަފުންގެ އާމްދަނީ އެންމެ ބޮޑަށް ގުޅިފައި ވަނީ ރިސޯޓުން ދޭ ސާވިސް ޗާޖާ އެވެ. ރިސޯޓް މުވައްޒަފުންނަކީ އާއްމު ވަޒީފާތަކާ ހިލާފަށް ނިސްބަތުން މުސާރަ ކުޑަ ބައެކެވެ. އެހެންވެ ރިސޯޓަކުން ވަޒީފާއެއް ހޯދާއިރު އެންމެ ބޮޑު ސާވިސް ޗާޖެއް ދެނީ ކޮން ރިސޯޓަކުން ތޯ ބަލަ އެވެ.
ޑިސެމްބަރު މަހަކީ އަބަދުވެސް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކް ދުވަސް ވަރެވެ. އަދި އެއީ އަބަދުވެސް އެންމެ ސާވިސް ޗާޖު ރަނގަޅު ބޮޑު ދުވަސް ވަރަށް ވެފައި އޮވެ އެވެ. އެކަމަކުވެސް ރާއްޖޭގައި 145 އާ ރިސޯޓު މި ވަގުތު އޮޕަރޭޝަންގައި އޮތް އިރު ރަނގަޅު ސާވިސް ޗާޖެއް ދެނީ ވަރަށް މަދު ރިސޯޓަކުންނެވެ.
ސާވިސް ޗާޖުގެ ހިސާބުތައް އެއް ކުރާ ރިިސޯޓު މުވައްޒަފުން ހިމެނޭ ރިސޯޓް ވޯކާސް އިން ވަނީ މި މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން 10 ރިސޯޓުގެ ލިސްޓެއް ހަދައި އާއްމުކޮށްފަ އެވެ. މި ލިސްޓަށް މައުލޫމާތު އެއްކޮށްފައި ވަނީ މިދިޔަ މަހުގެ 20 އިން މި މަހުގެ 20 ގެ ނިޔަލަށް ރިސޯޓުތަކުން ހޯދާފައިވާ މައުލޫމާތުންނެވެ. -- މިއީ އާއްމުކޮށް ސާވިސް ޗާޖު ދޭ މުއްދަތެވެ.
ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.
މި ފަހަރު ސާވިސް ޗާޖު ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓު މުވައްޒަފުންނަށް ލިބުނު ސާވިސް ޗާޖު ނިސްބަތުން ބޮޑެވެ. އޭގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އަށްފަހު އަލުން ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ މެދުތެރޭގައި ހުޅުވައި ރިސޯޓުތައް އަލުން އޮޕަރޭޝަނަށް ގެނައިއިރު، ގިނަ ރިސޯޓުތަކުގައި މަދު މުވައްޒަފުންނާއެކު އޮޕަރޭޓް ކުރަމުން ފެށުމެވެ. އެހެންވެ ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބުނު ސާވިސް ޗާޖު މަތިވެފައި ވެއެވެ. އެއީ މުވައްޒަފުން މަދުވުމުން ބޮލަކަށް ޖެހޭ ނިސްބަތް ބޮޑުވެފައިވާތީ އެވެ.