ހަބަރު

ރިސޯޓުތަކުގެ ބީޗް ހަދަން ވެލިނެގުމުގެ ހުއްދަ އަލުން ދީފި

ރިސޯޓުތަކުގެ ބީޗް ރީތި ކުރަން އެހެން ތަން ތަނުން ވެލި ނަގަން ހުއްދަ ދިނުމުގެ އުސޫލު އުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމުމަށްފަހު، އެ ނިންމުން އަނބުރާ ގެންގޮސްފި އެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމައި، ޓޫރިޒަމް މިނިސްޓްރީން ވެލި ނެގުން މަނާކޮށްފައިވާ ކަމަށް ބުނެ ނޫސް ބަޔާނެއް ނެރެފައިވަނީ މިދިއަ ޖޫން މަހު އެވެ.

އެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށާއި ވެލިން މުއްސަނދި ކުރުމަށް ވެލި ނެގުމުގެ އުސޫލު އުވާލާފައިވާ ކަމަށެވެ. މިއީ، ރިސޯޓުތަކުގެ ގޮނޑުދޮށް ރީތި ކުރުމަށް އެ ރިސޯޓުގެ އިހްތިސާސުން ބޭރުގައިވާ ފަޅު ތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 އެކުލަވާލާފައިވާ އުސޫލެކެވެ.

މި ނިންމުން ބަދަލު ކުރިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ނިންމުން ބަދަލު ކުރީ އެއްވެސް ފަރާތެއްގެ ޕްރެޝަރުކޮށްގެން ނޫން ކަމަށެވެ.

"އަސްލު ބަދަލު ކުރި ސަބަބަކީ އަޅުގަނޑުމެން އައުމަށްފަހު ތިމާވެއްޓާ ގުޅުންހުރި ކަންކަން މޫވްކުރީ އެންވަޔަރުމަންޓް މިނިސްޓްރީ އަށް. މިހާރު ވެސް ރަށް ގިރުމުގެ މައްސަލަ އެބަ އާދެ. މި އުސޫލު ގެޒެޓުން ނެގުމާއެކު ހުސްކަމެއް އެބަ އާދެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހެޔޮ ބަދަލެއް ގެންނަން ކުރާ ކަމެއްގައި ހުސްކަމެއްގެ ތެރެއަށް ވައްޓައެއް ނުލެވޭނެ،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަމާބެހޭ މިނިސްޓްރީތަކުން ކަމާބެހޭ ގަވާއިދުތައް އަންނަންދެން މަޑުކޮށްފައިވާ ކަމަށެވެ.

"މިއަދު ވެސް އެ ގެޒެޓުން ނެގިދާނެ. އެ ހިސާބުން ދެން ގިރަމުންދާ ރަށްރަށަށް ގާނޫނީ ފަރުވާއެއް ހޯދޭނެ ގޮތެއް ނޯންނާނެ،" އަލީ ވިދާޅުވި އެވެ.

އެ އުސޫލު އާންމުކުރި ދުވަހު އެކި މިނިސްޓްރީތަކުން ގުޅައި، ޝަކުވާތައް އައިސްފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.