ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 19 އެޕްރެންޓިސްއަކަށް އިއްޔެ ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވި އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާ އަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީއެސްއާރު ޕްރޮގްރާމެވެ. އަދި މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މި
ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ވިދިވިދިގެން ކޮންމެ އަހަރަކު އަންނަނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުންނެވެ. މިހާތަނަށް ޖުމްލަ 288 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި ދިރާގުން ވަނީ 20 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 16 ވަނަ ބެޗަށްވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ. އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ދިރާގަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޒުވާނުން ތަރައްގީކުރުމަށް ދިރާގުގެ އިސްނެގުމުގެ މަތިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބުކަން ފާހަގަކުރައްވާ ދިރާގަށް ޝުކުރު އަދާކުރެއްވި އެވެ.
މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ވިދާޅުވެ ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިސްމާއީލް ރަޝީދު ވިދާޅުވީ ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކީ އަދާކުރަމުން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައިވެސް ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.
ދިރާގުގެ އަމާޒަކީ ކުރިއަށް އޮތް މުސްތަގްބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.