އީޕީއޭ

މާފުށިވަރުގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށްގެން ޖޫރިމަނާ

Dec 29, 2021

އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް މަސައްކަތްކޮށްގެން އެތަން ތަރައްގީކުރަމުން އަންނަ ޕެރަޑައިސް ރިސޯޓްސް ޑިވެލޮޕްމެންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން މިއަދު ބުނީ މާފުށިވަރު އިތުރަށް ތަރައްގީކުރުމަށް ޕެރެޑައިސް ކުންފުންޏަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ތިމާވެއްޓަށް ގެއްލުން ފޯރާގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން 402،500ރ. އިން އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ކުންފުނި ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ޖޫރިމަނާ ފައިސާ މިހާރު ވަނީ ދައްކާފަ އެވެ.

ކޮވިޑް-19 އަށްފަހު އަލުން ރާއްޖޭގެ ޓޫރިޒަމް ހުޅުވައިލިއިރު މިދިޔަ ޖުލައި މަހު އެ ރިސޯޓު ވެސް ޓޫރިސްޓުންނަށް ހުޅުވައިލި އެވެ.

މާފުށިވަރުގައި 81 ވިލާ ހުރެ އެވެ. އަދި ފަސް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. ރިސޯޓުގައި ބީޗް ވިލާ އާއި ޕޫލް ވިލާގެ އިތުރުން ރަށުގެ ފަރުމަތީގެ ރީތި މަންޒަރުތައް ފެންނަ ވިލާ ތަކެއް ވެސް ހުންނާނެ އެވެ.