ސަރުކާރުން ދަނީ އަންނަ ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. ކޮވިޑް-19 އަށްފަހު "ނިއުނޯމަލް" ގައި ޓޫރިޒަމް ހުޅުވާލުމުގައި އަމަލު ކުރާނެ އުސޫލެއްގެ ދެލިކޮޕީއެއް މިހާރު ވަނީ ޓޫރިޒަމް ސިނާއަތުގެ ހިއްސާދާރުންގެ ހިޔާލަށް ހުށަހަޅާފަ އެވެ. އެކުލަވައިލި ދެލިކޮޕީގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން މިހާރުވެސް ދަނީ ބުނަމުންނެވެ.
އަދި ރާއްޖޭގެ ޓޫރިޒަމް ކުންފުނިތައް ތަމްސީލް ކުރާ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފައިވާ ގޮތުގައި އެ ދެލިކޮޕީ ނުވަތަ ޑްރާފްޓް އެކުލަވާލުގައި އެ ޖަމިއްޔާގެ އެއްވެސް ބަހެއް ހޯދަފައެއް ނުވެ އެވެ.
ދެލިކޮޕީގައި ހުރި ގިނަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ސިނާއަތަށް ކުރެވޭނެ އަދި އުފުލޭނެ ބުރައެއް ނޫން ކަމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ބައެއް ފަރާތް ތަކުން ބުނަމުން އެބަދެ އެވެ. އެ މީހުން ބުނާ ގޮތުގައި ސަރުކާރުން ނެރުނު ދެލިކޮޕީއަކީ ރާއްޖެ ފަދަ ބައި ގަރުނުގެ ވާން ކައިރިވެފައިވާ ޓޫރިޒަމްގެ ބޮޑު ބްރޭންޑަކުން ނެރޭނެ "ލަދުވެތި" ލިއުމެކެވެ.
އެހެން ކަމުން "ނިއު ނޯމަލް" އަކަށް ރާއްޖޭގެ ޓޫރިޒަމް ޖުލައިގައި ދާއިރު އެ ހާލަތުގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަ ތައްޔާރުވެ އެކުލަވައިލާ މި ގައިޑްލަންގެ ފުރަތަމަ ދެލިކޮޕީ ބަލައިލަން ޖެހެެ އެވެ. ރަނގަޅަށް ބަލާލައި "ފެލާލުމުން" ނުކުންނަނީ ކޮން ކުލަތަކެއްތޯ ބަލައިލާން ވެސް ޖެހެ އެވެ.
"އަޅުގަނޑު ހަމަ ހައިރާންވެފަ މިހުރީ މި ގައިޑްލައިންގެ، ޑްރާފްޓުގައި އެބައިން ރިސޯޓް އަލުން ހުޅުވަން ލައިސަންސްގެ ގޮތުގައި 50،000 ޑޮލަރު ނަގަން. ހަމަ ހިތަށް އަރަނީ މީގައި މި ހުރި އަދަދުތަކަކީ ކިހިނެއް ނެރުނު އެއްޗެއް ތޯ؟ މިއީ ކޮން ބަޔަކު ކުރި ކަމެއްތޯ ވެސް މިއީ ހަމަ އޮތް ސުވާލެއް؟." ރާއްޖޭގެ ޓޫރިޒަމް ކުންފުންޏެއް ކަމަށްވާ ތްރީއޭގެ އެއް ޑިރެކްޓަރު ކަމަށްވާ، މޫސާ ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެ އަލުން ޓޫރިޒަމް ހުޅުވާލަން ގައިޑްލައިނެއް ތައްޔާރު ކުރަމުންދާއިރު އެހެން ގައުމުތަކުން ވެސް ވަނީ ޓޫރިޒަމް ހުޅުވާލަން މިފަދަ ގައިޑްލައިންތަކުގެ ޑްރާފްޓްތައް ތައްޔާރުކޮށްފަ އެވެ. އެ ގައުމުތަކުން ވެސް ހިޔާލު ހޯދަން ގައިޑްލައިން ފުރަތަމަ ދޫކޮށްލީ އިންޑަސްޓްރީ އަށެވެ.
އަވަށްޓެރި ސްރީލަންކާގެ "ޓޫރިޒަމް ނިއު ނޯމަލް" ގައި ހުޅުވާލުމަށް އާއްމު ކޮށްފައިވާ ގައިޑްލައިންގެ ކޮޕީއެއް ވަނީ އަވަސް އޮންލައިނަށް ލިބިފަ އެވެ. އެ ގައިޑްލައިންނާއި ރާއްޖޭން ނެރެފައިވާ ގައިޑްލައިންއާ އަޅުވާ ބައިލާއިރު އެނގެނީ ރާއްޖޭން މިކަން ކޮށްފައިވަނީ "އަމާބުނީތީ ފަރަށްދާ" ހެން އަދި "ބުނީތީ ވަލަށް ދާ" ހެން ހަމަ ތިބެލާފައި އެއްޗެއް ލިޔާ އުސޫލުން ކަމެވެ.
އެންމެ ރަނގަޅެވެ؛ ރާއްޖެއާ ޓޫރިޒަމާ އަޅާ ނުކިޔާނީ އެވެ. އެކަމަކު ގައިޑްލައިނެއްގައި ކަވަރު ކުރަން ޖެހޭ ގިނަ ބައި ތަކެއް ރާއްޖޭން ނެރެފައިވާ ޑްރާފްޓުގައި ނެތެވެ. ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ބައެއް ބޭފުޅުން އެ ޑްރާފްޓާ މެދު ދެކޭ ގޮތް ސިފަކޮށް ދެއްވާން ވާހަކަފުޅު ދެއްކެވުމުގެ ބަދަލުގައި ޖައްސަވައިލައްވަނީ ހިނިގަނޑެކެވެ.
"މިއީ ހަމަ ކަމަކަށް ކަމެއް ކުރަން ވެގެން ނެރެފައިވާ ތާކުންތާކު ނުޖެހޭ އެއްޗެއް،" ޓޫރިޒަމްގައި ވަރަށް ބޮޑު ވިޔަފާރިވެރިޔަކު ކުރުކުރުކޮށް ވިދާޅުވި އެވެ.
"މި ޑްރާފްޓް ބަލާފައި ރާއްޖެއަށް ޓޫރިސްޓުން ގެންނަ ބޭރުގެ އެއާލައިނެއްގެ މެނޭޖަރަކު އަޅުގަނޑު ގާތުގައި ވިދާޅުވި މިއީހޭ ރާއްޖޭގެ ވިސްނުމަކީ. އޭނާ މި ޑްރާފްޓް ހިފައިގެން އިންނެވީ ސޯފާގައި ބައި ގަޑިއިރު... ވިދާޅުވާނެ އެއްޗެއް ނޭނގިފަ،" ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ރިސޯޓު އޯނަރަކު ވިދާޅުވި އެވެ.
ރިސޯޓު އޯނަރުންގެ ކަންބޮޑުވުންތައް ބޮޑު
ދެލިކޮޕީގައިވާ ގޮތުން ރިސޯޓު ހުޅުވާއިރު ލާޒިމް ކުރާ ކަންތައް ތަކެއް ހުރެ އެވެ. ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ. ރިސޯޓެއް މި ހާލަތުގައި ހުޅުވަން ލައިސަންސް ދެވޭނީ 50،000 ޑޮލަރުގެ ފީއެއް ދައްކާފަ އެވެ. އަނެއް ކަމަކީ ރިސޯޓްގެ ރެޖިސްޓާޑް ރޫމްތަކުގެ 10 ޕަސެންޓް "އައިސޮލޭޝަނަށް" އަށް ހާއްސަ ކުރަން ޖެހެ އެވެ.
އަދި ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މީހުން އެއް ފަހަރާ ކަރަންޓީނު ކުރަން ޖެހުނަސް އެކަން ކުރެވޭނެ ވަސީލަތްތައް ރިސޯޓްގައި ގާއިމްކޮށްފައި ބަހައްޓަން ލާޒިމް ކުރެ އެވެ. ދެލިކޮޕީ ގައިޑްލައިންގައި އޮތް ގޮތަށް އުސޫލު ހަދައި ނެރެފި ނަމަ 50 ރިސޯޓު އަލުން މި ވަގުތަށް ހުޅުވިއަސް ސަރުކާރަށް އާމްދަނީގެ ގޮތުގައި "ވަން ޓައިމް ޕޭމަންޓް" ގެ ގޮތުގައިި 2.5 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ރާއްޖޭގެ ރިސޯޓު ތަކެއް ހިންގާ ރިސޯޓު އޯނަރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރިސޯޓަކީ އެއް ވަރެއްގެ އެއް ސައިޒެއްގެ ތަންތަނެއް ނޫނެވެ. އެހެންކަމުން ސްޓާފުންނަށް ވަކިން އައިސޮލޭޝަން ކޮޓަރި ތަކެއް ބަހައްޓައި ޓޫރިސްޓުންނަށް ވަކި އަދަދެއްގެ ބަހައްޓަން ދަތިވާނެ އެވެ. އަދި ވަކިން ކޮންމެ ރިސޯޓެއްގައި ޑޮކްޓަރަކާއި ނަރުހެއް ހޯދުމަކީ ވެސް މިހާރު ދުނިޔޭގެ ހާލަތަށް ބަލާއިރު ދަތިކަމަށް ވާނެ އެވެ. ބަދަލުގައި ރިސޯޓުތަކާ ކައިރި ހިސާބުތަކުގައި ހުންނަ ރަށްރަށުގެ ފެސިލިޓީތައް ސަރުކާރުން ވަރުގަދަ ކުރުން މުހިންމު ކަމަށް އޭނާ ދެކެވައިގަނެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ނެރުނު ދެލިކޮޕީ ކިޔާލުމުން ސިފަވަނީ "ހެލްތު މެޝާސް" ތަކެއް ނަގަން ވެގެން ހަދާފައިވާ އެއްޗަކަށް ވުރެ ބޮޑަށް އެއްފަހަރާ ފައިސާގަނޑެއް ހޯދަން އަޅާ "ރެވެނިއު މެޝާސް" ތަކެއް ގޮތުގަ އެވެ.
"މިއީ މުޅި ދުނިޔެ އަށް ވެސް ދަތި ހާލަތެއް. އެހެންވެ ރިސޯޓަށް ލައިސަންސް ދޭން 50،000 ޑޮލަރު ނެގުމަކީ މި ވަގުތަށް ކުރިމަތިވާނެ ފައިނޭންޝަލް ބާޑަންއެއް އޯނަރުންނަށް ވެސް،" އޭނާ ވިދާޅުވި އެވެ
އެހެން ރިސޯޓެއްގެ އޯނަރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓުތަކެއް މެނޭޖު ކުރަނީ ޔޫރަޕުގެ ކުންފުނިތަކުންނެވެ. މެނޭޖްމަންޓް ސްޓޭންޑަޑްތައް ހުންނާނީ އީޔޫގެ މިންގަންޑުތަކަށެވެ. މި ސްޓޭންޑަޑްތަކާ ސަރުކާރުން އެކުލަވާ މިންގަނޑުތައް ދިމާވެ، މެޗުވާން ޖެހޭނެ އެވެ.
"އެއާލައިން ތަކުން ނިއު ނޯމަލްގައި ފަށާއިރު ސޭފްޓީ ގޮތުން މާބޮޑެތި ފިޔަވަޅުތައް އަޅާނެ. އެހެންވީމަ ސަރުކާރުން ނަގާ މެޝާތަކާ އެއާލައިންތަކާ ޖެހޭނެ މެޗުވާން ޖެހޭ. އަނެއް ކަމަކީ ރިސޯޓަކުން ކޮވިޑުގެ ޕޭޝަންޓެއް ފެންނަ ހިސާބުން އެ ރިސޯޓެއް ބްލެކްލިސްޓް ވާނެ. ދެން އެތަނަށް މީހަކު ގެނައުމަކީ ދަތި ކަމަށް ވާނެ. އެހެންވީމަ މިއީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭނެ ކަމެއް ނޫން،" ރިސޯޓު އޯނަރަކު ވިދާޅުވި އެވެ.
ތްރީއޭގެ ޑިރެކްޓަރު މޫސަ ވިދާޅުވި ގޮތުގައި މިހާރު ގައިޑްލައިންގައި ހުރި ގިނަ ކަންތައް ކޮށްގެން ރާއްޖޭގެ ގިނަ ރިސޯޓުތައް ނުހުޅުވޭނެ އެވެ.
"މިގޮތަށް މިކަން ކުރާނަމަ [ގައިޑްލައިން ޑްރާފްޓް ފައިނަލް ކޮށްފިނަމަ] އަޅުގަނޑުގެ ސަޖޭޝަނަކީ ސަރުކާރުން ރާއްޖޭގެ ވިއްސަކަށް ރިސޯޓު މި ވަގުތަށް އޯން ކުރުން. ނަގައިގެން ހަމަ އަކަށް އެޅެން ދެން ސަރުކާރުން ހިންގުން. އޭރުން ސަރުކާރުން ޕްރޮމޯޓް ވެސް ކުރާނީ. އޭރުން އެ ބޭފުޅުންގެ މުވައްޒަފުން ލައިގެން، ސަރުކާރުން ހިންގިދާނެ. އެނޫން ގޮތަކަށް އަޅުގަނޑުމެން ލެވަލްގައި ރިސޯޓު ހިންގާ ބަޔަކަށް މިކަން ކުރެވޭނެ ގޮތެއް ނުފެނޭ،" މޫސަ ވިދާޅުވި އެވެ.
މިއީ މީހުން ގެންނަން ހެދި އެއްޗެއް ނޫން
ޓޫރިޒަމް ސިނާއަތުގައި ހިދުމަތް ކުރައްވާފައިވާ މާހިރުން ދެކެ ވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގައިޑްލައިންގެ ދެލިކޮޕީއަށް ބަލާއިރު އެ އެކުލަވާލާފައި ވަނީ ހަމަ ޖެހޭ ވިސްނުމެއްގައި ނޫންކަން އެނގެ އެވެ. އަދި އެއީ ރާއްޖޭގެ ލެވެލް ނޫނެވެ،. މީގެ ސަބަބުން ޓޫރިސްޓުން އައުމުގެ ބަދަލުގައި ބާރު ލިބެނީ ޓޫރިސްޓުން ނައުމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި ޓޫރިޒަމް ހުޅުވާލާ ގައިޑްލައިންގެ ދެލިކޮޕީގައި މިހާރު އޮތްގޮތުން ޓޫރިސްޓުން ރާއްޖެ އަންނަން ޖެހޭ އެއްވެސް ސަބަބެއް އޭނާށް ފެނިވަޑައެއް ނުގަތެވެ.
"ރާއްޖެ އެކަންޏެއް ނޫން ދުނިޔޭގައި އޮތީ ރާއްޖެ ފަދަ މާހައުލު އޮންނަ. ރާއްޖެވީމަ ކޮންމެހެން އަންނަން ޖެހޭ ސަބަބެއް ނެތް. ރާއްޖެ ފަދަ ވަކިން ރަށްތައް ނެތް ނަމަވެސް ޓޯރާ ބޯރާ ފަދަ ތަންތަނުގައި ރާއްޖޭގެ މާހައުލު އެބައޮތް. ފްލޯޓިން ވިލާތައް ވެސް އެބަހުރި. އެހެންވީމަ މިވަރުގެ ފީއެއް ނަގައިގެން ހިދުމަތް ނުދެވޭ ގޮތަށް އޮންނަ ނަމަ އައުމުގެ ބޭނުމަކީ ކޮބާ؟،" ގައިޑްލައިނާ ބެހޭ ގޮތުން ހާރިސް ސުވާލު އުފެއްދެވި އެވެ.
މި އަގުތަކުގައި ޖެޓެއް، ޗާޓަރެއް ނުގެނެވޭނެ
ޓޫރިޒަމް މިނިސްޓްރީގެ މި ދެލިކޮޕީގައި ބޮޑެތި އަދަދު ތަކެއް ނަގަން ހިމަނާފައި ވެއެވެ. އެގޮތުން ޓޫރިސްޓުން ގޮވައިގެން އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާރު ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގަން ހުށަހަޅާފައިވެ އެވެ. އަދި އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައި ވެ އެވެ. މީގެ އިތުރުން ސުޕަ ޔޮޓު ތަކުން 10،000 ޑޮލަރުގެ ފީއެއް ނަގަން ހުށަހަޅާފައިވެ އެވެ.
ޕްރައިވެޓް ޖެޓް އޮޕަރޭޓް ކުރާ ކުންފުނިތަކުން ބުނެފައިވާ ގޮތުގައި މި ވަރުގެ ބޮޑު އަދަދުތަކެއް ޖެހުމުގެ ސަބަބުން މި ސިނާއަތުގެ އަގު ވެއްޓިގެން ދާނެ އެވެ. މީގެ ސަބަބުން ރާއްޖެއިން ކޮމްޕެޓިޝަނަށް ނުކުތުމާއެކު ބްރޭންޑް ފަހަތަށް ސޮއްސައިލުމުގެ ފުރުސަތު އެބައޮތެވެ،
އެމެރިކާގެ ޕްރައިވެޓް ޖެޓް އޮޕަރޭޓް ކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ޔުނިވާސަލް އޭވިއޭޝަންގެ ހިދުމަތް ރާއްޖޭގައި ދޭ، އޭސް އޭވިއޭޝަންގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި ޓޫރިޒަމް ހުޅުވާލަން އެކުލަވާލާފައި ގައިޑްލައިންގެ ދެލިކޮޕީ ފެނިގެން ބޭރުގެ ފަރާތް ތަކުން މިހާރުވެސް ޝަކުވާ ކުރަން ފަށައިފި އެވެ.
"ޖެޓުތައް ރާއްޖެ އައުމުން ފީތައް މި ނަގަނީ އޭރު ބުރަދަނަށް ބަލާފައި. ޖެޓުން މި އަންނަނީ ވަރަށް އެކްސްކްލޫސިވް ހިދުމަތް ތަކެއް ބޭނުންވާ ބައެއް. އެހެންވެ އެ މީހުން ސީއައިޕީ ބޭނުން ކުރާތީ ބޮލަކަށް 180 ޑޮލަރުވަރު ދައްކާނެ. ދެން އަނެއްހެން ޖެޓެއް ފުރައިގެންދާއިރު، އާއްމުކޮށް ލިބޭނީ 8،000 ޑޮލަރާއި 12،000 ޑޮލަރު ވަރު. ހަފުތާއެއްހާ ދުވަހު ރާއްޖޭގަ ތިބިއްޔާ 22،000 ޑޮލަރު ވަރު ލިބިދާނެ. އެހެންވީމަ ޖައްސާ ކޮންމެ ފަހަރަކު 50،000 ޑޮލަރު ދައްކަން ޖެހިދާނެތީ އެ މީހުން [ބޭރު ކުންފުނި] އިން ވަރަށް ޝަކުވާ ކުރޭ، ކަންބޮޑުވޭ،" ފިރާގު ވިދާޅުވި އެވެ.
ރާއްޖެއަށް ޗާޓަރު ފްލައިޓް ބާއްވާ ރިސޯޓް ލައިފް މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި ޗާޓަރު ފްލައިޓުން އަންނަނީ ބަޖެޓު މީހުނެވެ. އެހެންވެ މިވަރުގެ ބޮޑު އަދަދެއް ޑްރާފްޓެއްގައި ވެސް ޖަހަނީ ސަރުކާރަށް އެއްވެސް އެއްޗެއް ނޭނގޭތީ އެވެ.
"މިއީ ގަސްތުގައި ބަޔަކު ރާވައިން ކުރާ ކަމެއް. އާއްމުކޮށް އަޅުގަނޑުމެން ޗާޓަރުގައި ޔޫކްރެއިނަށް ރިޓާން މި ވިއްކަނީ 600 ޑޮލަރަށް. އެކަމަކު ޗާޓަރު ފްލައިޓު ޖައްސަން 50،000 ޑޮލަރު ނެގީމަ އިތުރުވޭ އެބަ 250 ޑޮލަރު ބޮލަކަށް. އެހެންވީމަ ޓެކްސްތަކާއެކު އެބަ ޓިކެޓުގެ އަގު ބޮޑުވޭ 1،000 ޑޮލަރު ވަރަށް. އެހެންވީމަ މިވަރުގައި ޗާޓަރުން އަންނަން ތިބި މީހުން ގެނެވޭނެ ތޯ މިއީ ސުވާލެއް؟ އެހެންވެ އަލުން އިސްލާހުކޮށް ނެރޭއިރު އެބަޖެހޭ މި ކަންކަން ރަނގަޅު ކުރަން،" މި އަހަރުގެ ޖެނުއަރީ މަހު ރަޝިއާ އާއި ޔޫކްރެއިން އިން ޓޫރިސްޓުން ގެނައި ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.
ކޮވިޑަށް ފަހު ހުޅުވެނީ ރާއްޖެ އެކަންޗެއް ނޫނެވެ. ދުނިޔޭގެ ޓޫރިޒަމް ހުޅުވާއިރު ރާއްޖެއިން ވެސް ޓޫރިސްޓުން ގެންނަން ނުކުނަން ޖެހެނީ ދުނިޔޭގެ ބާޒާރަށެވެ. އަދި މީހުން ގެނެވޭނީ މި ބާޒާރުގައި ވާދަ ކޮށްގެނެވެ. އެއްޗެއް ވިކައިގެންނެވެ. އެހެންވެ މިހާރު ބަލަންވީ ރަންބިސް އަޅާ ކުކުޅު މަރާލައިގެން އޭގެ ބިސް ނެގުމުގެ ބަދަލުގައި ދުރު ރާސްތާގެ ވިސްނުމަކަށެވެ. ރާއްޖެ އަންނަ މީހުންނަށް އާދެވޭނެ މަގު ފަހިކޮށް ދޭންވީ އެވެ. އެކަމަކު ނިއުނޯމަލްގައި ޓޫރިސްޓުން ގެންނަ ހެދި ފުރަތަމަ ދެލިކޮޕީ އިން އެކަމެއް ނުފެނެ އެވެ. މި ދެލިކޮޕީ ފެލާލުމުން ނުކުންނަނީ މުޅިން އެހެން ކުލަ އެކެވެ. އެ ކުލަ ރާއްޖެއަކާ ނުގުޅެ އެވެ.