ދިރާގުގެ ސީއެސްއާރްގެ ދަށުން މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
"ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.
މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެއެވެ.
މި ޕްރޮގްރާމްގެ ދަށުން، ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން މަމްސް އެއިޑް އިން ކުރިއަށް ގެންދިޔަ "ރަމަޟާން އެއިޑް" އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.
"ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް" ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މަމްސް އެއިޑްއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ މި ޕާޓްނާޝިޕްގެ މަގްސަދަކީ، މި އާއިލާތަކަށް އެއްބާރުލުން ދިނުމާއި ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށް ދިރާގުން ބުނެފައިވެ އެވެ.