ދިރާގު

ދިރާގުން އީޕީއޭގެ "ރެސްޓޯ ރަސްފަރީ" މަޝްރޫއަށް އެހީވަނީ

އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރިއަށް ގެންދާ "ރެސްޓޯ ރަސްފަރީ" މަޝްރޫއާ ދިރާގުން ގުޅި، އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އީޕީއޭ އިން ފަށާފައިވާ "ރެސްޓޯ ރަސްފަރީ" މަޝްރޫއަކީ 2021 ވަނަ އަހަރު ރަސްފަރީ ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް އިޔާދަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ދިރާގުން ހެދި ޕާޓްނާޝިޕްގެ ދަށުން އެ ކުންފުނިން އީޕީއޭގެ ރިސްޓޯރޭޝަން ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ފަރު އިޔާދަކުރުމުގެ މަސައްކަތް ކުރާ ޓީމްތަކަށް އެ ކުންފުނިން ވަނީ ޑައިވިން ކިޓްތައްވެސް ހަދިޔާކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން ފަރު އިޔާދަކުރުމުގެ ގޮތުން ފަސް އަހަރުގެ މުއްދަތަކަށް މުރަކަ އަލުން ފަރުގައި އިންދާ އަދި ނާސަރީތަކުގައި އާލާކުރާ މުރަކަވެސް ފަރަށް ބަދަލުކުރާނެ އެވެ. އެގޮތުން ދާދި ފަހުން ކުރިއަށް ގެންދިޔަ މުރަކައިންދުމުގެ ހަރަކާތުގައި ދިރާގުގެ ދަރުމަވެރިންވެސް ވަނީ ބައިވެރިވެފަ އެވެ.

"ރަސްފަރީ މެރިން ޕްރޮޓެކްޓެޑް އޭރިއާ" ސައިޓުގައިވާ މި ފަރަކީ އެތައް ތަފާތު ދިރޭތަކެތި ދިރިއުޅެމުންދާ ސަރަހައްދަކަށް ވެފައި މިފަރު އިޔާދަކުރުމަކީ ބަޔޯޑައިވަސިޓީ ހިމާޔަތް ކުރުމަށް އެޅިގެންދާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް ދިރާގުން ދެކެ އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މިމަޝްރޫއަކީ ދެމެހެއްޓެނިވި އަދި ކާމިޔާބު މަޝްރޫއަކަށް ހެދުމަށްޓަކައި ކޮންމެ މަރުޙަލާއެއްގައިވެސް ކަމާގުޅުންހުރި ފަރާތްތަކުގެ ހަރުދަނާ ބައިވެރިވުމާއި އެއްބާރުލުން ވަރަށް މުހިއްމު ކަމަށެވެ.

"އެގޮތުން ރަސްފަރީ ހިމާޔަތް ކުރުމަށް ދިރާގުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރަން. އަދި އަޅުގަނޑުމެންގެ އުއްމީދަކީ ޕްރޮޖެކްޓް ޕާޓްނަރުންގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުން،" އިބްރާހިމް ނައީމް ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި މުހިއްމު ކޮންޒަވޭޝަން މަޝްރޫއު ކުރިއަށް ގެންދިޔުމަށް އީޕީއޭއާ ގުޅިގެން މަސައްކަތް ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ތިމާވެށި ހިމާޔަތްކޮށް ކަނޑުތަށް ބެލެހެއްޓުމަކީ އަޅުގަނޑުމެންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ މައިގަނޑު އެއް އަމާޒު. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ ތިމާވެއްޓަށް ފައިދާކުރުވަނިވި ހަރަކާތްތަކުގައި ބައިވެރިވުމަށް،" މިރްޝާން ވިދާޅުވި އެވެ.

ދިރާގުން އަންނަނީ ދިވެހިރާއްޖޭގެ ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ މަޝްރޫއުތަކާއި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.